Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ރައީސް އިބްރާހީމާއި އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައީސް ނަޝީދު އަރިހުން މައާފަށް އެދެންޖެހޭ: ބޮންޑެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން މައާފަށް އެދެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމި ނަމަވެސް އެ މައްސަލައިން ނަން ނަންގަވާފައިވަނީ 25 މެންބަރުންނަށްވެފައި، މައްސަލަ ކުރިއަށްގެންދަން ބޭނުންވާ 22 މެންބަރުންގެ ސޮއި އަދިވެސް އޮތުމާއެކު މައްސަލަ ކުރިއަށްގެންދަން މަޖިލީހުގެ އިދާރާއިން ނިންމައި ރިޔާސަތުން މިއަދު އިއުލާނުކުރިއެވެ.

އެ މައްސަލަ ކުރިއަށްގެންދަން މަޖިލީހުން ނިންމައި، މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ބަހުސަށް ހުޅުވައިލުމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވާހަކަދެއްކެވުމުގެ ފުރުސަތަށް އެދިވަޑައިގެން ވިދާޅުވީ އެ މައްސަލައާމެދު އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުން ގޮތެއް ނިންމާފައި އެބައޮތްކަމަށާއި، މައްސަލަ އަނބުރާ ގެންދިއުމަށް ހަމަކުރަންޖެހޭ ސޮއި ހަމަކޮށް މަޖިލީހަށް ހުށަހެޅުމަށް އިތުރު ވަގުތު އެމްޑީޕީއަށް ދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަރީފުގެ ވާހަކައަށްފަހު، ވާހަކަފުޅުދައްކަވަމުން ބޮންޑެ ވިދާޅުވީ ހޮނިހިރުދުވަހުގެ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު، ކުރިން ހެއްދެވިފައި ހުރި ގޯސްތައް ރަނގަޅުކުރައްވާނެ ކަމަށް ރައީސް އިބްރާހީމު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ފޯޅަވަހި ވިއްކައިލި ސިޓީ އަނބުރާ ގެންނަވާނެ ކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ އަރިހުން ރައީސް އިބްރާހީމު މައާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުންވެސް ރައީސް ނަޝީދުގެ އަރިހުން މައާފަށް އެދެންޖެހޭނެ ކަމަށާއި، ސަބަބަކީ އެއީ މޭ 6، 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ހުރަސްއެޅި ބައަކަށްވުންކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ