ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދިވެހިން ސިފައިންނާ ގުޅިގެން މިއަދު ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި, ރާއްޖޭގައި އިންޑިޔާ ސިފައިން ނެތް ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމަށާއި, އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް ހަދާފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމެއް ނެތް ކަމަށް ބުނެ އޮޅުވާލަން ދަނީ ރާވަމުންނެވެ.
މި ނޫސްވެރިން ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ މިއަދު ހެނދުނު ރައީސް އިބްރާހީމް, އެމަނިކުފާނަށް އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވާން ޖެހުނީ އިންޑިއާ ސިފައިންނާ ގުޅޭގޮތުން ފެތުރި ދޮގު ވާހަކަތަކާއި ގުޅިގެން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ވާހަކަތަކަށް ރައްދު ދެއްވާނެ ކަމަށް ރައީސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިޔާ ސިފައިން ނެތް ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މިއަދުވެސް އިތުރުފުޅު ހެއްދެވިއިރު އިންޑިޔާ ސިފައިންގެ މައުލޫމާތު ހާމަނުކުރަން ސަރުކާރުން ދަނީ މިހާރުވެސް ހައިކޯޓުގައި ވަކާލާތު ކުރަމުންނެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ މަނާ ހަރަކާތެއް ކަމަށް ރައީސް އިބްރާހީމްގެ ގަރާރަކުން ވަނީ ނިންމާފައެވެ.
ރާއްޖޭގައި މިވަގުތު އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި, އަސްކަރީ މަތިންދާބޯޓެއް އޮޕަރޭޓު ކުރެއެވެ. އަދި އިންޑިއާއިންދަނީ އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒެއް ބިނާކުރަމުންނެވެ. މީގެ އިތުރުން ދާދިފަހުން އިންޑިޔާއިން ވަނީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާގޮތަށް އައްޑޫ އަދި ހަނިމާދޫއިން މަދުވެގެން 30 ހެކްޓަރުގެ ބިން އިންޑިޔާއަށް 99 އަހަރަށް ދިނުމަށް ހުށަހަޅާފައެވެ.