Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.އަހްމަދު އަބްދުﷲ ދީދީ

އިންޑިއާ ސަފީރު އުޅެނީ އިސްތިއުމާރީ ބާރެއްގެ ގަވަރުނަރެއް އުޅޭ ޒާތަށް: ޑރ.އަޙްމަދު

ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އުޅުއްވަނީ ޑިޕްލޮމެޓަކު އުޅުއްވާ ގޮތަށް ނޫންކަމަށާއި، އޭނާ އުޅުއްވާ ގޮތް ބޮޑަށް އެއްގޮތީ އިސްތިއުމާރުގެ ޒަމާނުގައި އިސްތިއުމާރީ ބާރުތަކުގެ ގަވަރުނަރުން އުޅުއްވި ގޮތާކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޔޫރަޕުން ދުނިޔޭގެ އެހެނިހެން ބައްރުތައް އިސްތިއުމާރުކުރި ޒަމާނުގައި އިސްތިއުމާރުގެ ދަށުގައި ހުރި ޤައުމުތަކުގައި އިސްތިއުމާރީ ބާރުތަކުން ގަވަރުނަރުން ބައިތިއްބައެވެ. އަދި ނަމެއްގައި އެ ޤައުމުތަކުގެ އަމިއްލަ ސަރުކާރުތަކެއް ޤާއިމުކުރުމަށްފަހު، ސަރުކާރުގެ ހުރިހާ ހިންގުމެއް ގަވަރުނަރުގެ ދަށުން ހިންގާ ގޮތަށް ހަމަޖައްސާފައި އޮވެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ.އަޙްމަދު އިންޑިއާގެ ސަފީރުގެ އުޅުއްވުމަށް ފާޑުވިދާޅުވީ ޖެން ހޮޓަލުގައި ސަރުކާރުގެ ވަޒީރުންތަކަކާ އޭނާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ. ރޭގެ ވަގުތެއްގައި ސަފީރުވަނީ ރިޔާސީ ގަނޑުވަރަށް ވަޑައިގެން ރައީސް އިބްރާހީމާވެސް ބައްދަލުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަށްފަހު، ރެއާއި މިއަދު އިންޑިއާ ސަފީރު ގެންދަވަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ސަރުކާރުގެ ވެރިންގެ އިތުރަށް އެހެނިހެން ސިޔާސީ ލީޑަރުންނަށްވެސް ގުޅުއްވައި ބައްދަލުކުރައްވަން މަސައްކަތްކުރައްވާކަމުގެ މައުލޫމާތު "ދިޔަރެސް"އަށްވަނީ ލިބިފައެވެ.

ސަފީރު އުޅުއްވާ ގޮތާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.އަޙްމަދު ވިދާޅުވީ އިންޑިއާ ސަފީރު ކުޅުއްވަނީ ސަފީރަކު އަދާކުރައްވަންޖެހޭ ޑިޕްލޮމެޓިކް ދައުރު ނޫން ކަމަށެވެ. " އެ ދައުރު އޭނާ އަދާކުރުމުގައި ތަބާވާންޖެހޭ ޕްރޮޓްކޯލްތަކެއް ޤާއިމުވެފައި ހުންނާނެ. އެ ގޮތުން އޭނާ ތަބާވާ ދައުލަތުން ފޮނުވާ މެސެޖްތަކާއި އަންގާ އެންގުންތައް ޚާރިޖީ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދެވޭ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ،" ޑރ.އަޙްމަދު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު ފިޔަވައި އެހެން އެއްވެސް ޤައުމެއްގެ ސަފީރަކު އޭނާ އުޅުއްވާ ގޮތަށް ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގެ ތެރެއަށް ވަދެވަޑައިގެން އެކި ކަންކަމަށް އަތް ބާނުއްވައި އިރުޝާދުތައް ދެއްވައި ނުހައްދަވައެވެ.

ޑރ.އަޙްމަދު އިތުރަށް ވިދާޅުވީ ޚާރިޖީ ގުޅުންތައް ހިންގުމަށް ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމުގައި ކަނޑައެޅިފައިވާ އެއްވެސް ޕްރޮޓޮކޯލަކަށް ނުބައްލަވައި، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވދެ، ބޭނުންއިރަކު ރައީސާއި ދައުލަތުގެ އިސްވެރިންނާ ބައްދަލުކޮށް އުޅުނީ އިސްތިއުމާރުގެ ދުވަސްވަރު އިސްތިއުމާރީ ބާރު ތަމްސީލުކުރަން އައްޔަންކޮށްފައި ތިބި ގަވަރުނަރުން ކަމަށެވެ.

ސަފީރުގެ އުޅުއްވުމަށް ފާޑުވިދާޅުވުމަށްފަހު، ޑރ.އަޙްމަދުގެ ޓުވީޓު ނިންމަވައިލެއްވީ ސުވާލުތަކަކުންނެވެ. އެގޮތުން ރާއްޖެ މިހާރު އޮތީ އިންޑިއާއިން އިސްތިއުމާރުކޮށްފައިތޯއާއި، އިންޑިއާ ސަފީރަކީ އިސްތިއުމާރީ ބާރު ތަމްސީލުކުރާ ގަވަރުނަރެއްތޯ އޭނާ ސުވާލުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ