ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައްޔަންކުރާނެ ފަރާތެއް ކަނޑައަޅަން ކޮންމެ ފަސް އަހަރުން އެއް އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކުޑަތަންވެފައިވާއިރު، އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ. ގިނަ ރައްޔިތުން މިހާރު ވޯޓުލާނެ ކެންޑިޑޭޓެއް ނިންމައިގެން ތިއްބައި އެ ނިންމުން ނުނިންމާ މީހުން ވެސް ތިބެދާނެ އެވެ.
ވޯޓު ލުމުގައި ކޮންމެ ރައްޔިތަކު ވެސް ވިސްނަންވާނީ ގައުމަށާއި ދިވެހި ދީނަށް އެންމެ ރަނގަޅު ގޮތެވެ. ދިވެހިންނަށް އެންމެ ރަނގަޅު ހިދުމަތެއް ކޮށްދޭނެ ވެރިއެކެވެ. އެގޮތުން އަށް ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބުގެ ކުރިން، ރައްޔިތުންގެ ހުރި ސުވާލުތައް އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ކުރުމުގެ ފުރުސަތު ހުޅުވާލައި، 'ސަންގު' ޓީވީން ރޭ ވަނީ "އާސްކް މުއިއްޒު" ނަމުގައި ޕްރޮގުރާމެއް ގެނެސްދީފަ އެވެ.
އެ ޕްރޮގުރާމުގައި ޑރ. މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ބޯހިޔާވަހިކަމާއި، މަސްވެރިކަމުގެ ސިނާއަތާއި، ރާއްޖޭގައި ދަރަނި ރަނގަޅުކުރާނެ ގޮތާއި، މެންޓަލް ހެލްތާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން އާންމުން ކުރި މުހިންމު ގިނަ ސުވާލު ތަކަކަށް ޖަވާބު ދެއްވާފަ އެވެ. އެއިގެން ކޮންމެ ސުވާލަކަށް ވެސް ޑރ. މުއިއްޒު ދެއްވީ އުންމީދީ ޖަވާބެކެވެ. ކިޔައިދެއްވީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ. ރައްޔިތުން ކުރި ބައެއް ސުވާލުތަކާއި ޑރ. މުއިއްޒުގެ ޖަވާބު:
* ޑރ. މުއިއްޒުގެ ސަރުކާރެއްގައި ކޮބައިތޯ މެންޓަލް ހެލްތުގެ ޕްލޭނަކީ؟ އަދި ހަރަދުކުޑަ އަވަސް ފަރުވާ މިކަމަށް ލިބޭނެތޯ، ލިބޭނެ ގޮތެއް އެބަ އޮތްތޯ؟
ތީ ވަރަށް ރަނގަޅު ސުވާލެއް، އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފަ އޮންނާނެ މެންޓަލް ހެލްތު މި ދާއިރާއަކީ ވަރަށް ބޮޑު މައްސަލައެއް ދިމާވެފައިވާ ކަމަކަށް ވާތީ އަޅުގަނޑުމެންގެ ސިއްހީ ދާއިރާގެ ތަރައްގީގެ ހުށަހެޅުންތަކުގައި ވަރަށް ހާއްސަ ކަމެއް ދީފަ އޮންނާނެ. އެއް ކަމަކަށް މިހާރުން މިހާރަކަށް އޭގެ ފައިދާ ސީދާ މިފަދަ ބޭފުޅުންނަށް ކުރާނީކީ ނޫން، އެހެންނަމަވެސް އިންޓަނޭޝަނަލް ފެންވަރުގެ މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅުގަނޑުމެން ރާއްޖޭގައި އަޅާނަން. މިހާރު އަޅުގަނޑު އިއުލާންކޮށްފައި ވާނެ ލ. ގަމުގައި ކަމަށް އެ ހޮސްޕިޓަލް އަޅާނީ އެއީ ދެން އިންވަޔަރަމެންޓަލް މާހައުލަށް ބަލާއިރުގައިވެސް އެންމެ ހިތްފަސޭހަ އެންމެ ރަނގަޅު މާހައުލަށް ވާނެ ބޮޑު ތަނަކަށް ވެފައި ވަރަށް ގިނަ މިންގަނޑުން ބަލާއިރު ރަނގަޅު ތަނެއް. އެހެންނަމަވެސް މިހާރުން މިހާރަށްވެސް ނަފްސާނީ ބަލީގެ ފަރުވާއަށް ދޭންޖެހޭ ސަމާލުކަން ދެވި އާސަންދައިން ނަފްސާނީ ފަރުވާއަށް، އެ ފަރުވާގެ ހުރިހާ ހަރަދަކަށް ކަވަރު ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާނަން، މާނައަކީ އާސަންދައިން ދައްކާފަ ބާކީ ބައި އެހެން ގޮތަކުން ދައްކަންޖެހި މިހެންނެއް ނުވާނެ، ފުލް ކޯސްޓް އެއްކޮށް ނަފްސާނީ ބަލީގެ ފުލް ކޯސްޓް އެއްކޮށް ކަވަރުވާނޭ އެއްކޮށް ކުރަންޖެހޭ ހުރިހާ ޓްރީޓްމަންޓެއް އެއީ އާސަންދަ ތެރެއިން ސަރުކާރުން ހަރަދު ބެއާ ކުރާނެ، އެހެންވީމަ ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. ދެން އެ [މެންޓަލް ހެލްތު] ދާއިރާއިން ކިޔަވައިގެން ތިބި ފަރާތްތައް އިތުރުކުރުމަކީ އަޅުގަނޑުމެން ކުރިއަށްގެންދާނެ ކަމެއް ހަމަ ޕްރޮފެޝަނަލް ބޭފުޅުން އިތުރުކޮށް، ލޯކަލް ލެވެލްއެއްގައި ރަށްރަށުގައި އޭގެ ސްޕެޝަލިސްޓުން އިތުރުކުރުމަކީ ވެސް ކުރާނެ ކަމެއް. އެހެންވީމަ މި [މެންޓަލް ހެލްތު] ދާއިރާއަކީ ނުވަތަ މި ކަމަކީ ވަރަށް ބޮޑަށް ރާއްޖޭގައި މިހާރު އިޖްތިމާއީ ގޮތުން ކަންތައްތައް ހުރިގޮތުން ސަމާލުކަން ދޭންޖެހޭ ކަމެއް އެހެންވީމަ މިދެންނެވި ގޮތަށް އާސަންދައިން އެކަން [މެންޓަލް ހެލްތު] އެއްކޮށް ކަވާރުވާ ގޮތަށް ހެދުމުގެ އިތުރަށް ރަނގަޅު ފެންވަރުގެ އިންޓަނޭޝަނަލް ހޮސްޕިޓަލެއް ރާއްޖޭގައި ހެދުމާއި މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަން ގަސްތުކޮށްފައި ވަނީ.
ޑރ. މުއިއްޒު ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ
* ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި އެކަނިވެރި މައިންނަށް ކޮށްދޭނީ ކޮން ކަމެއްތޯ؟
މެނިފެސްޓޯ އިއުލާންކުރިރޭ އަޅުގަނޑުމެން އިއުލާން ކުރިން އެކަނިވެރި މައިންގެ، ބަފައިންގެ ކެޓަގަރީ އަނެއްކާވެސް ފުރުސަތު ހުޅުވާލާ ގޮތަށް. ދެން އަޅުގަނޑުމެން އޮންނާނީ ދަންނަވާފަ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ދިނުމޭ އަޅުގަނޑުމެންގެ ޕޮލިސީއަކީ އެކަމު އޭގެ ތެރޭގައި ބައެއް ހާއްސަ ދިމަދިމާ، ހާއްސަ ކެޓަގަރީތައް އަޅުގަނޑުމެން ހަދާ ވާހަކަ، އޭގެ ތެރެއިން އެއް ކެޓަގަރީއަކީ އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއޭ. 500 ހައުސިން ޔުނިޓު މާލޭ ސަރަހައްދުގައި. އެއީ މާލޭ ސަރަހައްދަށް އެކަނި އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އަޅުގަނޑުމެން ގާއިމުކުރާ ހައުސިން ޕްރޮޖެކްޓުތަކުގެ ތެރޭގައި ހަމަ އެކަނިވެރި މައިންނާއި އެހެން ސެކްޓާތައް ހިމެނިގެންދާނެ، އެއީ ހައުސިންގެ ޔަގީންކަން ދިނުމަށްޓަކައި. ދެން އަނެއް ކަމަކީ [އެކަނިވެރި މައިންނަށް] ދޭ އެލަވަންސް ބޮޑުކުރުން 3،000ރ. އާ ހަމައަށް ކޮންމެ ކުއްޖަކަށް. އެއީ ކުދިންގެ އަދަދު އެންމެ ގިނަވެގެން ގޮސްވެސް ހަތަރު ކުދިންނާ ހަމައަށް އެ އެލަވަންސް ލިބޭނެ. އެހެންވީމަ އެއީ ވެސް ލުޔެއް ދިނުމަށްޓަކައި. އެކަމު އަޅުގަނޑުމެން އޭގެ ނިޔަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ގޮތްވެ، އާމްދަނީ ހޯދުމަށްޓަކައި ލިބޭ ފުރުސަތަކަށް ވާނޭ އެ ފަރާތްތަކަށް، ލިބިގެން އަމިއްލަ ފުދުންތެރިކަމެއްގެ ތެރެއަށް ދާން ފަހިކޮށްދިނުމޭ. އެއްގޮތަކަށްވެސް އެއަށް [ސަރުކާރުންދޭ ފައިސާއަށް] ބަރޯސާވެގެން އެއްގޮތަކަށްވެސް ވަޒީފާއަށް ނުވަތަ އާމްދަނީ ނުހޯދާ ހުރުމުން އަޅުގަނޑަކަށް ހިޔެއް ނުވޭ އެވަރަކުން ފުދޭނެހެނެއްވެސް. އެހެންވީމަ ކޮންމެވެސް ކަހަލަ ސްޓާޓްއަޕެއްގެ ގޮތުގައިދޭ ފައިސާކޮޅެއް މީ އެ ހާލަތުގައިގައ އުޅޭ ފަރާތްތަކަށް. އަސްލު މުޖްތަމައު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބެލުން އަޅުގަނޑުމެންގެ އިންޓެންޝަނަކީ. އެހެންވީމަ 3،000ރ. ލިބޭނޭ ކޮންމެ ކުއްޖަކަށް، ދެން ހައުސިން ކަނޑައަޅާފަ ވަނީ މާލޭ ސަރަހައްދުން 500 ހައުސިން ޔުނިޓު [އެކަނިވެރި މައިންނަށް] ދޭގޮތަށް. މައިގަނޑު ގޮތެއްގައި އެންމެ ބޮޑު މައްސަލައަކީ ހަމަ ގެދޮރުގެ މައްސަލަ، އެ މައްސަލަ ހައްލުވީމަ ހަމަ ވަރަށް ބޮޑެތި މައްސަލަތައް އެބަ ހައްލުވޭ.
ޑރ. މުއިއްޒު ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
* މުއިއްޒު ވެސް ވިސްނަނީ މަސްވެރިކަން ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލަންހޭ؟ މަހުގެ ހަމަ އަގު ލިބޭނެ ދުވަހެއް ބޭބެމެންގެ މި ދުނިޔޭގައި ފެންނާނެތޯއޭ؟
ބޭރު މީހުން މަސްވެރިކަމުގެ ތެރޭގައި ގެންގުޅޭ ވާހަކައާއި ހަމަ އަގު ނުލިބުމާ ތީ މިހާރު އެންމެ ބޮޑު ކަންބޮޑުވުން. އަޅުގަނޑުމެން މި ކެމްޕެއިން ތެރޭގައި ހާއްސަކޮށް މަސްވެރި ރަށްތަކަށް ދިޔައީމަ އަންނަ އެންމެ ބޮޑު ސުވާލު އެއީ ތިމަންނަމެންނަށް މިހާރުގެ މި ސަރުކާރުގެ ސިޔާސަތަކުތަކުގެ ތެރެއިން މަސްވެރިންނަށް އެއްގޮތަކަށްވެސް އަޅައެއް ނުލިއޭ. އެހެންވީމަ އަޅުގަނޑުމެން ހުށަހަޅައިގެން މިއުޅެނީ މުޅި މަސްވެރިކަމުގެ ސިނާއަތު އެއްކޮށް ނަގައި ކޮޅަށް ޖެހުމުގެ ހުށަހެޅުމެއް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ އެގޮތަށް. ދެން އެއް ކަމަކީ ތި ވިދާޅުވާ އަގުގެ ވާހަކަ، އަގު އަޅުގަނޑުމެންގެ ޓާގެޓަކީ ރޯ މަސް އަގު ކިލޯ، މިނިމަމް އަގު 20ރ. އަށް ހެދުން. 20 ރުފިޔާ އަކީ މިނިމަމް އަގު ކަމަށް ކަނޑައެޅުން. ދެން ކަންނެލީގެ ބޮޑު ކަންނެލީގެ އަގު 80ރ. އަށް ނުވަތަ އޭ ގްރޭޑް ވެއްޖިއްޔާ 100ރ. އަށް، އެކަހަލަ އަގުތަކެއް ހުންނާނެ ހުށަހަޅާފަ. ދެން ބައިވަރު އެކަހަލަ ކަންތައްތަކެއް ހުންނާނެ އަޅުގަނޑަށް މިތަނުގައި މުޅި މަސްވެރިކަމުގެ ސިނާއަތުގެ ހުރިހާ ކަމެއް ހަމަ ވަގުތު ނެތީމަ ފާހަގަ ނުކުރެވިދާނެ. އެކަމަކު އެއް ކަމަކީ އަގުގެ ވާހަކަ. ދެން މިސާލަކަށް ބޭންކަކަށް ގޮސް ލޯނެއް ނަގަން ބެލިކަމުގައި ވިޔަސް ނުލިބޭނެ މަސްވެރިންނަކަށް ފަސޭހައެއްކޮށް އެއީ ވަޒީފާއެއްގެ ގޮތުގައި ނުބަލާތީވެ. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި ހުށަހަޅާ ހުށަހެޅުމަކީ ނެޝަނަލް، ގައުމީ ލެވެލްގެ [މަސްވެރިންގެ] ރަޖިސްޓާއެއް، ދަފްތަރެއް އަޅުގަނޑުމެން ތައާރަފު ކުރާނީ ގާނޫނީ ގޮތުން ބަލައިގަންނަ ލެވެލްގަ. އޭގަ ރަޖިސްޓްރީ ވީމަ އެއީ ބޭންކުތަކަށް ވެސް މަޖުބޫރުވާނޭ، އެ ގާނޫނުގަ އޮންނާނެ އެހެން ބޭންކުތަކަށް ވެސް މަޖުބޫރުވާނެ އެއީ ވަޒީފާއެއްގެ ގޮތުގައި މަސްވެރިޔާ އެ ކުރާ މަސައްކަތް އެއީ ބަލައިގަތުން. އެހެންވީމަ ވަޒީފާގައި އުޅޭ ހުރިހާ ފަރާތްތަކަށް އޮންނަ ހުރިހާ ފުރުސަތެއް ބޭންކިން ނިޒާމުގެ ތެރެއިން [މަސްވެރިންނަށް] ލިބޭނެ. އޭރުން ހަގީގަތުގައި ދިވެހި މަސްވެރިން އިތުރު ވެސް ވާނެ. އެ ވާގޮތަކީ މާބޮޑު އުންމީދެއް ނެތް މިހާރު މަސްވެރިކަމުގެ ތެރޭގައި އުޅޭކަށް، އެހެންވީމަ ކުންފުނިތަކަށް ދަނީ، ކުންފުނިތަކަށް ގެންދަނީ. ދެން މަސްވެރިކަން މަރުވެގެންދާތީވެ އެ ދޯނީގައި ހުންނާކަށް ޒުވާނާ ހާއްސަކޮށް ބޭނުމެއް ނުވާނެ، ރަނގަޅު އެއްޗެއް ލިބެނީކީ ނޫން، މިނިމަމް އަގު އެހާ ކުޑަ، ދެން ގޮސް ބޭންކަކުން ލޯނެއް ލިބެނީކީ ނޫން، ހައުސިން ސްކީމަކަށް އެޕްލައި ކުރިޔަސް މިވާ ގޮތަކީ ކިތަށް އަހަރުތޯ ވަޒީފާގައި އުޅުނީ ބަލާއިރު އެތާނގަ ޖަހާނެ އެއްޗެއް ނޯވޭ، ވަޒީފާއެއް ގޮތަކަށް ނުބަލާ މަސްވެރިކަމެއް. އެކަމަކު އެއްކަލަ ރަޖިސްޓާ ތައާރަފު ކުރީމަ އޭގެ ޖެހޭނެ އެބައި [މަސްވެރިކަން]. އެހެންވީމަ ވަރަށް ގިނަ މައްސަލަތަށް ހައްލުވާނެ ހުރިހާ ކަމެއް ކަވަރުވާ ގޮތަށް ގާނޫނީ ގޮތުން އެ [މަސްވެރިންގެ] ދަފްތަރު އުފެއްދީމަ. އޭރުން ބޭރު މީހުންވެސް [މަސްވެރިކަމުގެ ސިނާއަތުގައި] މަދުވާނެ، އަޅުގަނޑުމެން ކަނޑައަޅާނަމޭ މަސްވެރިކަމަކީ މޯލްޑިވިއަން އޮންލީ، ދިވެހިންނަށް އެކަނި ކުރެވޭ ކަމެއްގެ ގޮތުގައި. ކަނޑައެޅީމަ ދެން ދިވެހިން އެކަނި [މަސްވެރިކަމުގައި] އުޅޭނީ ވެސް.
ޑރ. މުއިއްޒު ކަނޑިތީމަށް ވަޑައިގަތުން-- ފޮޓޯ/ ކެމްޕެއިން ޓީމު
* ރަނގަޅު ތައުލީމެއް ހޯދައިގެން އަންނަ މީހާއަށްވެސް މިހާރަކު ރަނގަޅު ފުރުސަތުތަކެއް ފަހިވެފަކާއެއް ނެތް. ޑރ. މުއިއްޒަށް ވެރިކަން ލިބިގެން ތައުލީމީ ގާބިލު މީހުންނަށް ލިބޭނީ ކޮން ކަހަލަ ފުރުސަތުތަކެއްތޯ؟
ތީ ހަމަ މުހިންމު ކަމެއް، އަޅުގަނޑުމެން ތިކަމަށް އޮންނާނެ ސޮލިއުޝަން ހުށަހަޅާފަ. ތައުލީމީ ގާބިލް ފަރާތްތަކަށް ތައުލީމީ ގާބިލް ފަރާތްތައް ފުލީ ރިކޮގްނައިޒް ކުރާނަމޭ، ވާހަކައަކީ ސަރުކާރުގެ ވަޒީފާތަކުގައި އަދި ކުންފުނިތަކުގެ ވަޒީފާތަކުގައި އަދި ދައުލަތުގެ އެކިއެކި މިނިވަން މުއައްސަސާތަކުގައި މިހެން ހުންނަ މުޅި ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި އެފަރާތްތަކަށް [ތައުލީމީ ފަރާތްތަކަށް] އިސްކަން ދޭނީ. އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދެވޭ، ސަރުކާރެއް ގާއިމުކުރަން، ދެން އަދި މިނިވަން މުއައްސަސާތަކަށް ފަރާތްތައް ނަގާއިރު ވެސް ހުށަހަޅަން ބޭނުންވަނީ އެފަދަ ފަރާތްތައް. ނަމެއްގައި ލާ ބަޔަކު [ވަޒީފާއަށް] ލާކަށް ހަގީގަތުގައި އެއީ ކަން ކުރަންޖެހޭނެ ގޮތެއް ނޫން. އެހެންވީމަ އެފަރާތްތަކުން މައްސަލައެއް ނެތް ސިޔާސީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ދޭނަން، އެކަމަކު ދޭއިރުގައި އެމީހުންނަކީ ވެސް ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި އެ ޕޯސްޓު ލިބޭ ބަޔަކަށް ވެގެން ނުވާނެ އެގޮތަކަށް ނޫން އަޅުގަނޑު ބަލާނީކިއެއް، ހަވާލުވާ ޒިންމާ އަދާކުރެވެން ވާނެ. ތައުލީމީ ފަރާތްތައް، ތައުލީމީ ބޭފުޅުން ކޮންމެ ގޮތެއް ވިޔަސް އެންމެ މުހިންމު ވަޒީފާތަކުގައި އެންމެ ޓެކްނިކަލީ އެފަރާތެއްގެ ބޭނުން ހިފަންޖެހޭ ވަޒީފާތަކުގައި ތިބެންޖެހޭނީ އެފަދަ ފަރާތްތައް. ދެން އަންހެން ބޭފުޅުންނަށް ހާއްސަކޮށް އެންމެ ޓޮޕް މެނޭޖްމަންޓް ލެވެލްގެ އެންމެ މަތީ ވަޒީފާތަކުގައި ވެސް ހަމަ ފުރުސަތު އަޅުގަނޑުމެން ހޯދައިދޭން ހުށަހަޅާފަ އޮންނާނީ. އެއީ ކޮންމެ ގޮތެއް ވިޔަސް މުޅި މުޖްތަމައުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތަކީ ހަމަ އަންހެން ކަނބަލުން، ކަނބަލުންގެ ބައިވެރިވުން އަޅުގަނޑު ބޭނުން ސަރުކާރު ހިންގުމުގައި އެންމެ މަތިން ތިރިއަށް އެކި ލެވެލްތަކުގައި ދޭން. ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކާ އިދާރާތަކުގައި ހަމަ އެ ފުރުސަތު ދޭން ބޭނުން އެކަމަށް ބޭނުންވެލައްވާ ފަރާތްތަކަށް. އެހެންވީމަ އިރާދަކުރެއްވިއްޔާ ފެނިލައްވާނީ ޓެކްނިކަލީ ގާބިލް، ހިންގުންތެރި ސެޓަޕެއް އަންނަތަން އަޅުގަނޑުމެންގެ ސަރުކާރެއްގައި. ރެއާ ދުވާލު މަސައްކަތް ކުރަން ކެރޭ ފަރާތްތަކަށް ފުރުސަތު ދޭން ބޭނުންވަނީ، އެއީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިފަދަ ކަމަކަށް ކުރިމަތިލާ ފަރާތެއް އެއީ އަރާމުކޮށްލައިގެން ތަންކޮޅެއް ފަސޭހަކަމާ އެކީގައި ބަންދު ދުވަސްތައް ކަނޑާފަ، ރެސްޓު ކޮށްލާފަ މިހެން އުޅޭ ކަހަލަ ވެރިކަމެއް ކަމަކަށް ރައްޔިތުން މިހާރު ބޭނުންވަނީކީ. އެހެންވީމަ އަޅުގަނޑު ހަމަ ބޭނުންވަނީ ސީރިއަސް ވޯކް ކުރަން، ސީރިއަސް ވޯކް ކުރެވޭނީ ކިޔަވައިގެން ތިބި ގާބިލް މީހުން ތަންތަނަށް ލައިގެން.