Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ބިލަބޮންގުގައި ހުރި ވޯޓު ފޮއްޓެއް ކައިރިއަށް އިންޑިއާ ދެ މީހަކު ވަނުމުން ހޫނުވެއްޖެ

ބިލަބޮންގު ސުކޫލުގައި ހުރި ވޯޓުލާ ފޮއްޓެއް ކައިރިއަށް އިންޑިއާ ދެމީހަކު ވަދެ ވޯޓު ފޮށި ކައިރީ ތިބެން ފެށުމުން ހޫނުވެ އެމީހުން އެތަނުން ނެރެފިއެވެ.

ހެންވޭރުގެ ވޯޓު ފޮށި 2 ވަނަ ނަންބަރު ފޮށި ކައިރިއަށް އިންޑިއާ އޮފިޝަލުންތަކެއް އައިސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ފާސްތަކެއް އަޅައިގެންކަމަށް އެ ސަރަހައްދުގައި އިންތިޚާބު އޮބްޒާވުކުރަން މަސައްކަތްކުރާ ދެ މީހަކު ބުންޏެވެ.

"ދިޔަރެސް"އަށް އެމީހުން އެތަނުގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް ލިބިފައިވާއިރު، އެ ވީޑިއޯތަކުންވެސް އެމީހުން އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ފާސްތަކެއް އަޅާފައި ތިބިކަން ފެނެއެވެ.

އެމީހުން ވޯޓުލާ މަރުކަޒަށް ވަދެ ވޯޓު ފޮށި ކައިރިއަށް ދިއުމުން، އެތަނުގައި ހަރަކާތްތެރިވާ ބައެއް އޮބްޒާވަރުން އެކަމާ މައްސަލަ ޖައްސައި، އެމީހުން އެތަނުން ނެރުނުކަމަށް ވޯޓު ލާ މަރުކަޒުގައި ހަރަކާތްތެރިވަމުންދާ އޮފިޝަލަކު "ދިޔަރެސް"އަށް ކިޔައިދިނެވެ.

އިންތިޚާބު އޮބްޒާވުކުރުމަށް ބޭރުގެ 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދީފައިވާއިރު، އިންޑިއާއަކީ އެ 15 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ނޫނެވެ. އެހެންކަމުން އެ ޤައުމުގެ އޮފިޝަލުންތަކަކަށް އިލެކްޝަންސްއިން ފާސްތަކެއް ދޫކުރި ގޮތް ސާފެއް ނުވެއެވެ.

ވޯޓުލުން ކުރިއަށްދިޔަ މަރުކަޒަށް މި އިންޑިއާ އޮފިޝަލުން ވަދެފައިވަނީ ސެކިއުރިޓީއާއެކު ކަމުން އެމީހުންނަކީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއްކަމަށް އެ މަރުކަޒުގައި މަސައްކަތްކުރާ އިދިކޮޅު ޕާޓީތަކުގެ އޮބްޒާވަރުން ތުހުމަތުކުރެއެވެ.

އިންޑިއާ ބަޔަކު ވޯޓުލާ މަރުކަޒަކަށް ވަން މައްސަލައެއް ހޫނުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް އެހީތެރިވުމަށް ބީޖޭޕީގެ ޓީމެއް ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމީހުން މަރުކަޒުވެގެން ތިބެނީ އެމްޑީޕީގެ ކެމްޕެއިނުގެ މައިގަނޑު އޮފީސް ޤާއިމުކޮށްފައިވާ މާފަންނުގައި ހުންނަ މޫކައި ސުއިޓްސްގެ 2 ވަނަ ފަންގިފިލާގައެވެ.

މި ލިއުމާއި ގުޅޭ