މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހު 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމުލަ 1,254,252 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ އެ މުއްދަތަށް 781,325 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 1,100,620 ފަތުރުވެރިންނެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އަދިވެސް އޮތީ ރަޝިޔާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 147,187 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތައެވެ.
ދެވަނާގައި އޮތީ މިދިޔަ އަހަރު ލިސްޓުގެ އެއް ވަނާގައި އޮތް އިންޑިއާއެވެ. އެގައުމުން މިހާތަނަށް 138,104 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި މިހާރު އޮތް ޗައިނާއިން ރާއްޖެއަށް މިހާތަނަށް 124,549 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މި އަހަރުގެ ގިނަ ދުވަސްތަކެއް ވަންދެއް ލިސްޓުގެ 3 ވަނައިގައި އޮތް އިނގިރޭސި ވިލާތް މިހާރު އޮތީ ލިސްޓުގެ ހަތަރު ވަނައިގައެވެ. އެގޮތުން އެ ގައުމުން އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 102,253 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,261 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 913 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އާއި 14 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,236 އެނދު އޮޕަރޭޓްކުރެއެވެ.