Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: އިންކަމް ސަޕޯޓުގެ ގޮތުގައި ދައުލަތުން އެއްވެސް ފައިސާއެއް ނުދޭ، ބެހީ ބޭރުގެ ހިލޭ އެހީ!

ކޮވިޑާއި ގުޅިގެން އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެންސުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުދޭކަމާއި، އިންކަމް ސަޕޯޓްގެ ގޮތުގައި މުޅިންވެސް ދިނީ ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާކަން ހާމަވެއްޖެއެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން ރަށްރަށަން ވަޑައިގެން އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ ސަރުކާރުން ދިން އިންކަމް ސަޕޯޓުގެ ވާހަކައެވެ. އެގޮތުން އިންތިހާބުގައި ތާއީދު ހޯދުމަށްޓަކައި އެމަނިކުފާނު އިންކަމް ސަޕޯޓުގެ ވާހަކަ ދައްކަވަނީ އެއީ ދައުލަތުން ރައްޔިތުންނަށް ދިން ފައިސާއެއްކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ. އަދި ކޮވިޑުން އަރައިގަނެވުނީ ސަރުކާރުން އެ ހާލަތުގައި ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުންކަމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ.

ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް ކޮވިޑް އިމަޖެންސީ އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ދޭން ފެށީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ދިވެހި ސަރުކާރުން އިންކަމް ސަޕޯޓު ފޯރުކޮށްދިން ނަމަވެސް، އިންކަމް ސަޕޯޓު ފޯރުކޮށްދިނުމުގެ މަޝްރޫޢަކީ ވޯލްޑު ބޭންކުގެ މާލީ އެހީތެރިކަމުގައި ހިންގި މަޝްރޫޢެކެވެ. ވޯލްޑު ބޭންކުން ބުނެފައިވާ ގޮތުގައި ކޮވިޑުގެ ސަބަބުން މީހުންގެ އާމްދަނީއަށް އައި ހީނަރުކަން ކުޑަކުރުމަށް އެ ބޭންކުން 34.4 މިލިއަން ޑޮލަރު ނުވަތަ 530 މިލިއަން ރުފިޔާގެ މަޝްރޫޢެއް ރާއްޖޭގައި ހިންގިއެވެ. މި ފައިސާގެ ތެރެއިން ލޯނުގެ ގޮތުގައި ހަމަޖައްސާފައިވަނީ 6.4 މިލިއަން ޑޮލަރެވެ.

ވޯލްޑް ބޭންކުގެ ވެބްސައިޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގައި އެމަޖެންސީ އިންކަމް ސަޕޯޓު މަޝްރުޢު ފެށީ އެ ބޭންކުން ފޯރުކޮށްދިން 12.8 މިލިއަން ޑޮލަރު ނުވަތަ 197.3 މިލިއަން ރުފިޔާއިން ކަމަށެވެ. އަދި ފަހުން އިތުރު 21.6 މިލިއަން ޑޮލަރު ނުވަތަ 333.07 މިލިިއަން ރުފިޔާ އެ މަޝްރޫޢަށް ދިން ކަމަށެވެ.

އިންކަމް ސަޕޯޓު ފޯރުކޮށްދިނުމަށް ވޯލްޑު ބޭންކުން ފޯރުކޮށްދިން 34.4 މިލިއަން ޑޮލަރުގެ ތެރެއިން ލޯނުގެ ފައިސާގެ ގޮތުގައި ލިބުނު 6.4 މިލިއަން ޑޮލަރު ކެނޑުމުން، ހިލޭ އެހީގެ ގޮތުގައި ލިބުނުކަމަށް ފެންނަންއޮތީ ޖުމްލަ 28 މިލިއަން ޑޮލަރެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ 431.76 މިލިއަން ރުފިޔާއެވެ.

ސަރުކާރުން އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 22,946 ފަރާތަކަށް މުޅި ޖުމްލަ ދޫކޮށްފައިވަނީ 421 މިލިއަން ރުފިޔާއެވެ.

އެހެންކަމުން އިންކަމް ސަޕޯޓް ފަންޑަށް ސަރުކާރަށް ލިބުނު ބޭރުގެ ހިލޭ އެހީގެ ފައިސާ އެކީ ނުބަހާކަންވެސް މިވަނީ ހާމަވެފައެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ބެހުމަށް ލިބުނު ހިލޭ އެހީގެ ތެރެއިން 10 މިލިއަނަަށްވުރެ ގިނަ ފައިސާ ބާކީ ވެފައި ސަރުކާރުގައި ހުންނަން ޖެހޭނެއެވެ.

ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކުން ދައުލަތުގެ ބަޖެޓް ތެރެއިން މާލީގޮތުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ދީފައިވެއެވެ. ރާއްޖެ ފިޔަވައި ދައުލަތުގެ ބަޖެޓުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ނުދޭ އެހެން ގައުމެއް އޮތްކަމުގެ މައުލޫމާތެއް ފެންނާކަަށް ނެތެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެމްޑީޕީން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންނާއި އާމްދަނީއަށް އުނިކަން އައި ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދިން އެހީގެ ވާހަކައެކެވެ.

ނަމަވެސް އެ އެހީތެރިކަމަކީ ވޯލްޑް ބޭންކުން ފޯރުކޮށްދިން އެހީއެއްކަމާއި، ސަރުކާރުން ފައިސާ ޗާޕުކުރީ މިއެހީތެރިކަން ފޯރުކޮށްދޭންކަމަށް ދޭހަވާ ގޮތަށް ސަރުކާރުގެ ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ކެމްޕެއިނުގައި ދައްކަވާ ވާހަކަފުޅަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކެވެ.

މި ލިއުމާއި ގުޅޭ