އިއްޔެ ބޭއެވި ރިޔާސީ އިންތިޚާބުގައި ފައިސާއާ މުޅި ދައުލަތް ބޭނުންކޮށްގެން ކިރިޔާ %38 ލިބުމުގެ އަސްލު ސަބަބަކީ ތިމާމެންނަށް ވެރިކަމަށް އާދެވުނުގޮތް އޮޅުންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)ވިދާޅުވެއްޖެއެވެ.
ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވެރިކަން ލިބުމާއެކު ފޮނިވުމާ ބޮޑާކަން އިންތިހާއަށް ދިޔުން. ވެހޭތާ ފެންނަގާން އުޅޭ އުސޫލުން އަންބޮނޑި ބޮޑުކުރާން އުޅުން." އެއީ މިއިންތިޚާބުން އެމްޑީޕީއަށް ނާކާމިޔާބުވުމުގެ ސަބަބުތައް ކަމަށެވެ.
2018 ވަނަ އަހަރު ބޭއްވި އިންތިޚާބުން 58% ވޯޓު ހޯދައިގެން ވެރިކަމަށް އައި އެމްޑީޕީގެ ތާއީދު ގެއްލި، މިފަހަރުގެ އިންތިޚާބުގައި ލިބިފައިވަނީ އެންމެ %38 ވޯޓެވެ.
ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި އެމްޑީޕީއަށް މިފަހަރުގެ އިންތިޚާބުގައި ނާކާމިޔާބުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖޭގެ މައްޗަށް ފޯރުވަމުން ދިޔަ ނުފޫޒުތަކަށް ރައީސް އިބްރާހިމްގެ ސަރުކާރު ދީލާލާފައި އޮތުމާއި, ދީނަށް ފުރައްސާރަކުރަމުންދާ މީހުން ސަރުކާރުގެ މަތީފަޑީގައި ބައިތިއްބައިގެން އެފަދަ މީހުންނަށް ހިމާޔަތް ދިނުން ހިމެނެއެވެ.
މީގެ އިތުރުން މި ދައުރުގައި އިގްތިސާދީ ގޮތުން ރާއްޖެ އިނދަޖެހުމާއި އެކަންފޫބެއްދުމަށްޓަކައި ރުފިޔާ ޗާޕްކުރުމުގެ އިތުރުން އަވަށްޓެރި އިންޑިއާ އަތުން ބޮޑެތި ލޯންތައް ނަގައި ގައުމު ދަރުވާލުން ހިމެނެއެވެ.
ރައީސް އިބްރާހިމް ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް އާއި ކާނަލް މުހައްމަދު ނާޒިމް, އިމްރާން އަބްދުالله އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު އެވެ.
ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހިމަށް ތާއީދު ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަަބްދުالله އެކަންޏެވެ.