Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

އެންމެ ގިނަ ވާރޭ ވެހުނީ އދ. މާމިގިއްޔަށް!

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ގިނަ ވާރޭ ވެހިފައިވާކަމަށް ދެއްކީ އދ. މާމިގިލީގައި ޤާއިމް ކުރެވިފައިވާ އޮޓަމެޓިކް ވެދަރ ސްޓޭޝަނުންކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑުކުރެވުނު މާމިގިއްޔަށް 105 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 43 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވަނީ މާލެއަށެވެ. މާލެއަށް 37.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑު ކުރެވުނު ކ. ގާފަރަށް 16.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ރާއްޖެއަށް ބައެއް ރަށްރަށަށް މިހާރުވެސް މޫސުން ގޯސްވެފައިވާއިރު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މާލޭ ހިމެނޭހެން ރާއްޖޭގެ ބައެއް އަތޮޅުތަކަށް މެޓުން މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މިއަދު ހެނދުނު 7:30 އިން ފެށިގެން 11:30 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ.

އެވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ. އެ އިދާރާއިން ބުނިގޮތުގައި އެ ވަގުތުތަކުގައި އެ ކަނޑުތައްވެސް ގަދަވާނެއެވެ.

މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މެދުރާއްޖެތެރޭގެ އެކި ހިސާބަށާއި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް މެޓުން ބުނިގޮތުގައި ދެކުނުގެ މޫސުން އާއްމުގޮތެއްގައި މިއަދު ރަނގަޅުވާނެއެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 5މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައިވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓުން ލަފާކޮށްފައިވަނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.

މި ލިއުމާއި ގުޅޭ