Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ފެކްޓް ޗެކް: 17 މިސްކިތެއް ނިމިއްޖެކަމަށް ވިދާޅުވެ މިނިސްޓަރު މަޖިލީހުގައި ހެދީ ދޮގު!

ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ ދައުރު ފެށުން ފަހުން ފަށާފައިވާ 17 މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

މިނިސްޓަރު ޒާހިރު އިތުރުފުޅު ހައްދަވާފައިވަނީ 13 ފެބުރުއަރީ 2023ގައި ބޭއްވި ރައްޔިތުން މޖިލީހުގެ ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވަނީ މިނިސްޓަރާ ދެ ސުވާލެއް ކުރައްވާފައެވެ.

މެންބަރު އަލީ ރިޒާ މިނިސްޓަރާ ކުރެއްވި ސުވާލުތައް:

1. 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދޭތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށުގައި އަލަށް ކިތައް މިސްކިތް އެޅިފައި އޮތްތޯ މިނިސްޓްރީގެ ހިސާބުތަކުން ދައްކާތޯ؟

2. 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާ ހިސާބަށް (13 ފެބުރުއަރީ 2023) ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކިތައް މިސްކިތް އަލަށް ގާއިމްކުރެވިއްޖެތޯ އަދި ނިމިއްޖެތޯ؟ އަލަށް ގާއިމްކުރާ ކިތައް މިސްކިތުގެ މަސައްކަތް ހިނގަމުން ދޭތޯ؟ އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި އަލަށް އަޅަން ކިތައް މިސްކިތް ހިމެނިފައި ވޭތޯ؟ އެ މިސްކިތްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުފުޅުކުރެއްވޭތޯ؟

ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދޭތެރޭގައި އެޅިފައިހުރި މިސްކިތްތަކުގެ އަދަދެއް ބަލައިލެވިފައި ނެތްކަމަށެވެ.

ނަމަވެސް ސަރުކާރު ވެރިކަމަށް އައިއިރު ނުނިމި ހުރީ 4 މިސްކިތެއްކަމަށާއި އެއީ އުނގޫފާރު އިސްލާމިކް ސެންޓަރާއި، ގއ. ދެއްވަދޫ މިސްކިތާއި ކާށިދޫ މިސްކިތާއި ސަލްމާން މިސްކިތް ކަމަށްވާއިރު އެ މިސްކިތްތަކުގެ މަސައްކަތް ނިންމީ މި ސަރުކާރުން އައިސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ ދެން މިނިސްޓަރު ވިދާޅުވީ މި ދައުރުގައި ފެށި 17 މިސްކިތެއްގެ މަސައްކަތް ނިންމާފައިވާކަމަށެވެ.

"މި ދައުރުގައި ފެށިފައި ނިންމާފައި އެބަ ހުރި 17 މިސްކިތް، އަމަލީ މަސައްކަތް ކުރިއަށް އެބަ ގެންދެވޭ 15 މިސްކިތެއްގައި، ޓެންޑާ ކުރުމަށް ފޮނުވާފައިވާނެ 7 މިސްކިތެއް، ޕްރީ ޓެންޑާ ސްޓޭޖުގައި 1 މިސްކިތް، އަލަށް ފެށުމަށްޓަކައި ބިން ހަމަ ޖައްސަން އަޅުގަނޑުމެން ވާނެ ރަށް ރަށުގެ ކައުންސިލްތަކަށް ފޮނުވާފައި 12 މިސްކިތެއްގެ، އެއީ މި އަހަރު ޕްލޭންކުރެވިފައި ހުރި 12 މިސްކިތެއް، އިރާދަކުރެއްވިއްޔާ މި ހުރިހާ މިސްކިތެއްގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ" މިނިސްޓަރު ޒާހިރު އެދުވަހު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ޒާހިރު އެ ހެއްދެވީ އިތުރުފުޅެއްކަން އިސްލާމިކް މިނިސްޓްރީން އިއްޔެ އާއްމު މައުލޫމާތުތަކަކުން މިވަނީ ހާމަވެފައެވެ.

"2023-2018 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ނަޒަރެއް" މި ނަމުގައި އިއްޔެ އާއްމުކުރި ލިޔުމުގައި ބުނެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނިންމިފައިވަނީ 12 މިސްކިތެއްގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން 13 ފެބުރުއަރީ 2023 ގައި ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޒާހިރު ހެއްދެވީ އިތުރުފުޅެއްކަން މިވަނީ މިނިސްޓްރީގެ ތަފާސް ހިސާބުތަކުންވެސް ދައްކާފައެވެ.

މި ލިއުމާއި ގުޅޭ