Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ރައީސް ޔާމީނުގެ ސަރުކާރުން އދ.އަށް ފޮނުވި ސިޓީ: އިންޑިއާއިން ކުރިމަތިވާ ބިރާއި ނާމާންކަމުގެ ވާހަކަ

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބިރުދައްކައި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، ވެރިކަން ހިންގުމުގައި ރާއްޖޭގެ ވެރިން އަމަލުކުރަންވީ ގޮތް ބުނެދޭން ފެށުމުން، އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން އޮތްކަން ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތްކަމަށްވާ އެކުވެރި ދައުލަތްތައް (ޔުނައިޓެޑް ނޭޝަންސް)ގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނުގެ ސަރުކާރުން ރަސްމީކޮށް ފޮނުވި ސިޓީއެއް "ދިޔަރެސް"އަށް ލިބިއްޖެއެވެ.

އދ.ގެ އަމީން ޢާންމު އެންޓޯނިއޯ ގުޓެރޭސްއަށް އެޑްރެސްކޮށް ފޮނުވި މިސިޓީގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެއިރުގެ ޚާރިޖީވަޒީރު ޑރ.މުހައްމަދު އާސިމެވެ. އާސިމުގެ ސިޓީގައި އޭރު އިންޑިއާއިން ކުރަމުން އައި ކަންތަކާއި އެކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އޮތް ނުރައްކަލުގެ ތަފުސީލުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމަށް ވަނުމުގެ ކަންބޮޑުވުން

އެ ސިޓީގައި ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ސަރުކާރު ބަދަލުކުރުމަށް އަސްކަރީ ފިޔަވަޅުތައް އަޅައި ކަނޑުމަގުން އަސްކަރިއްޔާ ބޭނުންކޮށްގެން ރާއްޖެ ބައްދާލަން އިންޑިއާއިން ގޮވާލައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ އދ.ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސާފުކޮށް ޚިލާފުވުމެވެ. އަދި އެކަމަކީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސުލްހައާއި ސަލާމަތް ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ކަމެއް ކަމުގައިވެސް އެ ސިޓީގައި ދިވެހި ސަރުކާރުން ބުންޏެވެ. އެހެންކަމުން އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން ރަސްމީކޮށް އެކަން ބަލައިދިނުމަށް ސަރުކާރުން އެދުނެވެ.

އިންޑިއާގެ އެކި ފަރާތްތަކުން އާންމުކޮށް ދެއްކި ވާހަކަތަކަކުގެ ތެރޭގައި ރާއްޖޭގެ ދާޚިލީ ސިޔާސީ އަދި މުއައްސަސީ އިންތިޒާމުތަކާ ބެހި، ރާއްޖޭގެ ހަމަޖެހުން ނަގައިލުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، އިންޑިއާއިން ބާރުއަޅަމުންދަނީ ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ ވިސްނުމަކަށް ކަމުގައިވެސް ދިވެހި ސަރުކާރުން ތުހުމަތުކުރިއެވެ.

އިންޑިއާއިން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި، އެ ޤައުމުގެ ޚާރިޖީވުޒާރާއާއި އެ ޤައުމުގެ ސިޔާސީ އެންމެ މަތީ ފަޑިން ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުޑީޝަރީ ހިމެނޭހެން ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހިންގަންވާ ގޮތާމެދު ވާހަކަދައްކަވާފައިވާކަން އެ ސިޓީގައި ދިވެހި ސަރުކާރުން ފާހަގަކުރިއެވެ. އަދި އެއީ ރާއްޖޭގައި އިންޑިއާގެ ސިޔާސީ މަސްލަހަތުތައް ކުރިއެރުވުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވެއެވެ.

އަސްކަރީ ފިޔަވަޅު އެޅުމަށް ބާރުއަޅާތީ ކަންބޮޑުވުން

އިންޑިއާގެ މެއިން ސްޓްރީމް (އާންމު) މީޑިއާތައް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް، ރާއްޖެއާމެދު އަސްކަރީ ފިޔަވަޅުއެޅުމަށް ގޮވައިލުމަށް އިންޑިއާއިން ހިއްވަރުދީ ބާރުއަޅާކަމަށް ދިވެހި ސަރުކާރުން ތުހުމަތުކޮށްފައިވެއެވެ. މިއީ އެ ދުވަސްވަރު ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުންނާއެކު އިންޑިއާގެ އެނަލިސްޓުންނާއި ސަރުކާރުގެ ވެރިންނާއި، ވެރިކަން ކުރާ ބީޖޭޕީގެ އިސް މެންބަރުން ޓީވީތަކަށް އަރާވަޑައިގެން ރާއްޖެއާމެދު އަސްކަރީ ފިޔަވަޅުއެޅުމަށް ގޮވައިލުމާ ގުޅިގެން، އޭރުގެ ދިވެހި ސަރުކާރުން ފާހަގަކުރި ކަންބޮޑުވުމެކެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ރަޖްޔަ ސަބާގެ ޓީވީ ޗެނަލުގައި، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން އަސްކަރީ ގޮތުން ދިވެހިރާއްޖެއަށް ފިޔަވަޅުއަޅަން ގޮވާލައި ވާހަކަތައް ދެއްކިކަން އެ ސިޓީގައި ފާހަގަކުރިއެވެ.

އިތުރު މިސާލެއްގެ ގޮތުގައި ފާހަގަކުރީ ހަމަ އެ ޗެނަލުން ދެއްކި ޕެނަލް ޑިސްކަޝަނެއްގައި، 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ދެއްކި ޕްރޮގުރާމެއްގައި އިންޑިއާގެ ކަނޑުގެ މަނަވަރުތަކާއި ގަންބޯޓުފަހަރު ބޭނުންކޮށްގެން، ކަނޑުގެ މަގުން ރާއްޖެ ބަންދުކުރަން ޕެނަލިސްޓެއް ގޮވައިލާ ދެއްކި ވާހަކައެވެ. މި ޗެނަލަކީ އިންޑިއާގެ ދައުލަތުން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ ޗެނަލެއްކަން ދިވެހި ސަރުކާރުގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެ ސިޓީގައި ޑރ.އާސިމް ފާހަގަކުރެއްވީ މި މައްސަލަތައް އާންމު ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އިންޑިއާގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އިންޑިއާގެ ދައުލަތުގެ މީޑިއާއިން ސަރުކާރާއި އަސްކަރިއްޔާގެ އޮފިޝަލުން ބިރުދައްކާތީ ކަންބޮޑުވުން

އިންޑިއާގެ މީޑިއާއަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާ ބައެއްކަމުން، ތަފާތު މީޑިއާތައް އެ ޤައުމުގައި ހަރަކާތްތެރިވާކަން އެނގޭކަން ފާހަގަކޮށް ދިވެހި ސަރުކާރުން ބުނީ، މި ޚިޔާލުތަކާމެދު އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ވާހަކަތައް އިންޑިއާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އަސްކަރިއްޔާގެ ވެރިންނަށް ނިސްބަތްކުރެވުމާއި، އެ ވާހަކަތައް އިންޑިއާގެ ދައުލަތުގެ މީޑިއާއިން ފަތުރަމުން ދިއުން ކަމަށެވެ.

އެގޮތުން އެ ސިޓީ ފޮނުވުމުގެ ދެ ދުވަހެއްގެ ކުރިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ނުފޫޒުގަދަ އަދި ސީނިއާ މެންބަރެއްކަމަށްވާ ސުބްރަމާނިއަން ސްވާމީ ރާއްޖެއާ ޑީލުކުރުމުގެ "އެކްޝަން ޕްލޭން"އެއް އޮންނަންޖެހޭކަމަށް ވިދާޅުވެ ޓުވީޓުކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރަށް ރާއްޖެއާމެދު އަސްކަރީ ފިޔަވަޅުއަޅާނެކަމަށް ބުނެ މީޑިއާތަކުން ޚަބަރުތައް ފެތުރުމަށް އެ ޤައުމުން ހިއްވަރުދޭކަމަށްވެސް ސަރުކާރުން ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އިންޑިއާއިން ފެށިގެން ޔޫރަޕުގެ ނޫސްތަކާ ހަމައަށް، އިންޑިއާއިން ރާއްޖެއާމެދު އަސްކަރީ ފިޔަވަޅުއަޅަން އުޅޭކަމަށް ބުނެ ޚަބަރު ފެތުރުއިރު، އިންޑިއާއިން އެއިން އެއްވެސް ޚަބަރެއް ދޮގުކޮށްފައިނުވާކަމަށްވެސް ސަރުކާރުން ބުންޏެވެ.

އަދި އެ ދުވަސްވަރު އިންޑިއާގެ ޗީފް އޮފް އާމީއާއި ކަނޑުގެ ސިފައިންގެ އިސްވެރިޔާ ނޫސްތަކަށް މައުލޫމާތުދެއްވިއިރު، ސާފު ސީދާ ގޮތުގައި ނޫންނަމަވެސް އިންޑިއާއިން ރާއްޖެއާމެދު އަސްކަރީ ފިޔަވަޅު އަޅައިފާނެކަމަށް ބާރު ލިބޭ މޭރުމުން ވާހަކަދައްކަވާފައިވާ ކަމަށްވެސް ދިވެހި ސަރުކާރުން ބުންޏެވެ.

ރާއްޖޭގެ ދާޚިލީ މައްސަލަތަކުގައި ވަކި އަތެއް އިންޑިއާއިން ނެގުން

2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުގައި ސުޕްރީމް ކޯޓުން ސިޔާސީ ބޭނުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަޤުޞަދުގައި ނެރުނު އަމުރުގެ މައްސަލާގައި އިންޑިއާއިން ވަކި ފަޅިއަކަށް އަރައި ރާއްޖޭގެ ދާޚިލީ ކަންކަމުގައި ދައުރެއް އޮންނަ ބައެއްކަމަށް ދެކިގެން އުޅެން ފެށިކަމަށްވެސް ސަރުކާރުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ސާފުކޮށް ދާޚިލީ މައްސަލައެއްގެ ތެރެއަށް ވަދެގަނެ ބަޔާންތައް ނެރެ، އެ އަމުރު ނެރުމުގެ ކަންކަން ރޭވި މީހުންނަށް ތާއީދުކޮށްފައިވާކަމަށާއި، އަދި 13 އޯގަސްޓު 2018 ވަނަ ދުވަހު ރަޖްޔަ ސަބާއިން ގެނެސްދިން ޕްރޮގުރާމުގައި ދެކެވުނު ވާހަކަތަކުން އެ އަމުރު ނެރުމުގައި އިންޑިއާގެ ދައުރެއް އޮތްކަން ސާފުވާކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މަޝްވަރާކުރަން އިންޑިއާއިން ބޭނުންނުވި

ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ކޮންމެ ބާވަތެއްގެ ދެބަސްވުމެއް ނަމަވެސް، ދޭދޭ ޤައުމުތަކުގެ މެދުގައި ވާހަކަތައްކައިގެން ހައްލުކުރެވެންޖެހޭނެކަން ފާހަގަކުރުމާއެކު ދިވެހި ސަރުކާރުން ބަޔާންކޮށްފައިވަނީ، އިންޑިއާގެ ޚާރިޖީވަޒީރާ މަޝްވަރާކުރެއްވުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީގައި ރައީސް ޔާމީނު އަންގަވައިގެން ޚާރިޖީވަޒީރު ޑރ.އާސިމް އިންޑިއާއަށް ވަޑައިގެންނެވިކަމަށެވެ.

ނަމަވެސް އެ ދަތުރުފުޅު ވަޑައިގަތުމުންވެސް ރާއްޖެއިން އިސްނަގައިގެން ވާހަކަދެއްކުމަށް އެދުމުން އެކަމަށް އިންޑިއާ ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ފާޅުކަންބޮޑުކޮށް ވާހަކަދެއްކުމަށް އިންޑިއާއިން އިންކާރު ކުރުމާއެކު، އެއްވެސް މިންވަރެއްގެ "ފްލެކްސިބިލިޓީއެއް" އިންޑިއާގެ ކިބައިން ނުފެނުނުކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އިންޑިއާއަކީ ދުނިޔޭގެ ބޮޑު ބާރެއްކަމާއި، ބާރުވެރިކަން ހުރި މިންވަރު ދައްކައިދިނުމުގެ މަތީ ފެންވަރުގެ ޤާބިލުކަން އެ ޤައުމުގައި ހުރިއިރު، ރާއްޖެއަކީ ބައިނަލްއަޤުވާމީ ނިޒާމުގައި ހަރަކާތްތެރިވާ އެންމެ ކުޑަ އެއް ޤައުމުކަމާއި، ރާއްޖޭގެ އަސްކަރީ ޤާބިލުކަން ނެތްކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ބުނެފައިވަނީ އިންޑިއާ ފަދަ ބޮޑު ބާރަކުން ރާވާ މިފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވާނެ ގޮތްތަކެއް ރާއްޖެއަށް ނޯންނާނެ ކަމަށެވެ.

އެކަންކަން ފާހަގަކޮށް ދިވެހި ސަރުކާރު ބުނެފައިވަނީ އދ.އިން ޑިސެންބަރު 1989 ގައި ބަލައިގަނެފައިވާ ޤަރާރު ނަންބަރު A/RES/44/51 ގައި ކުދި ދައުލަތްތަކަށް ބޭރުން އަންނަ ނުރައްކަލާއި، އެ ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ވަދެގަތުމަށް ފަހިވާ ގޮތަށް ހުންނަ ޚާއްޞަ ނާޒުކު ސިފަތައް ބަލައިގަނެފައިވާކަމަށެވެ. އަދި އެއާއެކު އެ ނާޒުކުކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސެކްރެޓަރީ ޖެނެރަލްއަށް އެ ޤަރާރުގައި ބާރުއަޅާފައިވާކަންވެސް ސަރުކާރުން ފާހަގަކުރިއެވެ.

އެއާއެކު ޑރ.އާސިމް ސިޓީގައި އެދިވަޑައިގެންފައިވަނީ ހަވާލާދެއްވި ޤަރާރުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިންޑިއާއިން ގެންގުޅޭ ބިރުދެއްކުމާއި ދާޚިލީ ކަންކަމަށް އަތް ބޭނުމުގެ ވިސްނުތައް ބައްލަވައި، ހުރިހާ ދައުލަތްތަކުން ރާއްޖޭގެ ސިޔާދަތާއި ސަލާމަތަށް އިހުތިރާމުކުރާކަން ކަށަވަރުކޮށްދެއްވުމަށެވެ. އަދި މިކަމުގައި އަޅާފައިވާ ފިޔަވަޅުތައް ދިވެހި ސަރުކާރާ ހިއްސާކޮށްދެއްވުން އެ ސިޓީގައި ޑރ.އާސިމް އެދިވަޑައިގެންފައިވެއެވެ.

މި ސަރުކާރުން ޝަކުވާ އަނބުރައި ގެނެސް ސިޓީ ކެންސަލްކުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ރައީސް ޔާމީނުގެ ވެރިކަމުގައި ފޮނުއްވި މި ސިޓީ އަނބުރައި ގެންނެވިއެވެ. އަދި އެއާއެކު މިސިޓީ ކެންސަލްކުރައްވައި، އެ ޝަކުވާއަކީ މުހިއްމު ޝަކުވާއެއް ނޫންކަމަށް ނިންމިއެވެ. އަދި ކުރީގެ އެއްވެސް ސަރުކާރަކުން އިންޑިއާއަށް ރާއްޖޭގެ ދާޚިލީ ކަންކަމަށް ތަދައްޚުލުވާން ފުރުސަތު ނުދޭ މިންވަރަށް އެ ފުރުސަތު ފަހިކުރިއެވެ.

ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ގޮތަށް އިންޑިއާއާއި އެޤައުމުގެ ވެރިން ދެއްކެވި ވާހަކަފުޅާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތައް ހުއްޓައި، އެ ކަންބޮޑުވުންތައް އަނބުރާ ގެނައުމާއެކު، ރައީސް ޔާމީނުގެ ވެރިކަމުގައި އައުނުކޮށް އޮތް ހެލިކޮޕްޓަރު އެއްބަސްވުން އައުކޮށް، ޑޯނިއާ ފުލައިޓެއް ގެންނަން އެއްބަސްވެ، އެ އެއްބަސްވުންތަކުގެ ދަށުން އިންޑިއާ ސިފައިން ރާއްޖެއަށް ގެނެސް، އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންނަށް ޤާއިމުވެގެން ތިބެވޭނެ އެއްބަސްވުމެއް ހަދައި، ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތައް ދެނެގަތުމަށް ހައިޑްރޮގުރަފީ ސާވޭ ހެދުމުގެ ބާރު އިންޑިއާއަށް ދީ، ރާއްޖޭގެ ދާޚިލީ ކަންކަމަށް ވަންނަން އިންޑިއާއަށް ތަންމިނަށް މަގުކޮށައި އަލިކުރީއެވެ.

ކުރީ ސަރުކާރުން މަސައްކަތްތައް ކުރި

އިންޑިއާއިން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، ރާއްޖޭގައި އެ ޤައުމުގެ އަސްކަރިއްޔާ ޤާއިމުކޮށް ބައިތިއްބަން ކުރި އަދި ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން އަޑުއުފުލުމުން، އިންޑިއާއަށް ވާގިވެރިވެ، ބަރޯސާވެ، އަހާއި ލަގަން އިންޑިއާއަށް ދޫކޮށްލައިގެން ތިބި ފަރާތްތަކުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ކުރީ ސަރުކާރުން އިންޑިއާގެ ތަދައްޚުލުވުމާ ދެކޮޅަށް ކަމެއްނުކުރާކަމަށް ބުނެ ދައްކާ ވާހަކައެވެ.

"ދިޔަރެސް"އިން ކުރިންވާނީ އިންޑިއާއިން ރާއްޖޭގައި ބާއްވާފައި އޮތް ދެ ހެލިކޮޕްޓަރާއި އެއާ ހަވާލުވެގެން ރާއްޖެއަށް ފައިބާ ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ކުރީ ސަރުކާރުން ކުރި މަސައްކަތްތަކާއި، ފޮނުވި ސިޓީތަކާއި، އެ ސިޓީތަކުގައި ބަޔާންކޮށްފައި ހުރި ކަންކަން "ދިޔަރެސް"އިން މީގެ އާންމުކޮށްފައެވެ. އެ ސިޓީތަކުން ސާފުވާ ގޮތުގައި ހެލިކޮޕްޓަރާއި ސިފައިން އަނބުރާ އިންޑިއާއަށް ގެންދަން އެ ޤައުމުގެ ސަރުކާރުގައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެއިރުގެ ސަރުކާރުން އެދިފައިވެއެވެ.

އަދި ޑރ.ޢާޞިމް އދ.އަށް ފޮނުއްވި ސިޓީން އާންމު ޑިޕްލޮމެޓިކް ޗެނަލްތަކާއި އުސޫލުތަކުގެ ތެރެއިން، ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމާއި، ރާއްޖެއަށް ބިރުދެއްކުމަށް އިންޑިއާއިން ކުރަމުން އައި ކަންކަން ހުއްޓުވޭތޯ ރައީސް ޔާމީނުގެ ސަރުކާރުން އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރިކަން ސާފުކޮށް އެނގެއެވެ. އެގޮތުން އެއިރުގެ ޚާރިޖީވަޒީރު އަމިއްލަފުޅަށް އިންޑިއާއަށް ވަޑައިގެން އެ މައްސަލަ ހައްލުކުރެއްވޭތޯ ބެއްލެވިއެވެ. އިންޑިއާއިން އެއިން އެއްވެސް މަސައްކަތެއް އީޖާބީ ގޮތެއްގައި ބަލައިނުގަތެވެ. ރާއްޖެއާ ވާހަކަދައްކަންވެސް އިންޑިއާއިން ކުރީ އިންކާރެވެ.

މިސިޓީން ސާފުވާ އެންމެ މުހިއްމު ނުކުތާއަކީ އިންޑިއާއިން ރާއްޖެއަށް ބިރުދައްކައި، ރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަން އެ ޤައުމުގެ މަސްލަހަތުތައް ހިމާޔަތްވާނެ ގޮތަށް ހޭރިޔާކުރަން ކުރާ މަސައްކަތް ހުއްޓުވޭނީ، ރައީސް ޔާމީނުގެ ސަރުކާރުގައި ފައްޓަވާފައިވާ ދެ މަސައްކަތްކަމަށްވާ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމާއި، އެ ޤައުމުން ރާއްޖެއާމެދު ގެންގުޅޭ "ޖަންގަލީ އުސޫލު"، ދުނިޔޭގެ ސަމާލުކަމަށް ގެނެސް، ބައިނަލްއަޤުވާމީ ނިޒާމާއި ޤާނޫނުތަކުގެ ތެރެއިން ރާއްޖެއަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދައިގެން ކަމެވެ. އަދި މި ދެ މަސައްކަތަކީވެސް މިހާރު މިއޮތް ވެރިކަން ދެމިގެން ގޮސްފިނަމަ، އަދި އިތުރު ދައުރަކަށް ރައީސް އިބްރާހީމު ވެރިކަމަށް ހޮވިވަޑައިގެންފިނަމަ، ކުރެވޭނެ ކަންތައްތަކެއް ނޫން ކަމެވެ.

މި ލިއުމާއި ގުޅޭ