ނައިޖަރުގެ ވެރިރަށް ނިއާމޭގައި ތިބި އެމެރިކާގެ ސިފައިންގެ ތެރެއިން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަދަދަށް ސިފައިން މަދުކުރަން ޕެންޓަގަން އިން ނިންމައިފިއެވެ.
އެމެރިކާގެ ޑެޕިއުޓީ ޕެންޓަގަން ޕްރެސް ސެކެޓްރީ ސެބްރީނާ ސިންގް ވިދާޅުވީ ނިއާމޭގައި ހުންނަ އެއާ ބޭސް 101 އިން ސިފައިން މަދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ނިއާމޭގައި ތިބި ސިފައިން އެގައުމުގައި ހުންނަ އެމެރިކާގެ އެހެން ބޭސްއަކަށް ބަދަލުކުރާވާހަކައެވެ. އެގޮތުން އެ ސިފައިން ބަދަލުކުރަނީ ނައިޖަރުގެ އެންމެބޮޑު ސިޓީކަމުގައިވާ އަދަގޭޒްގައި ހުންނަ އެއާބޭސް 201 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ސިފައިން ގިނައިން ހަރަކާތްތެރިވަނީ ވެރިރަށް ނިއާމޭގައެވެ.
ސެބްރީނާ ވިދާޅުވީ ސިފައިން މަދުކުރަން ނިންމި ކޮންމެހެން އެ މީހުންނަށް ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރަން ނިންމީ ކުރިއަށް ދުރާލާ ވިސްނައިގެން ކަމަށް ވިދާޅުވިއެވެ.
ސެބްރީނާ އިތުރަށް ވިދާޅުވީ ކޮންމެހެން ބޭނުންނުވާ ބައެއް މީހުންނާއި ކޮންޓްރެކްޓަރުން މީގެ ހަފްތާތަކެއް ކުރިން ނައިޖަރުން ފައިބައިފައިވާ ކަމަށެވެ.
ނައިޖަރުގެ އާ މިލިޓަރީ ސަރުކާރުން ވަނީ ފްރާންސްއާ އެކު ހަދާފައިވާ މިލިޓަރީ އެއްބަސްވުން ވެސް އުވާލައިފައެވެ. ފްރާންސްއަކީ ކުރިން ނައިޖަރު އިސްތިއުމާރު ކުރި ގައުމުވެސްމެއެވެ.
ނަމަވެސް ނައިޖަރު މިނިވަންވި ފަހުން ވެސް ފްރާންސުން ނައިޖަރުގެ ހުރިހާ ކަމެއްގެ ތެރެއަށް ވަންނާތީ ނައިޖަރުގެ ގިނަ ބަޔަކު ފްރާންސްއާ ދެކޮޅެވެ.
ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.
ނައިޖަރަށް ގެނައި ބަޣާވާތާ ގުޅިގެން ހުޅަނގު އެފްރިކާގެ ޖަމިއްޔާ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އިން ވަނީ ވަނީ ކުރީގެ ވެރިކަން އަލުން އިއާދަ ކުރަން ވެސް ގޮވާލައިފައެވެ. އަދި ސިފައިން ފޮނުވައިގެން ވެސް އެކަން ކުރާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ވަނީ ދީފައެވެ.