Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާ ސަފީރު

އިންޑިއާ ސަފީރު ސަރުކާރުގެ ބައެއް ވަޒީރުންނާ ހޮޓެލް ޖެންގައި ބައްދަލުކުރައްވަނީ

ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ސަރުކާރުގެ ބައެއް ވަޒީރުންނާ ހޮޓެލް ޖެންގައި ބައްދަލުކުރައްވަން ވަޑައިގެންފިއެވެ.

އިންޑިއާ ސަފީރު ބައެއް ވަޒީރުންނާ ބައްދަލުކުރައްވަން ވަޑައިގެންފައިވާއިރު އޭނާ ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ރިޔާސީ ގަނޑުވަރު މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ރޭ ބައްދަލުކުރައްވާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރޭ 9:15 ހާއިރު ކާރުކޮޅުގައި މުލިއާގެއަށް މަހާވަރު ވަޑައިގެން ފައިބާވަޑައިގަތުމުން ކާރުކޮޅު ގެންގޮސް ދުރުގައި ޕާކުކޮށްފައި ބޭއްވިއެވެ. އެއާއެކު ރައީސްގެ އަރިހަށް ވަޑައިގެން އޭނާވަނީ ރައީސާގެ ފަންސަވީހަކަށް މިނިޓު ހޭދަކުރައްވާފައިކަމަށް ރައީސްގެ ބޮޑީގާޑުންގެ ތެރެއިން ދެ ބޭފުޅަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

އެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު ސަފީރުގެ މޫނުފުޅު މަތިން ވަރަށް ބޮޑަށް ކޯފާވެފައި ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވިކަމުގެ އަސަރުތައް ސާފުކޮށް ފެނުނުކަމަށް ބޮޑީގާޑުން ވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުމުގައި ރައީސާއި ސަފީރު ދެއްކެވި ވާހަކަފުޅު ނޭނގޭކަމަށް އެބޭފުޅުން މައުލޫމާތު ދެއްވިއެވެ.

މިކަންކަމުގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދިވެހިން ސިފައިންނާ ގުޅިގެން މިއަދު ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި, ރާއްޖޭގައި އިންޑިޔާ ސިފައިން ނެތް ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމަށާއި, އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމެއް ނެތް ކަމަށް ބުނެ އޮޅުވާލަން ދަނީ ރާވަމުންނެވެ.
މި ނޫސްވެރިން ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ މިއަދު ހެނދުނު ރައީސް އިބްރާހީމް, އެމަނިކުފާނަށް އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވާން ޖެހުނީ އިންޑިއާ ސިފައިންނާ ގުޅޭގޮތުން ފެތުރި ދޮގު ވާހަކަތަކާއި ގުޅިގެން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ވާހަކަތަކަށް ރައްދު ދެއްވާނެ ކަމަށް ރައީސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް އާދަޔާ ޚިލާފު ބޮޑު ނާކާމިޔާބަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެ އިންތިޚާބުން އެމަނިކުފާނަށް ލިބިވަޑައިގަތީ 36 އިންސައްތައެއްހައި ވޯޓެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ބުރެއްގަައި އިންތިޚާބު ކާމިޔާބުކުރެއްވުމުގެ ފުރުސަތުވެސްވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ރައީސް އިބްރާހީމާއި އެމްޑީޕީން އިންތިޚާބު ފެށުމުގެ ކުރިންވެސް ވިދާޅުވެފައިވަނީ އެއްބުރުން ބޮޑު އަޣުލަބިއްޔަތާއެކު އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެފައިވަނީ 56 އިންސައްތައަށްވުރެ އެންމެ ވޯޓެއްވެސް މަދުނުވާ މިންވަރަށް ރައީސް އިބްރާހީމަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް އިބްރާހީމަށް އެހީތެރިވުމަށް އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ޓީމެއް ރާއްޖެ އައިސް އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާއެކު މާލެއާއި ރާއްޖޭގައި މަސައްކަތްކުރިއެވެ. އެ ޓީމުގެ ބެލުންތަކަށްފަހު އެއްބުރުން އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުނުވާނެކަމަށް އެ ޓީމުން ބުނި ނަމަވެސް، އެޓީމުން ލަފާކުރި މިންވަރަށްވުރެވެސް ނަތީޖާ ދަށްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމަށް ކާމިޔާބުނުވެއްޖެެނަމަ ދެން އަންނަ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ބޮޑު އެއް އަމާޒަކަށްވާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލުމާއި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވަނުން ހުއްޓުވުން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ