ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބާއެކު، ރައްޔިތުން އެމަނިކުފާނަށް ކުރެއްވި ތާއީދާ ދެއްވި އިތުބާރަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދު އޮތް ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް 100،122 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 84،997 ވޯޓެވެ. ދެ ބޭފުޅުންގެ މެދުގައި 15،000 ވޯޓުގެ ތަފާތު ހުއްޓެވެ.
އިންތިޚާބުގެ ތެރޭގައި ރައީސް އިބްރާހީމު ވެރިކަމަށް ގެނައުމުގެ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލުތައް ފާހަގަކުރައްވައި އެއިން އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުން ޤައުމީ ފިކުރަށް ވޯޓުދެއްވީތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
"ލޮބުވެތި ރައްޔިތުން ޤައުމީ ފިކުރުގައި ނިކުމެވަޑައިގެން ތިޔަ ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް. އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހިއްވަރު ލިބުނު ކަމެއް،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރަށް ވޯޓު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ރައީސް އިބްރާހީމާއި އެމަނިކުފާނުގެ މެދުގައި އޮތް ފަރަގަކީ ކުރިންވެސް އުންމީދުކުރި މިންވަރާ ދާދި އެއްވަރުގެ ތަފާތެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ޑރ.މުޢިއްޒު ވިދާޅުވީ އެކަމާމެދު އިދިކޮޅު ޕާޓީތަކުގެ ލީޑާޝިޕުގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.
ކެމްޕެއިން ކުރެއްވުމަށް ލިބިވަޑައިގެންނެވި 28 ދުވަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުތަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފެނުނީ ރައްޔިތުން އިދިކޮޅާއެކު ކުރިއަށްދާން ބޭނުންވެފައިވާ މިންވަރު ކަމުގައިވެސް މުޢިއްޒު ވިދާޅުވިއެވެ.