Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަދާލަތު ޕާޓީ

ޢަދާލަތުގެ ޢިލްމުވެރިންގެ އަރިހުން ޖަވާބެއް ހޯދާން އުޅެ، ޖަވާބު ނުލިބުނު ބައެއް ސުވާލުތައް

ފާއިތުވި ބުދަދުވަހު ޕޯސްޓަލް ބިލްޑިންގެ އެންމެ މަތީ ފަންގިފިލާގައި ވަރަށް ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދިޔައެވެ. އަތްފުނާ އަޅައިގެން، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއްކޮށްގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ދީނީ ޢިލްމުވެރިން ނެރެގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ އަދާލަތު ޕާޓީގެ އިލްމުވެރިންނެވެ. އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ޙުސައިނާއި، ނައިބުރައީސް ޑރ.މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފެވެ.

މިނޫސްވެރިންގެ ބައްދަލުވުން އޮތްކަން އެނގުމާއެކު، އަވަސް އަވަހަށް ކުރާންހުރި އެހެން ކަންކަން ފަސްކުރުމަށްފަހު އަޅުގަނޑު އަވަސްވެގަތީ މުހިއްމު ސުވާލުތަކެއް އެ ބޭފުޅުންނާ ކުރިމަތިކުރުމަށް ދާށެވެ. ޝަރުޢީ ދަލީލުތަކުގެ އަލީގައި އެ ބޭފުޅުން ދެއްވާ ޖަވާބުތަކެއް ހޯދުމަށް އޮތް ޝައުޤުވެރިކަން ބޮޑުވެގެންނެވެ. ނަމަވެސް ނިހާއީ ހިތާމައަކީ އަޅުގަނޑުމެން ނޫސްވެރިންނަށް ސުވާލެއް ކުރާނެ ފުރުސަތުވެސް ނުދެއްވައި ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު، އަވަސް އަވަހަށް އެ ބައްދަލުވުން އޮތް މާލަމުން ނިކުމެވަޑައިގެން އެ ބޭފުޅުން ވަޑައިގަތުމެވެ.

އެހެންކަމުން، އަދާލަތު ޕާޓީގެ އިލްމުވެރިންނަށް އަދި އާންމުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ އިލްމުވެރިންނަށް ދަންނަވައިލަން އުޅެ، ދަންނަވައިނުލެވުނު ސުވާލުތައް އާންމުކޮށް ލިޔެލައި މި ދޫކޮށްލަނީ، މިމަގުން މި ސުވާލުތައް އާންމުކުރުމުން ކޮންމެވެސް ބޭފުޅަކު މި ސުވާލުތަކަށް ޖަވާބެއް ދެއްވަފާނެ ކަމުގެ އުންމީދުގައެވެ.

ހަށިވިއްކުން ނުހުއްޓުވުން އޯކޭވަނީ ކިހިނެއް؟

ނިމެން މިދާ ފަސް އަހަރުގެ ދައުރަކީ މާލެއާއި މާލެ ސަރަހައްދުގައި މީގެ ކުރިން ޒަމާނެއްގައި ނުފެތުރޭ މިންވަރަށް ހަށިވިއްކުން އާންމުވި ފަސް އަހަރެވެ. ބިދޭސީ އަންހެނުން ގެނެސް، އެމީހުން ލައްވައި އިޝްތިހާރުކުރުވައިގެން، މަސާޖު ޕާލާގެ ނަމުގައި މިކަން ކުރުން ވަރަށް ބޮޑަށް އާންމުވިއިރު، ދިވެހި އަންހެނުންވެސް ހަށިވިއްކުމުގައި ޝާމިލުވާ މިންވަރު ވަރަށް ބޮޑަށް އިތުރުވިއެވެ.

ހަށިވިއްކުމުގެ ރިންގުތައް ހިންގާ ގޮތް ދިވެހި ފުލުހުން ބަލައި ހޯދައި އިންޓެލިޖެންސް މައުލޫމާތު އެއްކުރެއެވެ. ނަމަވެސް ދަމަކުން ބަޑިއެއްޖަހައިހެން އެއް ސްޕާއަށް ރެއިޑުކޮށްލިޔަސް އެތަންތަން ދަނީ ކުރިއަށެވެ. ތެތްފިނީގައި ހަންޑިކުޑަ ފެތުރޭހެން މުޅި މާލޭގައި ހަށިވިއްކާ ތަންތަން ފެތުރިއްޖެއެވެ. ހުއްޓުވަން ކަމެއްކުރާކަން ދައްކަންވެސް ކަމެއް ކުރަން ސަރުކާރަށް އެނގުނީ ރިޔާސީ އިންތިޚާބަށް 6 އެއްކަ މަހަށް ވެފައިވަނިކޮށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންނާ އަޅުގަނޑު ކުރަން ބޭނުންވި ފުރަތަމަ ސުވާލަކީ މި މިންވަރަށް އިސްލާމީ ޤައުމެއްގައި މި ފާހިޝް އަމަލު ފެތުރެން ފުރުސަތު ދެއްވި އެކަމާ އަޅައިނުލެއްވި ރައީސަކަށް ތާއީދުކުރުން އިސްލާމީ ޝަރީޢަތުގެ އަލީގައި ހުއްދަވަނީ ކިހިނެއްކަން ސާފުކޮށްދެވިދާނެތޯ ދަންނަވާ ސުވާލެވެ.

އެއް ޖިންސުން ގުޅުންހިންގި މީހުންނާ ޑީލުހެދުން އޯކޭވަނީ ކިހިނެއް؟

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުންހިންގައި އެ މަންޒަރު ވީޑިއޯކުރި ބަންގުލަދޭޝް ޒުވާނާ އަލަމްގީރު ރެކޯޑުކުރި ވީޑިއޯތަކުން 50 އަށްވުރެ ގިނަ ވީޑިއޯ ލިބިފައިވާކަމަށް ބުނީ ދިވެހި ފުލުހުންނެވެ. އަދި އެއިން 6 އެއްކަ ވީޑިއޯ އާންމުވެ އެކަމުގައި ޝާމިލުވި ބައެެއް މީހުންގެ ނަންތައް އާންމުންނަށްވެސްވަނީ އެނގިފައެވެ. އެ މައްސަލައާ ވިދިގެން 20 މީހެއްގެ ޕާސްޕޯޓުވެސް ފުލުހުން ހިފަހެއްޓިއެވެ.

ނަމަވެސް މި މައްސަލާގައި ދައުވާކޮށްފައިވަނީ 3 މީހަކަށެވެ. އެއީ ވީޑިއޯތަކުން ފެނުނު ނާޒިމް އަބްދުއްސައްތާރާއި، މުހައްމަދު ނަޝީދާއި އަބްދުއްރަހީމް ރަފީއުގެ މައްޗަށެވެ. ހަމަ އެ ވީޑިއޯތަކުން ފެނިގެން ޕާސްޕޯޓު ހިފަހެއްޓި 20 މީހުންގެ މައްޗަށް ދައުވާނުކުރަން ނިންމައި، އެކަން ރައީސް އިބްރާހީމުވަނީ ޕީޖީއަށް އަންގަވައި މަޖުބޫރުކުރައްވާފައެވެ.

އެއް ޖިންސުން ގުޅުންހިންގުމުގެ ތުހުމަތުކުރެވޭ 50 ވަރަކަށް މީހުން ޝާމިލުވާ މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްފައި ބާކީ ތިބި އެންމެން ދޫކޮށްލުމުން މުޖުތަމައަށް ރައީސް އިބްރާހީމު އެދެއްވި މެސެޖު އަދާލަތުގެ އިލްމުވެރިން "ޖަސްޓިފައި" ކުރައްވަނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ފާހިޝް އަމަލަކަށް ހިތްވަރު ދިނުންކަމުގައި އެކަން ނުވަނީ ހެއްޔެވެ؟

ދީނަށް ފުރައްސާރަކުރުމާއި ލާދީނީ ފިކުރު ފެތުރުމަށް މިނިވަން މާހައުލެއް

މުޖުތަމައުގައި މިނިވަންކަން އޮތުމަކީ އަޅުގަނޑުވެސް އެދޭ ކަމެކެވެ. ނަމަވެސް ޝަރީޢަތާއި ޤާނޫނުގެ އިމުގެ ތެރޭގައި އޮންނަ މިނިވަންކަމެކެވެ. ރައީސް އިބްރާހީމު ވެރިކަމަށް ވަޑައިގަތުމާއެކު، އަމިއްލަ ނަން ނޫން އެހެން ނަންތައް ބޭނުންކޮށްގެން މާތްﷲއާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ހަޖޫޖެހުން އާންމުވެއްޖެއެވެ. އަދި އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ފެތުރުމަށް ކުރާ މަސައްކަތް ހަލުއިވެއްޖެއެވެ.

ރުސްތުމް ނަމަކަށް ކިޔާ މީހަކު ދީނަށް ފުރައްސާރަކުރާތީ އޭނާ އުޅޭ ރަށުގެ މީހުން ނިކުމެ އޭނާއާ ދިމާކޮށްލުމުން ހައްޔަރުކުރިއެވެ. ކުރި ދައުވާއަކީ ކުޑަ އަދަބެއް އަންނަ ދައުވާއަކަށްވުމުން ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށްފަހު އޭނާގެ އަދަބުން ތަންފީޒުކުރާނެ މުއްދަތެއް ނެތިގެން މިނިވަންވެ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް، އިހުނަށްވުރެ ގިނައިން އޭނާ އަންނަނީ އިސްލާމްދީނަށް ތައުހީނުކޮށް ކުޑައިމީސްކުރަމުންނެވެ.

ކުރެދިކުރިގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހަދައިގެން އާދަޔާޚިލާފު ހުތުރުކޮށް އިސްލާމްދީނަށް ފުރައްސާރަކުރި މީހަކީ ކާކުކަން ފުލުހުންނަށް އުޅެއުޅެގެން ނުހޯދި އުޅެނިކޮަށް އާންމުން އޭނާއަކީ ކާކުކަން ހޯދައި ފުލުހުންގެ ސަމާލުކަމަށް ގެނައުމުން، އޭނާގެ ގެވަށައި ފާރައަށް ފުލުހުން ބައިތިއްބައި، ފުލުހުންގެ ލޯންޗެއްގައި ހުޅުލެއަށް ގެންގޮސް ރެއެއްގެ ދަންވަރު އޭނާ ރާއްޖެއިން ފުރުވައިލިއެވެ. އިއްޔެ އޭނާ އިންސާނާގެ ލަދުގުނަވަން ކުރަހައިލީ ކީރިތި ޤުރުއާނުގެ ޞަފުޙާއެއްގައެވެ.

އިސްލާމްދީނާ ދެކޮޅު މީހުން ރާއްޖޭގައި ތިބެގެން އެމީހުންގެ ފިކުރުތައް ހިމެނޭ މަޖައްލާއެއް ނެރެން ފެށިއެވެ. އަދި ޕޮޑްކާސްޓެއް ހަދައި ޓުވިޓާގައި އެ ޕޮޑްކާސްޓު އާންމުކޮށް ފަތުރަން ފެށިއެވެ. ފުލުހުންގެ މީޑިއާ ގުރޫޕުގައި ދެތިން ފަހަރަށް އެވާހަކަ ދެންނެވި މީހަކީ އަޅުގަނޑެވެ. ފުލުހުންނަކަށް އެއީ ކޮން ބައެއްކަން ހޯދޭ ގޮތެއް ނުވިއެވެ. ނަމަވެސް މި ސަރުކާރުގެ "ޤިބުލަ"ކަމަށްވާ އިންޑިއާ އެމްބަސީ ގޮއްވައިލާނެކަމަށް ފޭކު އެކައުންޓަކުން ބުނެލި މީހާ ދުވަހުން ދުވަހަށް ހޯދައި ބަންދުކުރެވުނެވެ.

މި މިންވަރަށް އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުން އާންމުވެ، އެކަންކަން ކުރާ މީހުންނާމެދު ފިޔަވަޅެއް ނޭޅި އެމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެދިޔަ ވެރިކަމެއް ކުރެއްވި ބޭފުޅަކަށް ތާއީދުކޮށް ކެމްޕެއިންކޮށް ސަނާކިޔުން ޝަރުޢީ ގޮތުން ހުއްދަވާ ދަލީލަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދި އާދޭސް ދެންނެވުމަކީ އަދާލަތުގެ އިލްމުވެރިންްނާ ދެން އަޅުގަނޑު ކުރާން އޮތް ސުވާލެވެ.

ޢިލްމުވެރިކަމަށްވުރެ ކޯލިޝަން ދެމެހެއްޓުން މުހިއްމުވާ ޝަރުޢީ ހުއްޖަތް

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަކީ ޢިލްމުވެރި ކިޔަވައިވިދާޅުވެގެން ހުންނެވި ދީނަށް ލޯބިކުރައްވާ، އެކަން އަމަލީ ގޮތުން ދައްކަވާ ބޭފުޅެއްކަން ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ފާހަގަކުރެއްވުމުން، ޑރ.ޢިޔާޟު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިލްމުވެރިކަން ހުރުމަކީ އިސްލާމީ ވެރިއެއްގެ ކިނބައިގައި ހުރުން މުހިއްމު ސިފައަކަށްވީ ނަމަވެސް އެއަށްވުރެ މުހިއްމުކަމަކީ މީހުން ގޮވައިގެން ތަފާތު ޚިޔާލުގެ މީހުން އެކުލަވައިގެން އުޅެން އެނގުން ކަމަށެވެ.

އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫނީމުއެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް ދީނީ ފޮތްތައް ބަލައި އުޅެމުއެވެ. އިސްލާމީ ފިޤުހުގައި ވެރިކަމަށް ޚާއްޞަ ބައަށް ކިޔައިއުޅެނީ ސިޔާސާ ޝަރުޢިއްޔާއެވެ. އެ ދާއިރާގެ ބޮޑެތި ފޮތްތައް ލިޔެވި ޝާއިއުކުރެވިފައި އެބަހުއްޓެވެ. އެފޮތްތަކުގައި ވެރިންގެ ޝަރުތުތައް ތަރުތީބުން ބަޔާންވެފައި އެބަހުއްޓެވެ.

އަބޫ ޔަޢުލާ އިބްން އަލްފައްރާއުގެ އަލްއަޙްކާމުއް ސުލްޠާނިއްޔާއާއި، އިބްނު ތައިމިއްޔާ ސިޔާސައް ޝަރުޢިއްޔާ ފީ އިސްލާހިއް ރާޢީ ވައް ރަޢިއްޔާ ފަދަ ފޮތްތަކެވެ. އަދި މިޒަމާނުގެ އިލްމުވެރިން ލިޔުއްވި އެތައް ފޮތެކެވެ. އަޅުގަނޑުގެ ސުވާލަކީ ޢިލްމުވެރިކަމާއި ތަންދޮރުފިލުމުގެ މައްޗަށް މީހުން އެކުލަވައިގެން އުޅުން އިސްވާނެ ގޮތެއް މިއިން އެއްވެސް މަރުޖިޢެއްގައި ބަޔާންވެފައި އޮތްތޯއެވެ. ނެތްނަމަ ޢިޔާޟާއި އަދާލަތުގެ އިލްމުވެރިންނަށް އެކަން އިލްމުވެރިކަމަށްވުރެ އިސްވާ ގޮތެއް ޝަރުޢީ ދަލީލުތަކުން ވިދާޅުވެދެއްވިދާނެތޯއެވެ.

އަދިވެސް ސުވާލު!

ކައިވެނީގެ ބައިވެރިން އިޚުތިޔާރުކުރާއިރު މީހާގެ ދީންވެރިކަމާއި ދީނަށް މީހާ ލޯބިކުރާ މިންވަރު ވަޒަންކުރުމަށް އޭނާގެ އާއިލާއަށް ބެލުމަކީ ޝަރީޢަތުގައި އޮންނަ ކަމެއްކަމަށް ދީނުގެ ފޮތްތަކުގައި ލިޔެވިފައި ހުންނާތީ އަޅުގަނޑުވެސް ދެކެމެވެ. ވެރިކަމަށް މީހަކު ހޮވާއިރު، މީހާގެ އާއިލާގެ ހާލަތާއި އެމީހެއްގެ ދަރިންނަށް ދީފައި ހުރި ތަރުބިއްޔަތަށް ބަލަންޖެހޭތޯ އަދާލަތުގެ އިލްމުވެރިން ކުރެން އަހައިލަން ބޭނުންވިއެވެ. ޖަވާބަކީ އާއެކޭނަމަ، ޑރ.މުޢިއްޒުގެ ބޭފުޅުންނަށް ދެއްވި ތަރުބިއްޔަތާއި އަނބިކަނބަލުންގެ ކިނބައިން ފެނި އެނގޭ ކަންކަމާއި ރައީސް އިބްރާހީމުގެ މިދެންނެވި ކަންކަމަށް އަދާލަތުން ބެލީ ކިހައިވަރަކަށްތޯއާއި ޑރ.މުޢިއްޒަށްވުރެ ރައީސް އިބްރާހީމު ރަނގަޅުކަމަށް މި ނަޒަރުން ބެއްލެވުމަށްފަހު ނިންމެވި ގޮތެއްވެސް އަހައިލަން ބޭނުންވިއެވެ.

އަދި އަމާނާތްތެރިކަމުގެ ވާހަކައަކީ އަދާލަތުގެ އިލްމުވެރިން ވެރިއެއްގެ ޝަރުތުތަކުގެ ތެރޭގައި ހިމަނުއްވައި ރައީސް އިބްރާހީމު އެ ސިފައަކުން ސިފަކުރައްވާ ސިފައަކަށްވާތީ، ރިޔާސީ އިންތިޚާބު ކުޑަތަންވުމުން ޖަލުގައި ތިބި ބޮޑެތި ކުށްވެރިންނަށް އަދަބުލުއިކޮށްދީގެން ދޫކޮށްލުމާއި، އެމަނިކުފާނަށް ތާއީދުކުރަން ނިންމާ މީހުންނަށް ފަޅާއި ފަޅުރަށްތައް ދޫކުރުމާއި، ދައުލަތުގެ ވަސީލަތްތަކާއި މުއްސަނދިކަމާއި ނުބައްދަލު މިންވަރަށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި ބެހުމަކީ އަމާނާތްތެރިއެއްގެ ސިފަތައްތޯ އަދާލަތުގެ އިލްމުވެރިން ކުރެން އޮޅުންފިލުވުމުގެ އެދުން ހިތުގައި ވަރަށް އޮތެވެ.

ނަމަވެސް ސުވާލެއް ކުރާން ޖާގައެއް ނުދެއްވިއެވެ. ޑރ.ޢިޔާޟް އަރިހުގައި ވަކިން ސުވާލުތަކަށް ޖަވާބުދެއްވަން އެދުމުން ވިދާޅުވީ "އިންތިޚާބު ނިންމާފައި ޖަވާބުދޭނަން" ކަމަށެވެ. އިންތިޚާބާ ގުޅިގެން ނެންގެވި މައުޤިފާމެދު، ނިންމެވި ނިންމެވުމާމެދު ކުރާން ހުރި ސުވާލުތަކަށް އިންތިޚާބަށް ފަހުގައި ޖަވާބުދެއްވުމަކީ ވަރަށްވެސް މޮޅު ގޮތެކެވެ. އާންމު ރައްޔިތުން ކުރިމަތީ އެ ބޭފުޅުން ނެންގެވި މައުޤިފު (ޕޮޒިޝަން) އާންމުންގެ ކުރިމަތީ ދިފާއުކުރައްވަން ކެރިވަޑައިނުގަތުމަކީ އަންތަރީސްވާވަރުގެ ކަމެކެވެ.

ޑރ.މުޢިއްޒަށް 100 އިލްމުވެރިން ތާއީދުކުރައްވައި ބަޔާނެއް ނެރުއްވުމުން ޢިޔާޟު ވިދާޅުވީ އެއިން އެނގެނީ ގިނަ ޢިލްމުވެރިން މުޢިއްޒަށް ތާއީދުނުކުރާކަން ކަމަށެވެ. 23 އިލްމުވެރިންނާއެކު ޢިޔާޟު ނިކުމެވަޑައިގެން ރައީސް އިބްރާހީމަށް ތާއީދުކުރެއްވުމުން އެނގެނީ ކޮންކަމެއްތޯވެސް އޭނާ އަރިހުން އަހައިލަން ބޭނުންވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި ނޫސްވެރިޔަކަށް ހޭހެއްޔޭވެސް އަހައިލަން ޖާގައެއް ނުދެއްވައި އެ ބައްދަލުވުން ނިންމަވައިލެއްވުމުން އެނގޭ ދެތިން ކަމެއް އެބައޮތެވެ. އެއްކަމަކަށް މި ބޭފުޅުންނަށް އެ ބޭފުޅުން ނިންމެވި ނިންމެވުމުގެ ރަނގަޅުކަން ޔަގީންނުވާކަމެވެ. ޔަގީންވާނަމަ ދިފާއުކުރައްވާން ފަސްޖެހިވަޑައިގަންނަވަންވީ ސަބަބެއް ނެތެވެ. ދެވަނަ ކަމަކަށް، މިނިންމުމަކީ ޝަރުޢީ އަސާސްތަކާއި ދަލީލުތަކުން އެ ބޭފުޅުންނަށް ދިފާއުކުރެއްވޭނެ ނިންމެވުމެއް ނޫންކަމެވެ. ފަހުކަމަކަށް ރައީސް އިބްރާހީމުގެ ސިޔާސަތުތައް ދިފާއުކުރައްވަން، އެބޭފުޅުންނަށް މަޤާމު ދެއްވައިގެން ކައިރީގައި ގެންގުޅުއްވި ގެންގުޅުއްވުން ފިޔަވައި ދެއްކެވޭނެ އެއްވެސް ވާހަކަފުޅެއް ނެތްކަމެވެ. ނޫސްވެރިންނާ ކުރިމަތިލައްވަން ކެރިވަޑައިނުގަނެ، އަވަސްއަވަހަށް ނޫސްވެރިން ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު، ހަލުއި ފިޔަވަޅުތައް އަޅުއްވައި އެންމެ ހަނި ދޭތެރެެއިން ބޮދާވަޑައިގެން ފިއްލެވީ، ނިންމެވި ނިންމެވުމާއި، ނެންގެވި މައުޤިފު ދިފާއުކުރެއްވެން ނެތުމުން ކަމެވެ.

އަދާލަތު ޕާޓީގެ ތިލަފަތުން މި ފަސް އަހަރަކީ އާދަޔާ ޚިލާފަށް ދީނަށް ނަސްރު ދިން ފަސް އަހަރެވެ. މުޖުތަމައު އިސްލާހުވި ފަސް އަހަރެވެ. ނަމަވެސް އިންސާފުގެ ތިލަފަތުން މި ފަސް އަހަރު ކިރައިލެވޭނީ މަތީގައި ބަޔާންކުރި ކަންކަން އުނިކޮށްފައެއް ނޫނެވެ. މިނޫނަސް އެ ތިލަފަތުގައި ކިރަންޖެހޭ ހާސްކަންތައް މިވެރިކަމުގައި ހިނގައި އަދާލަތުގެ އިލްމުވެރިންނަށް ނުފެނި ހިނގައްޖެއެވެ. ޟަމީރު އަމިއްލަ އެދުމުގެ ކޮޅިގަނޑެއްގައި ޖެހި، ހިތް ހަސަދައާއި ނަފުރަތުގައި ޣަރަޤުވެ، ބަޔަކު ދެކު ކަނު ލޯތްބެއް ވެވުމުން އައިބުތައް ނުފެންނާނެއެވެ.

މި ލިއުމާއި ގުޅޭ