އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވޯޓުދެއްވައިފިއެވެ.
ޑރ.މުޢިއްޒު ވޯޓުދެއްވާފައިވަނީ ތާޖުއްދީން ސުކޫލުގައި ހުރި މާފަންނު ދެކުނުގެ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނު ދެންމެ ވޯޓުދެއްވިއިރު ހެނދުނު އެމަނިކުފާނުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފުވެސް ވޯޓުދެއްވާފައިވެއެވެ.
މި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިޚާބެވެ. އެގޮތުން މި އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވާ 5 ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން ޑރ.މުޢިއްޒުގެ އިތުރަށް އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު ވާދަކުރައްވައެވެ. އަމިއްލަ ގޮތުން ފާރިސް މައުމޫނާއި، އުމަރު ނަސީރު އަދި ޙަސަން ޒަމީލު ވާދަކުރައްވައެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހެނދުނު 8.00 ގައި ފެށިފައިވާއިރު އިންތިޚާބުގެ ވޯޓުލުން ނިމޭނީ ހަވީރު 4.00 ގައެވެ. ވޯޓުލުމަށް ކިއުގައި ބަޔަކު ނެތްނަމަ މެންދުރުފަހު 4.00 ގައި ވޯޓު ފޮށި ބަންދުކޮށް 4.30 ގައި ވޯޓު ގުނުން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.