Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ވާހަކައަކީ ދޮގެއްކަމަށް ރައީސް ވިދާޅުވުން

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ދޮގެއްކަމަށާއި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވެވަޑައިގަތީ އެ ދޮގު ތެދެއްކަމަށް ޤަބޫލުކުރެވޭ މިންވަރަށް ރައްޔިތުންނަށް ބަޔަކު ކިޔައިދިނުމުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ. އެއީ އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ ބޮޑަށް ދައްކަވަން އޮތް ވާހަކަފުޅުކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާ ސިފައިން 2011 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ދާއިމީ ސިފައެއްގައި ރާއްޖޭގައި ޤާއިމުވެގެން ތިބިކަން އެއީ ޙަޤީޤަތެއްކަން ލިޔެކިޔުމުން ސާފުވެއެވެ. އެންމެ ފުރަތަމަ ރާއްޖެއަށް އިންޑިއާ ސިފައިންގެ ކޮންޓިންޖެންޓެއް އައީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ދެ ހެލިކޮޕްޓަރު ރާއްޖެއަށް ގެނައުމަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ. އެއިރުގެ އެއްބަސްވުމުގައި އިންޑިއާ ސިފައިން ރާއްޖެއަށް އަންނަ ގޮތަށް އޮތީ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ހެލިކޮޕްޓަރުގެ އެއްބަސްވުން އައުކުރިކަމާއި އައުކުރި އެއްބަސްވުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ ވާހަކައެއް ނެތްކަން ހާމަވެފައިވެއެވެ. ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ކޮޕީއެއް "ދިޔަރެސް"އަށް ލިބި އާންމުކުރިއިރު، އެ އެއްބަސްވުމުގައި ހެލިކޮޕްޓަރު ދުއްވައި މަރާމާތުކުރުމަށް އިންޑިއާ ސިފައިން ތިބޭނެކަމާއި، އެ ސިފައިންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ/ ރައްކާތެރިކަމާއި އިމްތިޔާޒުތައް ލިބޭނެކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ގެންނަން ނިންމާފައިވާ ދެ ހެލިކޮޕްޓަރުން އެއް ހެލިކޮޕްޓަރު ރާއްޖެއަަށް ގެނައީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ފުރަތަމަ ހެލިކޮޕްޓަރާއި ދެވަނަ ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުންތައް އައުނުކުރަން ކުރީ ސަރުކާރުން ނިންމައި، ހެލިކޮޕްޓަރުތަކާއި އެ ތަކެއްޗާއެކު ރާއްޖެއަށް ފައިބާ ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެންގިއެވެ. އެ އެންގުން އުވައިލާ ހެލިކޮޕްޓަރު އެއްބަސްވުން އައުކުރީ މި ވެރިކަމަށް ދެ މަސްވެސް ނުވަނީސް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ.

މި ސަރުކާރުން ޑޯނިއާ އެއްބަސްވުމެއް ހަދައި، ޑޯނިއާ މަތިންދާ ބޯޓެއް ގެނައުމާއެކު އެ ބޯޓާއެކު ކުރިން ނެތް އިންޑިއާ ސިފައިންތަކެއް ރާއްޖެއަށް ފޭބިއެވެ. ހަނިމާދޫގައި ޤާއިމުވި ސިފައިންނާއެކު ދެކުނުން އައްޑޫއާއި ލ.އަތޮޅުގެ އިތުރަށް އުތުރުން ހަނިމާދޫގައި އިންޑިއާ ސިފައިން ގިނަ އަދަދަކަށް ޤާއިމުކުރެވިގެންދިޔައެވެ. އެ އެއްބަސްވުމުގައި އެ މަތިންދާބޯޓު ދުއްވާނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ޕައިލެޓުންކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

ޑޯނިއާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފައިބާ ތިބޭ ސިފައިންނަށްވެސް ޑިޕްލޮމެޓިކް އިމްތިޔާޒުތަކާއި ރައްކާތެރިކަން ދިނުމަށް މި އެއްބަސްވުމުގައި ދިވެހި ސަރުކާރުން އޮތީ އެއްބަސްވެފައެވެ. އަދި މި އެއްބަސްވުމުގައި ވަކި އަދަދެއް ބަޔާންނުކޮށް ބުނެފައިވަނީ ޑޯނިއާ ދުއްވުމަށް ބޭނުންވާ ނުވަތަ ފުދޭ މިންވަރަށް އިންޑިއާ ސިފައިންނަށް ތިބެވޭނެ ކަމަށެވެ.

މި ސަރުކާރުން ހަދާފައިވާ މިނޫންވެސް އެތައް އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން އެބަތިއްބެވެ. އެކަން އެނގި ހާމަވަނީ އިންޑިއާ ސިފައިންގެ އަދަދު ސިއްރުކުރުމަށް ސަރުކާރުން ފާއިތުވި 4 އަހަރަށްވުރެ ދިގު މުއްދަތުގައި ކުރި މަސައްކަތުންނެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަށް މިއަދު ރައީސް ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް"އިން ހުށަހެޅުމުން އެ އަދަދު ހާމަކުރުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމެއް ކަމަށް ބުނެ އެ އަދަދު ހާމަކުރަން ދެކޮޅުހެދީ ސަރުކާރުންނެވެ. އަދި އެ އަދަދު ހާމަކުރަންނުޖެހޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމުމުން އެ މައްސަލަ "ދިޔަރެސް"އިންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުގައި ހިނގަމުންދާ މައްސަލައަކީ އައިކޮމްއާ ދެކޮޅަށް ހުށަހަޅައިގެން ހިނގަމުންދާ މައްސަލައެއްކަމަށްވާއިރު މި ސަރުކާރުގެ ބަންޑާރަނައިބުގެ އޮފީހުން އެ މައްސަލައަށް ތަދައްޚުލުވެ ކޯޓުގައިވެސް ވަކާލާތުކުރީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ. ދައުލަތުން ތަކުރާރުކޮށް ކޯޓުގައި އެދިފައިވަނީ އެ ސިފައިންގެ އަދަދު ހާމަކުރަންނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. ސުވާލަކީ ނެތް ސިފައިންތަކެއްގެ އަދަދު ސިއްރުކުރަން މިވަރަށް ދައުލަތުން އުޅެނީ ކީއްވެތޯއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަން ސާބިތުކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް ރައީސް އިބްރާހީމު މިއަދު ވިދާޅުވެފައިވާއިރު، 5 އަހަރު މި މައްސަލައިގެ އަޑުތައް މުޅި ޤައުމުން އިވުނުއިރު އެކަން އެމަނިކުފާނު އަދި އެމަނިކުފާނުގެ ސަރުކާރުން ސާބިތުކޮށްނުދިނީ ކީއްވެތޯވެސް ސުވާލުކުރަންޖެހެއެވެ.

މި ލިއުމާއި ގުޅޭ