ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ދީނީ އިލްމުވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން އުޒުރުވެރިވެއްޖެ އެވެ.
އެ އިލްމުވެރިން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ވަނީ ރައީސް އިބްރާހީމަށް ތާއީދުކުރާ ސަބަބުތައް ހާމަކޮށް، ރައްޔިތުން ވެސް ރައީސް އިބްރާހީމަށް ވޯޓު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އެންމެ 20 މިނެޓަށްވުރެ ވެސް ކުރުކޮށް ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުން ވަނީ "ދިޔަރެސް" ގެ ނޫސްވެރިން ދިއުމާއެކު ނިންމާލާފަ އެވެ. އަދި ޝައިހް އިލްޔާސް ފަދަ ގިނަ އިލްމުވެރިން ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ އެތަން ދޫކޮށް ވަޑައިގެންނެވީ އެވެ.
އެކަމަކު އެ ބައްދަލުވުމަށްފަހު "ދިޔަރެސް" ގެ ނޫސްވެރިން ވަނީ ވަކިން، މި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އެކްޓިވިސްޓް އަދި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު އަބްދުއްލަތީފްއާ ބައްދަލުކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭނީ ކޮން އިރަކުތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ސުވާލުތަކަށް ޖަވާބު ދެވޭނީ ރިޔާސީ އިންތިހާބަށްފަހު ކަމަށެވެ.
ބައްދަލުވުމަށްފަހު މަޑުކުރެއްވި ބައެއް އިލްމުވެރިންގެ އަރިހުން "ދިޔަރެސް" ގެ ނޫސްވެރިން ވަނީ، ދީނަށް ފުރައްސާރަކުރި މީހުންނާމެދު މި ސަރުކާރުން އަމަލުކުރި ގޮތާމެދު ދެކެނީ ކިހިނެއްތޯއާއި މިސްކިތްތަކަށް ކަމޭނުހިތުމާއި، ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގި ފަރާތްތައް ސަރުކާރުން ދޫކޮށްލުމާމެދު ދެކެނީ ކިހިނެއްތޯ ސުވާލު ކޮށްފަ އެވެ.
އެކަމަކު އެ ސުވާލުތައް ކުރުމުން އިލްމުވެރިން ވަނީ އޭގެ ތެރެއިން ގިނަ ކަންކަން އެނގޭކަމަށް ނުހައްދަވާ ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.
ރައީސް އިބްރާހީމަށް ތާއީދުކުރާ އިލްމުވެރިން މިއަދު ބައްދަލުވުމެއް މި ބޭއްވީ، ރާއްޖޭގެ ގިނަ އަދަދަކަށް ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" ހަރަކާތަށް ނިސްބަތްވާ އިލްމުވެރިންގެ ތާއީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދީނީ އިލްމުވެރިން ތާއީދު ކުރަންވީ ކެންޑިޑޭޓެއް ބަލަން އިލްމުވެރިންގެ މެދުގައި އިއްޔެ ވަނީ ޕޯލެއް ނަގާފައެވެ.
އެ އިލްމުވެރިންގެ ވައިބަރ ގުރޫޕުގައި ނެގި މި ޕޯލްއެއްގައި ޑރ.މުއިއްޒަށް 82 އިންސައްތަ އިލްމުވެރިން ވަނީ ވޯޓު ދެއްވާފައެވެ. 150 އަށްވުރެ ގިނަ އިލްމުވެރިން ތިބޭ އެ ގުރޫޕުގައި 132 އިލްމުވެރިން ވޯޓުދެއްވި އިރު 105 ބޭފުޅުންގެ ވޯޓު ލިބިލެއްވީ ޑރ.މުއިއްޒަށެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވާ 15 ޝެއިހުންވެސް އެ ގުރޫޕުގައި ތިއްބަވާއިރު, އަދާލަތާއި އެކު ކޯލިޝަން ހަދާފައިވާ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ އެންމެ 5 ވޯޓެވެ.