އަތޮޅު ތެރޭގައި ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވައި ކުންފުނީގެ މަސައްކަތްތަކާ ގުޅުމެއް ނެތް މަސައްކަތްކުރުވާތީ، އެ މުވައްޒަފުން ކުންފުނީގެ އެމްޑީ އަޙްމަދު ޝަރީފާ ދެކޮޅުހެދުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދީފިއެވެ.
ސްޓެލްކޯއިން 4 އަތޮޅެއްގައި ކަރަންޓުގެ ޚިދުމަތް ދެއެވެ. އެއީ ކ.އަތޮޅާއި ވ. އަދި އއ.އާއި އދ. އަތޮޅުގައެވެ. މި އަތޮޅުތަކުގެ ރަށްތަކުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވައި އެ މުވައްޒަފުންގެ މަސައްކަތުގެ ދާއިރާއިން ބޭރު މަސައްކަތްތައްކުރުވާކަމަށް އެ މުވައްޒަފުން ބުންޏެވެ.
އއ.އަތޮޅުގެ ރަށެއްގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި އެރަށު ސުކޫލުގެ ވަށާފާރުގައި ކުލަލުމަށް އެ ރަށުގެ އިންޖީނުގޭގެ މުވައްޒަފުންނަށް މަޖުބޫރުކުރުވިއެވެ. އަދި ރަށަށް ގެންނަ ބައެއް މުދާ ރަށަށް ބާލަނީވެސް އިންޖީނުގޭގެ މުވައްޒަފުން ލައްވައި ކަމަށް އޭނާ ބުންޏެވެ.
އެ އަތޮޅުގެ އެހެން ރަށެއްގެ އިންޖީނުގޭގެ މުވައްޒަފެއް ބުނެފައިވަނީ އެ ރަށު ކައުންސިލުގެ އެމްޑީޕީ މެންބަރުން ގެންނަވައި ޝަރީފު މުވައްޒަފުންނާއެކު ބައްދަލުވުމެއް ބާއްވަވައި، ކައުންސިލުގެ މެންބަރުން އަންގަވާ ކޮންމެ މަސައްކަތެއްވެސް ސްޓެލްކޯ މުވައްޒަފުން ކުރާނެކަމަށް ވިދާޅުވި ކަމަށެވެ.
"ކައުންސިލަރުން ގުޅާފައި އެބަ ބުނޭ، ރަށު ކުނިގޮނޑު ސާފުކުރަން، އަހަރުމެން މިޖެހެނީ ނިކުމެ އެކަންވެސް ކުރަން. ޝަރީފަށް ކިހިނެއް އެންގޭނީ އެ މަސައްކަތްކުރަން. އެކަމަކު އެކަން ނުކޮށްފިއްޔާ ވަޒީފާ ގެއްލޭނެކަމަށް އޮންނަނީ އަންގާފައި،" އޭނާ ބުންޏެވެ.
މި މައްސަލާގައި މުވައްޒަފުންގެ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިއްސުރެ ކުންފުނީގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވޯޓު ދިނީ އިދިކޮޅު ކެންޑިޑޭޓުންނަށް ކަމުގައި މި ނޫހާ ވާހަކަދެއްކި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބުންޏެވެ.
އެ މުވައްޒަފުން އިތުރަށް ފާހަގަކުރި ގޮތުގައި އިންތިޚާބުތަކާ ދިމާކޮށް، ވަކި މަޤުޞަދެއްގައި އިންޖީނުގެތަކަށް ބޭނުންނުވާ އަދަދަށް މުވައްޒަފުން ނެގުމަކީވެސް އެ މުވައްޒަފުންގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ.
"އަހަރުމެން ހުރިހާ މަސައްކަތެއް ކުރަނީ. އަލަށް މިނަގާ ގުރޫޕު ރަށު ތެރޭގައި އުޅެނީ ކެމްޕެއިން ކުރަން. އިންޖީނުގޭގެ މުވައްޒަފުންގެ މުސާރަ ނަގައިގެން ކެމްޕެއިނަށް ހުސްވެގެން އެމީހުން ތިބޭއިރު އަހަރުމެން ގަނަތެޅެންޖެހުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން،" "ދިޔަރެސް"އާ ވާހަކަދެއްކި މުވައްޒަފަކު ބުންޏެވެ.
އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ޝަރީފު އަންގަވައިގެން ގިނަ އަދަދެއްގެ ވަޒީފާ އިއުލާނުކޮށް ޝަރީފު ބޭނުންފުޅުވާ ބަޔަކަށް އެ ވަޒީފާތައް ހަމަޖައްސާދީފައިވާކަމަށް ސްޓެލްކޯގެ މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.