ވީހާވެސް އަވަހަކަށް ހުރިހާ އެންމެންވެސް ވޯޓު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު އަދި އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުގެ ބޭފުޅުންގެ އިލްތިމާސަކީ ހުރިހާ ރައްޔިތުންވެސް ސުލްހަވެރިކަމާއެކު ޤާނޫނީ ވާޖިބު އަދާކުރެއްވުމަށް ކަމުގައެވެ.
"އަޅުގަނޑުވެސް އަދި އަޅުގަނޑުގެ ރަނިންމޭޓާއި ޕާޓީގެ ލީޑާޝިޕުންވެސް ދަންނަވަން އޮތީ ހުރިހާ ރައްޔިތުންވެސް ސުލްހަވެރިކަމާއެކު ޤާނޫނީ ވާޖިބު އަދާކުރެއްވުމަށް،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ފަހު ވަގުތާ ހަމައަށް މަޑުނުކޮށް ހުރިހާ އެންމެން ކުރިއާލައި ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓުދިނުމުގައި ބައިވެރިވުމަށްވެސް ޑރ.މުޢިއްޒު އިލްތިމާސްކުރެއްވިއެވެ. "އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވީހާވެސް އަވަހަކަށް ވަޑައިގެން ވޯޓުދެއްވުމަކީ އަޅުގަނޑުމެން އެދޭ އެދުމަކީ. ހަތަރެއް ޖަހާއިރަކީ ވޯޓުލާ ފޮށި ބަންދުކުރާ ވަގުތު އެހެންވީމާ އެއަށްވުރެ ކުރިން ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ އެދުމަކީ އަދި އިލްތިމާސަކީ،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.