Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓާ ޑރ.ޢާއިޝަތު ޢަލީ

އޯލެވެލް ނަތީޖާ ހާމަނުކުރޭ، ތައުލީމީ ނިޒާމު އަނބުރާ ސުމަކަށް

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު އަލީއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ގުރޭޑު 10 ނިންމައި ހަދާ އޯލެވެލް އިމްތިހާނަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަ ގޮތުން ކުދިންގެ މުސްތަޤުބަލަށް ވަރަށް މުހިއްމު އިމްތިހާނެކެވެ. މި އަހަރު އިމްތިހާނު ނިމި ނަތީޖާތައް ކުދިންނަށް ދޫކުރިތާ ހަފުތާތަކެއް ފާއިތުވެގެން ދިޔައިރު، އެ ނަތީޖާއާ ގުޅޭ އެއްވެސް ތަފާސްހިސާބެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަނުކުރެއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޯލެވެލް އިމްތިހާނުގެ ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދިނުމަށް ބާއްވާ ރަސްމިއްޔާތުތަކުގައި އެއިރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމު ގެންދެވީ ކޮންމެ އަހަރެއްގައި އޯލެވެލްސް އިމްތިހާނުގައި 5 މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް އިއުލާނުކުރައްވަމުންނެވެ. ނަމަވެސް މި ވެރިކަމުގައި އޯލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދޭ ހަފުލާއެއްގައި މިނިސްޓަރު ޢާއިޝަތު އަލީ އެއިން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

މި ނަތީޖާތައް ސަރުކާރުން ސިއްރުކޮށްގެން އުޅެނިކޮށް، ފާއިތުވި 4 އަހަރު ދަރިވަރުންގެ ނަތީޖާއަށް އައި ބަދަލުތައް ފެންނަ ގުރާފެއް އެޑިއުކޭޝަން މިނިސްޓްރީ ތެރެއިން ލީކުވިއެވެ. އެ ގުރާފުން ފެނުނު ގޮތުގައި އޯ ލެވެލް އިމްތިހާނުން ކުދިން ފާސްވާ ނިސްބަތް މިވެރިކަމުގައި ވަރަށް ބޮޑަށް އޮތީ ދަށްވާން ފަށާފައެވެ.

ވީ ކިހިނެއް؟

ރައީސް ޔާމީނުގެ ވެރިކަމުގައި އޯ ލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް މަތިވަމުން ދިޔައެވެ. އެގޮތުން 2013 ވަނަ އަހަރު އެ ނިސްބަތް 49 އިންސައްތާގައި ހުރިއިރު 2014 ވަނަ އަހަރު އެ ނިސްބަތްވަނީ 52 އިންސައްތައަށް އެއަށްފަހު 2015 ގައި 55.7 އިންސައްތައަށް މަތިވެފައެވެ. 2018 ވަނަ އަހަރު އެ ނިސްބަތް ހުރީ ގާތްގަނޑަކަށް 70 އިންސައްތައިގައެވެ. 2017 ވަނަ އަހަރު 77 އިންސައްތައަށް މަތިވިއެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެ ނިސްބަތް އަނެއްކާވެސް ވަރަށް ބޮޑަށް ދަށްވާން ފެށިއެވެ. އެގޮތުން 2019 ގައި އެ ނިސްބަތް 68.3 އިންސައްތައަށް ދަށްވިއެވެ. އަދި 2020 ގައި 66.4 އިންސައްތައަށް ދަށްވުމަށްފަހު، 2021 ގައި އެ ނިސްބަތްވަނީ 52 އިންސައްތައަށް ވެއްޓިފައެވެ. އަދި 2022 ވަނަ އަހަރުގައި އެ ނިސްބަތްވަނީ 49.7 އިންސައްތައަށް ދަށްވެފައެވެ.

އެހެންކަމުން 2022 ވަނަ އަހަރުގައި އޯލެވެލް އިމްތިހާނުގައި ބައިވެރިވި 5،939 ކުދިންގެ ތެރެއިން 50.3 އިންސައްތަ ކުދިންނަކީ 5 މާއްދާއިން "ސީ" ފާސް ނުލިބޭ ކުދިންނެވެ. އޭގެ މާނައަކީ 2،987 ދަރިވަރުން 5 މާއްދާއިން އެ އަހަރު ފާސްވެފައިނުވުމެވެ.

2023 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނުތާ 2 ހަފުތާއަށްވުރެ ގިނަ ދުވަސްވީއިރު ނަތީޖާ އަދި ހާމަނުކުރާ ސަބަބަކީ 2022 ވަނަ އަހަރަށްވުރެ މި އަހަރު 5 މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ދަށްވުންތޯ ސުވާލު އުފެދެއެވެ. މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބަހެއް ނުބުނަނީ ނަތީޖާ ގޯސްވުމުންކަމަށް ބުރަވެވޭ ސަބަބުތައް ބައިވަރެވެ.

ދަސްވާރާއި ބީ-ޓެކަށް ސަމާލުކަން ނުދިނުމުގެ ނަތީޖާ

ހުރިހާ ކުދިންނަކީ އެކެޑީމިއާ ނުވަތަ ވަކި ސްޓްރީމްތަކެއްގައި ކަނޑައެޅިފައިވާ މާއްދާތަކުން ކިޔަވައިގެން ކުރިއަށްދާން ބޭނުންވާނެ ކުދިންނެއް ނޫނެވެ. ސިންގަޕޫރާއި ޔޫރަޕު ފަދަ ޤައުމުތަކުގައިވެސް ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންގެ 50 އިންސައްތައާ ގާތްކުރާ އަދަދަކަށް ދަރިވަރުން އިޚުތިޔާރުކުރަނީ އަލްޓާނޭޓިވް ޕެތުސް ނުވަތަ އެކެޑީމިއާ ނޫން އެހެން ދާއިރާތަކެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އޮތް ނިޒާމަކީ އެކަޑީމިއާގައި ކާމިޔާބު ނުހޯދޭ ކުދިން ބާކީކޮށްލުމުގެ ނިޒާމެކެވެ. އެ ނިޒާމު ބަދަލުކުރެއްވީ ރައީސް ޢަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކުރުމަށް ސުކޫލު މުޤައްރަރުގެ ތެރެއިން ދަސްވާރު އަދި ބީ-ޓެކް ޕްރޮގުރާމު ތައާރަފުކުރެއްވިއެވެ.

ދަސްވާރަކީ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ސެޓްފިކެޓު 3 ގެ ފެންވަރަށް ކަނޑައަޅާފައިވާ، އެމްކިއުއޭއިން އެ ލެވެލްގެ ކޯހެއްކަމަށް އެކްރެޑިޓުކޮށްފައިވާ މަސައްކަތްތެރިކަން ދަސްކޮށްދޭ ކޯހެކެވެ. މި ކޯހަކީ 2023 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 4 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ޝާއިއުކުރި "ޘާނަވީ ސުކޫލު ނިންމާ އިމްތިހާނުތަކާއި ކޯސްތަކުން ދަރިވަރުން ހޯދާ ނަތީޖާއަށް ބަލައި، ދަރިވަރުންގެ ދިރާސީ ފެންވަރު މިންކުރާނެ ގޮތާއި، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާ އުސޫލު"ގައި އޯލެވެލްގެ 3 މާއްދާއާ އެއްފެންވަރުގެ ސެޓްފިކެޓެއްކަމަށް ބަލާ ސަނަދެއް ލިބޭ ކޯހެކެވެ.

އެއީ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ސެޓްފިކެޓު 3 ފެންވަރުގެ ކޯސްތަކަކީ އޯލެވެލްގެ 3 މާއްދާއާ އެއް ފެންވަރުގެ ކޯހެއްކަމަށް ކަނޑައަޅާފައި އޮންނަ އުސޫލަށް ބިނާކޮށް މި ސަރުކާރުން އަދި ރައީސް ޔާމީނުގެ ސަރުކާރުންވެސް ބަލަމުން އައި މިންގަނޑެވެ.

ދެން އޮތީ ބީ-ޓެކެވެ. ބީޓެކްއަކީ އެޑެކްސެލްގެ އިމްތިހާނެކެވެ. އިނގިރޭސިވިލާތުގެ ކަމާ ބެހޭ އިދާރާކަމަށްވާ އޮފްކޮލްއިން ކަނޑައަޅާފައިވާ ގޮތުގައި ބީޓެކްސް ލެވެލް 2ގެ ޑިޕްލޮމާއަކީ ޖީސީއީ އޯލެވެލްގެ 4 މާއްދާއާ އެއްލެވެލްގެ ސަނަދެކެވެ.

މިއީ ކިޔެވުމަށް ޝައުޤުވެރިކަން ކުޑަ މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރިކަން ހުރި ކުދިންނަށް އިތުރު ފުރުސަތެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޔާމީނުގެ ސަރުކާރުން ތައާރަފުކުރި ދެ ޕްރޮގުރާމެވެ. ނަތީޖާއަށްވީ މި ޕްރޮގުރާމުތަކުގައި ގިނަ ކުދިންތަކެއް ބައިވެރިވެ، އޯލެވެލް މަރުހަލާއިން ބާކީވެ ބޭކާރުވާ ކުދިންގެ އަދަދު އަހަރުން އަހަރަށް މަދުވާން ފެށުމެވެ.

ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި އޯލެވެލްއިން ފާސްވާ ކުދިންގެ އަދަދު މިވެރިކަމުގައި އަނެއްކާވެސް ފަހަތަށް ސޮއްސައިލީ މި ކޯސްތައް ހިންގުމަށް ސަމާލުކަން ނުދިނުމުގެ ސަބަބުންނެވެ. މި ކޯސްތަކުގައި ބައިވެރިވާ ކުދިން މަދުވެ އޯލެވެލް މަރުހަލާގައި ފާސްނުވާ ކުދިން އިތުރުވެ، އެ މަރުހަލާއިން ބާކީވާ ކުދިންގެ އަދަދު އަހަރުން އަހަރަށް އިތުރުވުމަކީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި ތައުލީމީ ދާއިރާގައި ފަހަތަށް އެޅުނު ފިޔަވަޅެކެވެ.

"ދަސްވާރާއި ބީ-ޓެކް ހިންގާނެ ގޮތެއް ނޭނގިގެން މަސައްކަތް ދަސްކުރަން ޝައުޤުވެރިކަން ހުރި އެތައް ކުދިންނަށް އެ ފުރުސަތު ނުދީ އެ ޕްރޮގުރާމުތައް އެހުރީ ހުއްޓާލާފައި. އޭގެ ސަބަބުން ގިނަ ކުދިންތަކެއް ބާކީކޮށްލައިފި.،" އޭނާ ވިދާޅުވިއެވެ.

ވޮކޭޝަނަލް ތައުލީމުގެ ނިޒާމު ސުމަކަށް ދުއްވާލައިފި

ތަރައްޤީވެފައި ހުރި ގިނަ ޤައުމުތަކުގައިވެސް ސާނަވީ އަދި މަތީ ސާނަވީ މަރުހަލާގައި ވޮކޭޝަނަލް ތައުލީމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ދެއެވެ. ޔޫރަޕުގެ ގިނަ ޤައުމުތަކުގައި 50 އިންސައްތައަށްވުރެ ގިނަ ދކުދިން އެފަދަ ތަމްރީނުތައް އެ މަރުހަލާތަކުގައި ފުރިހަމަކުރެއެވެ. އަދި ސިންގަޕޫރުގައި 54 އިންސައްތަ ދަރިވަރުންނަކީ މިފަދަ ތަމްރީނު ޕްރޮގުރާމުތައް ފުރިހަމަކުރާ ކުދިންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ސާނަވީ މަރުހަލާއަށް ވޮކޭޝަނަލް ތައުލީމު ތައާރަފުކުރީ މި ވިސްނުން އިސްކޮށް އެއްވެސް ކުއްޖަކު ކުރިއަށްދާނެ މަގެއް ނެތި ބާކީނުވާނެކަން ކަށަވަރުކުރުމުގެ ވިސްނުމުގައި ކަމަށް އެއިރުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރެއްވި ބޭފުޅުން މައުލޫމާތު ދެއްވައެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ވޮކޭޝަނަލް ތައުލީމު އެކީހެން އިދަޖައްސައިލާ އަލުންބަލުން އެ މަސައްކަތްކުރަންޖެހޭ މިންވަރަށް އެ ނިޒާމު ފުނޑުފުނޑުކޮށްފައިވާކަމަށް ތައުލީމީ ދާއިރާގެ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން 2013 ވަނަ އަހަރުގައި ތައުލީމީ ނިޒާމު ވެއްޓިފައި އޮތް ހިސާބުން އަލުން އަނެއްކާވެސް ކޮޅަށްޖެހުން ނޫން ގޮތެއް މިހާރު ނެތްކަމަށް އެ ބޭފުޅުން ޤަބޫލުކުރައްވައެވެ.

މި ލިއުމާއި ގުޅޭ