މި އަހަރުގެ ބަޖެޓުގެ ދަރަނި ރެކޯޑު މިންވަރަކަށް މަތިވެ 7.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީން ޝާއިއުކުރި ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނިމުނު އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 22.6 ބިލިއަން ރުފިޔާއެވެ.
އާމްދަނީގެ ގޮތުގައި 22.6 ބިލިއަން ރުފިޔާ ލިބުނުއިރު، އެ މުއްދަތުގައި ދައުލަތުންވަނީ ޖުމްލަ 30.11 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހެންކަމުން ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް އެ މުއްދަތުގައި 7.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އާމްދަނީއަށްވުރެ އިތުރަށް ދައުލަތުން ޚަރަދުކުރި ފައިސާއަކީ ޓީ-ބިލު ވިއްކައިގެންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެން ޚަރަދުކޮށްފައިވާ ފައިސާއެވެ. އެއީ ދައުލަތުގެ ޖުމްލަ ދަރަންޏަށް އިތުރުވާނެ ފައިސާއެވެ.
ސަރުކާރުން މި އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ނިޒާމަށް ގެންނާނެ އިސްލާހުތަކަކާއި އާސަންދައަށް ގެންނަ ބަދަލުތަކެއް ހިމެނި ނަމަވެސް، އެއިން އެއްވެސް ފިޔަވަޅެއް މިހާތަނަށް ތަންފީޒުކޮށްފައިނުވެއެވެ.
ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް އާމްދަނީއާއި ޚަރަދުގެ ފަރަގު ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމަށް ކަމުގައި ބުނެ ސަރުކާރުންވަނީ މި އަހަރުގެ ޖަނަވަރީން ފެށިގެން އާންމުންގެ އަތުން ނަގަމުން އަންނަ ޖީއެސްޓީއާއި ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީގެ ރޭޓުތައް ބޮޑުކޮށްފައެވެ.
ޓެކުސް ނަގާ މިންވަރު ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަނުކުރެވޭނަމަ، ދަރަނީގެ ހާލަތު ރަނގަޅުނުވާނެކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް ލަފާދިން ނަމަވެސް އެ ލަފައަށް ސަރުކާރުން އަމަލުކޮށްފައިނުވެއެވެ.
ދައުލަތުގެ ބަޖެޓުގެ ދަރަނި އިތުރުވަމުންދާއިރު، ފާއިތުވި ޖޫން މަހާއި ޖުލައި މަހުގައި ސަރުކާރުންވަނީ 1.3 ބިލިއަން ރުފިޔާގެ ލޯނުތައް ނަގައިފައެވެ. އެއިން 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ލޯނެއް ނަގާފައިވަނީ ގޮތް ނޭނގޭ އަމިއްލަ ފަރާތަކުންނެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފައިވަނީ ރައްޔިތުންގެ ގާތުން އެހުމެއް ނެތި ދަރަންޏަށް ފައިސާ ނަންގަވާ ބޭފުޅެއްކަމުގައި ވެވަޑައިނުގަންނަވާނެ ކަމަށެވެ.