ފެންނަން އޮތީ ވަރަށް އަލި ސާފު މަންޒިލެއްކަމަށާއި ރައްޔިތުން ގޮތް ނިންމައިފިކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ މައްޗަށް ކުރި ހޯއްދެވުމާއި ގުޅިގެންނެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަން އޮތީ ސާފު މަންޒިލެއްކަމަށާއި ރައްޔިތުން ގޮތް ނިންމާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ "ރައްޔިތުންގެ ކޯޓުން" ނިންމީ އިދިކޮޅު އިއްތިހާދުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގައުމީ ޖިހާދުގެ ތެދުކަން ކަމަށެވެ.
މީގެއިތުރުން ކޯޓްތައް މެދުވެރިކޮށް ސިޔާސީ ލީޑަރުން އިންތިޚާބުން އެއްކިބާކުރުމަކީ ގައުމީ ޖަރީމާއެއްކަންވެސް ރައްޔިތުން ބުނެދީފިކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާ ޑރ. ޖަމީލް ވިދާޅުވީ ދެން ނުހިފެހެއްޓޭނެކަމަށެވެ.