Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އެމްޑީޕީން ކެމްޕެއިނަށް ސޮފްޓްވެއަރ އެއް ހަދައިގެން އުޅޭކަން ފަޅާއަރައިފި

ރައީސް އިބްރާހީމު ލެޕްޓޮޕެއް ބޭނުން ކުރައްވާތަން ދައްކުވައިދޭ އާޓްވޯކެއް.

ދައުލަތުގެ އިދާރާތަކުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަންކުރާ އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ބޭނުންކުރާނެ ސޮފްޓުވެއާއެއް ތައްޔާރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި ވޯޓާސް މެނޭޖުމެންޓު ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ މި ސޮފްޓުވެއާއަށް ދީފައިވާ ނަމަކީ "ވޯޓު ވިއުގަ"އެވެ. މި އެޕްލިކޭޝަނުގައި ބޭނުންކޮށްފައިވާ މައުލޫމާތުތަކީ ޑިޕާޓުމެންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އާއި، އިލެކްޝަންސް ކޮމިޝަނާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކަށް މީހުން ހުށަހަޅާ އެޕްލިކޭޝަންތަކުން އެއްކޮށްފައިވާ މައުލޫމާތެވެ.

ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މައުލޫމާތުތައް

ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ނޫނީ ނުހުންނާނެ ކަމަށް ފެންނަ މުހިއްމު ބައެއް މައުލޫމާތު މި ސޮފްޓުވެއާއިން ފެނެއެވެ. އެގޮތުން ކޮންމެ މީހަކު ނިސްބަތްވާ ޕާޓީ އެ ޑޭޓާ ބޭސްގައި ފާހަގަކޮށްފައިވާއިރު، މީހުން ހިމެނޭ ޕާޓީ އެނގޭނެ ފަދަ ލިސްޓެއް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިނުވެއެވެ.

އެހެންކަމުން ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މައުލޫމާތުތައް އެމްޑީޕީއަށް ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަފާތެރި، އެމްޑީޕީއާ ގުޅުން ބޮޑު ބޭފުޅުން މެދުވެރިވެގެންކަމަށް ޝައްކުކުރާނެ ޖާގަ ވަރަށް ބޮޑަށް އެބައޮތެވެ.

ޑީއެންއާރުގައި ހުރި މައުލޫމާތު

ކާކުކަން އަންގައިދޭ ކާޑު ހެދުމަށް ޑީއެންއާރަށް މީހުން ދީފައިވާ ފޮޓޯތަކާއި، ކާކުކަން އަންގައިދޭ ކާޑު (އައިޑީ ކާޑު)ގެ ނަންބަރާއި، އެ މީހުންގެ އާއިލާގެ މެންބަރުންގެ މައުލޫމާތު މި ސޮފްޓުވެއާއިން ފެނެއެވެ. އެގޮތުން މި ސޮފްޓުވެއާއިން ކޮންމެ މީހެއްގެ ފިރިންނާއި އަނބިންނާއި މައިންބަފައިންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުން އެމީހެއްގެ ދަށުން ފެންނަ ގޮތަށް ހުރެއެވެ.

ޑީއެންއާރުގައި ހުންނަ މައުލޫމާތަކީ އެ އިދާރާއިން އާންމުކުރާ މައުލޫމާތެއް ނޫނެވެ. އަދި އެ މައުލޫމާތު އެ އިދާރާއިން ދައުލަތުގެ އެހެނިހެން އިދާރާތަކާ ހިއްސާކުރި ނަމަވެސް އެ އިދާރާތަކުގައި އެ މައުލޫމާތު ރައްކާކޮށްފައި ނުހުރެއެވެ.

އެހެންކަމުން މި މައުލޫމާތަކީ ހަމައެކަނި ޑީއެންއާރުގެ ޑޭޓާބޭސްއިން ނެގޭނެ މައުލޫމާތުކަމަށްވާއިރު މިފަދަ މައުލޫމާތަކީ ޤާނޫނުން ރައްކާތެރިކަން ލިބިފައިވާ މައުލޫމާތެވެ. އެ މައުލޫމާތު ހިއްސާކުރުމާއި އާންމުކުރުމަކީ ޤާނޫނީ ކުށެއްވެސްމެއެވެ.

ފޯނު ނަންބަރާއި ވަޒީފާގެ މައުލޫމާތު

ޑީއެންއާރުން ނަގާފައިވާ މައުލޫމާތުތަކުގެ އިތުރަށް މި ސޮފްޓުވެއާއިން މީހުންނަށް ގުޅޭނެ ނަންބަރާއި، ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާނަމަ، އެމީހަކު ވަޒީފާ އަދާކުރާ ތަނާއި އަދާކުރާ ވަޒީފާގެ ފެންވަރު އެނގޭނެހެން އެ މައުލޫމާތުވެސް ފެންނަން ހުރެއެވެ.

މީހުންގެ ފޯނު ނަންބަރުތައް އާންމުކޮށް ނަގާފައިވަނީ ސަރުކާރުގެ އިދާރާތަކުން އެކި ޚިދުމަތް ހޯދުމަށް ހުށަހަޅާއިރު އެޕްލިކޭޝަންތަކުގައި ބަޔާންކޮށްފައިވާ ނަންބަރުތައް އެއްކޮށްގެންނެވެ. އެފަދައިން ސަރުކާރުގެ އިދާރާތަކާ މީހުން ހިއްސާކުރާ މައުލޫމާތު ސިޔާސީ ޕާޓީއެއްގެ ބޭނުމަށް އިދާރާތަކުން ވަގަށް ނެގުމަކީ ދައުލަތުގެ އިދާރާތަކާ މީހުން ހިއްސާކުރާ ހައްސާސް މައުލޫމާތުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭނެ ކަމެކެވެ.

ސޮފްޓުވެއާއިން ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދާކުރާ ވަޒީފާގެ މައުލޫމާތު ފެންނައިރު، އެ މައުލޫމާތުގެ އަލީގައި ވަކިވަކި މުވައްޒަފުންނަށް އިންތިޚާބާ ދިމާކޮށް ވަޒީފާގެ ކުރިއެރުން ހުށަހަޅައި އެމީހުންގެ ވޯޓުތައް ހޯދުމަށް މި މައުލޫމާތު އެމްޑީޕީން އަންނަނީ ބޭނުންކުރަމުންނެވެ.

މީހުންގެ ބޭނުންތަކުގެ މައުލޫމާތުވެސް ހިމެނޭ

މި ޑޭޓާ ބޭސްގައި ރައްކާކޮށްފައިވާ ފަރުދުންގެ ޒާތީ މައުލޫމާތުތަކުގެ ތެރޭގައި އެމީހުންނަށް ޖެހިފައިވާ މުހުތާދުތަކާއި ބޭނުންވާ ކަންކަން ހިމެނެއެވެ. އެގޮތުން މީހުންގެ މާލީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމުގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންގެ މުހުތާދުތައް މި ސޮފްޓުވެއާއިން ފެންނަން ހުރެއެވެ. އަދި އާސަންދަ އާއި އެންސްޕާ އަދި ސަރުކާރު ހޮސްޕިޓަލް މެދުވެރިކޮށް ޒާތީ ސިއްހީ މައުލޫމާތުވެސް މި ސޮފްޓްވެއަރއިން ބަލާލެވެއެވެ.

މި މައުލޫމާތު ބޭނުންކޮށްގެން އެމީހުންނަށް އެކަންކަން ކޮށްދީގެން ވޯޓު ހޯދުމަށް އެމްޑީޕީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބޭނުންތައް ދެނެގަތުމަށްފަހު ގުޅައި އެ ފަރާތްތަކަށް އެ ބޭނުންތައް ހަމަޖައްސައިދިނުމަށް ހުށަހަޅައި ވޯޓު ކަށަވަރުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރެއެވެ. އަދި އެ މަސައްކަތުގެ ރެކޯޑުތައް މި ސޮފްޓުވެއާ މެދުވެރިކޮށް އަންނަނީ ބަލަހައްޓަމުންނެވެ.

ޝަޚުޞު އޮޅުވާލައިގެން ގުޅައި ރެކޯޑުކުރުން، ސިޔާސީ ވަޒީފާ ދޭނެ މީހުންގެ ލިސްޓެއް

އޭގެ އިތުރަށް މީހުން ވޯޓު ދޭނެ ގޮތް ބެލުމަށް އެމްޑީޕީ އޮފީހުން ގުޅައި، އިދިކޮޅު ޕީޕީއެމްގެ އޮފީހުން ގުޅިކަމަށް ހަދައިގެން އޮޅުވާލައިގެން މީހުން ވޯޓު ދޭން ނިންމާފައިވާ ގޮތް އަންނަނީ އޮޅުންފިލުވަމުންނެވެ.

އަދި އެމްޑީޕީއަށް ދެވަނަ ދައުރެއްގައި ވެރިކަން ލިބިއްޖެނަމަ އެ ޕާޓީން ސިޔާސީ މަޤާމުތައް ދޭނެ މީހުންގެ މައުލޫމާތުވެސް މި ސޮފްޓުވެއާއިން ފެންނަން ހުރެއެވެ. އޭގެ އިތުރަށް މިހާރު ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ ތެރެއިން އަންނަ ދައުރުގައި މަޤާމުން ވަކިކުރަން ނިންމާފައިވާ މީހުންގެ ހުރިހާ މައުލޫމާތެއްވެސް މި ސޮފްޓުވެއާއިން ބެލޭ ގޮތަށް ރައްކާކޮށްފައިވެއެވެ.

ސޮފްޓުވެއާއަށް އެކްސެސް ދީފައިވަނީ މަދު ބަޔަކަށް

"ވޯޓު ވިއުގަ" ނަމުގައި އެމްޑީޕީން އުފައްދައި ބޭނުންކުރާ ސޮފްޓުވެއާއަށް އެކްސެސް ދީފައިވަނީ ވަރަށް މަދު ބަޔަކަށެވެ. އެގޮތުން ގޭސް ކުންފުނީގެ ޑީއެމްޑީ އަލީ އިކުރާމާއި އާރުޑީސީގެ މެނޭޖަރު ނާފިޒު އަދި އެލައިޑް ކުންފުނީގެ ބޯޑު މޭންބަރު އިރުފާއު ޢަބްދުﷲގެ އިތުރުން ހައުސިން މިނިސްޓްރީގެ މުވައްޒަފެއްކަމަށްވާ ފާތިމަތު ރިފާ މައުމޫނާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝުހާދަށް މި ސޮފްޓުވެއާއަށް އެކްސެސް ދީފައިވެއެވެ.

އެމްޑީޕީން ކުރާ ރިޔާސީ ކެމްޕެއިނުގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން އެމީހުންގެ ވޯޓު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެ ޕާޓީން ބޭނުންކުރަނީ މި ޑޭޓާ ބޭސްއެވެ. އެގޮތުން އެމްޑީޕީގެ ކޯލް ސެންޓަރުތަކުން މި މައުލޫމާތުތައް ބޭނުންކޮށްގެން އަންނަނީ ވަކިވަކި މީހުންނަށް އެކި ހުށަހެޅުންތައް ހުށަހަޅައި މީހުންގެ ޚިޔާލު ބަދަލުކުރުމަށް މަސައްކަތްކުރަމުންނެވެ.

ޤާނޫނީ ބޮޑު ކުށެއް

ދައުލަތުގެ އިދާރާތަކުގައި ރައްކާކޮށްފައި ހުންނަ މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުމަކީ ޤާނޫނީ ބޮޑު ކުށެކެވެ. އެ މައުލޫމާތު ބޭނުންކޮށްގެން ސިޔާސީ ޕާޓީއެއްގެ ޑޭޓާ ބޭސްއެއް ހަދައިގެން ކެމްޕެއިނަށް ބޭނުންކުރުމަކީވެސް ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޒާތީ ދިރިއުޅުމުގެ ޙައްޤާ ފުށުއަރާ ކަމެކެވެ.

ޤާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތި މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށެވެ.

ޤާނޫނުލް ޢުޤޫބާތުގެ 232 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި، ހުއްދައެއް ނެތްކަން އެނގިހުރެ މައުލޫމާތު ހޯދުމާއި، މަތީ ދަރަޖައަކުން ރައްކާކުރެވިފައިވާ ނުވަތަ މީހެއްގެ އަމިއްލަ މައުލޫމާތު ހޯދުމަކީ ކުށެކެވެ. މަތީ ދަރަޖައަކަށް ރައްކާކުރެވިފައިވާ މައުލޫމާތަކީ އާންމުކޮށް ހާމަކުރުމަށް އާންމު މީހަކު ބޭނުންނުވާނެ މައުލޫމާތުކަމަށްވާއިރު އެފަދަ މައުލޫމާތު ހޯދުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. އަދި މީހެއްގެ އަމިއްލަ މައުލޫމާތު ހާމަކުރުމަކީ ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

މި ލިއުމާއި ގުޅޭ