ހޮނިހިރުދުވަހު ނެގި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެވަޑައިގަތުމާއެކު އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑާ ނައުޝާދު ވަހީދު، އެމްބެސެޑާ ފަރަހަނާޒް ފައިސަލަކީ މުނާފިޤެއްކަމަށް ސިފަކުރައްވައިފިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ އަރިސް ބޭފުޅެއްކަމަށް ކުރިން ފެނުނު ފަރަހަނާޒު ރިޔާސީ އިންތިޚާބުގައި ތާއީދުކުރެއްވީ ރައީސް އިބްރާހީމަށެވެ. އެމްޑީޕީ ދޫކުރައްވައި ނަޝީދު ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސް ޕާޓީއަށް ފާޑުވިދާޅުވެ ފަރަހަނާޒް ދެއްކެވި ވާހަކަފުޅުތަކުގައި ނުސީދާކޮށް ނަޝީދަށްވެސް ބަސްތައް ރައްދުކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 38 އިންސައްތަ ވޯޓެވެ. އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރެއްވި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުވަނީ 46 އިންސައްތަ ވޯޓު ކާމިޔާބުކުރައްވާފައެވެ.
އެއާއެކު، އެމްޑީޕީ އެތެރޭގައި އެއްބަޔަކު އަނެއް ބައެއް ބޮލުގައި އިލްޒާމުތައް އެޅުވުމާއި އެއްބަކު އަނެއް ބަޔަކަށް ފާޑުކިޔުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނައުޝާދާއި ފަހަރަހަނާޒަކީވެސް އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އުޅުއްވާ ދެ ބޭފުޅުންނެވެ.
މަޖިލީހުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ރައީސް ނަޝީދަށް ހަޅޭއްލަވައި މަޖިލީހުގެ ރިޔާސަތުގެ ގޮނޑިން ފައިބާވަޑައިގަތުމަށް ގޮވާލައްވައި ހަޅޭއްލެއްވި އަޑާއި މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައި ނައުޝާދުވަނީ ނަޝީދަށް ތާރީފުކުރައްވާފައެވެ.
އެ ޓުވީޓުގައި ނައުޝާދު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީއެވެ. އަދި ފަރަހަނާޒް ފަދަ "މުނާފިޤު ލަދުކުޑަ" މީހުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެއީ ބަދަލުވާނެ ޙަޤީޤަތެއް ނޫންކަމަށްވެސް ނައުޝާދު ވިދާޅުވިއެވެ.
އަދި އިންތިޚާބުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބާއެކު "ފޭކު ރުއިން ރޯނެ"ކަމެއް ނެތްކަމަށް ވިދާޅުވެ ނައުޝާދު ވިދާޅުވީ ފަރަހަނާޒު އުޅުއްވަނީ މަޤާމުގެ ދަހިވެތިކަމުގައި ކަމަށެވެ.