ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އދ.އޮމަދޫގެ ސްޓެލްކޯގެ އިންޖީނުގޭގައި މަސައްކަތްކުރާ 4 މުވައްޒަފަކު ބައިވެރިނުވާކަމަށް އެ ރަށުގެ އެމްޑީޕީ ވެރިން ޝަކުވާކުރުމުން މާލެއަށް އެމީހުން ގެންނަން ނިންމައިފިއެވެ.
"ދިޔަރެސް"އަށް މައުލޫމާތު ދެއްވި ސްޓެލްކޯގެ ވެރިއެއް ވިދާޅުވީ އޮމަދޫގައި ހުންނަ އެމްޑީޕީގެ ކެމްޕެއިން ޖަގަހަތަކަށް އެމީހުން ނުވަންނާތީ އެމީހުންނަކީ އިދިކޮޅު ޕާޓީތަކަށް މަސައްކަތްކޮށްދޭ ބައެއްކަމަށް އޮމަދޫ އެމްޑީޕީގެ އިސްވެރިން ޝަކުވާކުރުމާ ގުޅިގެންނެވެ.
އެމީހުން މާލެއަށް ގެންނަން ނިންމަވައި ހުޅުމާލޭގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްކަމުގައި ބުނެ އިންތިޚާބަށް 2 ދުވަހަށް ވެފައިވަނިކޮށް މާލެއަށް އެމީހުން ބަދަލުކުރީ ސީދާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފު އަންގަވައިގެންނެވެ. ޝަރީފު ސްޓެލްކޯގެ އެމްޑީކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ކުންފުންޏަށް ސިޔާސީ ގޮތުން މުވައްޒަފުން ނެގުމާއި، މުވައްޒަފުން ވޯޓު ދޭނެ މީހުން ބެލުމާއި، އެމީހުންނަށް ވޯޓުދޭން ބިރުދައްކަން ނިންމާފައިވެއެވެ.
އޮމަދޫން މާލެއަށް އަންނަން އަންގާފައިވަނީ އެ ރަށުގެ އިންޖީނުގޭގައި މަސައްކަތްކުރާ 3 އިންޖީނު އޮޕަރޭޓަރުންނާއި އެއް އޮފީސް އެސިސްޓެންޓެކެވެ. އެމީހުން މާލެއަށް ބަދަލުވާން އަންގާފައިވާއިރު އޮމަދޫގެ ގިނަ ބަޔަކު ދަނީ މިފަދައިން ވަޒީފާގެ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ އަޑުއުފުލަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޓީމުން އަންނަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި، ވަޒީފާގެ ކުރިއެރުން ދިނުން ފަދަ ހުށަހެޅުންތައް ހުށަހަޅަމުންނެވެ. އެކަމަށް ދައުލަތުގެ އެކި އިދާރާތަކުގައި ހުރި އެކި ޒާތީ މައުލޫމާތު އަންނަނީ އެއްކޮށް ވަގަށް ނަގައިގެން ސޮފްޓުވެއާއެއް ހަދައިގެން ބޭނުންކުރަމުންނެވެ.
ރިޔާސީ އިންތިޚާބު ކުޑަތަންވަމުންދާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފެނަކައިން ވަގުތީ 3،000 ވަޒީފާ އުފެއްދުމަށް ހުއްދަދޭން ފިނޭންސް މިނިސްޓްރީއަށް ރައީސް އޮފީހުންވަނީ އަންގާފައެވެ.