Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މިއަދު ރައީސް އިބްރާހީމު ޖަލުން މިނިވަންކުރައްވާ މީހުންގެ ލިސްޓު އާންމުވެއްޖެ، ބޮޑެތި މުޖުރިމުން ހިމެނޭ

ރައީސުލްޖުުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ޖަލުން މިނިވަންކުރައްވާ 32 މީހުންގެ ލިސްޓު މީސްމީޑިއާއަށް އާންމުވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުކުރާ ލިސްޓުގައި ހިމެނޭ ޤައިދީންގެ ތެރޭގައި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދިގު މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މުޖުރިމުން ހިމެނެއެވެ. އެ ލިސްޓުގައިވާ މީހުންގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކުކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި، މާރާމާރީ ހިންގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގެ ކުށް ސާބިތުވެފައިވާ މީހުން ހިމެނެއެވެ.

"ދިޔަރެސް"އިން މިލިސްޓު ލިބުމާ ގުޅިގެން ބައެއް މީހުންނަށް އިއްވާފައިވާ ހުކުމުގެ ތަފުސީލުތައް ކުރިމިނަލް ކޯޓުގެ ވެބްސައިޓުން ބަލާފައިވާނެއެވެ. އެގޮތުން ބެލި ދެ މީހުންގެ ތެރެއިން އެކަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރަށް ހުކުމްކޮށްފައިވާ މީހަކަށްވާއިރު އަނެކަކީ މީހަކަށް ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހަމަލާދިނުމުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ.

އެގޮތުން ލިސްޓުގައި ހިމެނޭ އަސްރާރު މޫސާ، ދާރުއްސަލާމް، ގދ.ގައްދޫއަކީ މަސްތުވާތަކެއްޗާއެކު ގދ.ތިނަދޫން ހައްޔަރުކޮށް، ތަހުގީގު ހިންގުމަށްފަހު އުފުލި ޑްރަގު ޓްރެފިކިންގެ ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ.

އަދި ލިސްޓުގައި ހިމެނޭ ގދ.ފަރެސްމާތޮޑާ، މަންޒިލް މުޙައްމަދު ނިޝާހުއަކީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުގައި މީހަކަށް ތޫނު ހަތިޔާރަކުން ހަމަލާދިން މައްސަލައެއްގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި 5 އަހަރަށް ޖަލަށްލާން ހުކުމްކުރި މީހެކެވެ.

މިއަދު 32 ކުށްވެރިން ޖަލުން މިނިވަންކުރައްވަން ރައީސް ނިންމެވިއިރު، ނިމުނު އޯގަސްޓު މަހުގައި 23 ކުށްވެރިން އަދި އޭގެ ކުރިން ޖުލައި މަހުގައި 25 ކުށްވެރިންނަށް މައާފުދެއްވައި ނުވަތަ އަދަބު ލުއިކޮށްދެއްވައި މިނިވަންކުރައްވާފައިވެއެވެ.

އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން މިނިވަންކުރައްވާފައިވާ ކުށްވެރިންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑުންނާއި، ޤާތިލުންނާއި މާރާމާރީ ހިންގާފައިވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހުން ފަދަ ބޮޑެތި ކުށްވެރިން ހިމެނެއެވެ.

ރައީސް އިބްރާހީމުގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 600 ކުށްވެރިން ދޫކޮށްފައިވާއިރު، އެ ކުށްވެރިންގެ މައްޗަށް ސާބިތުވި ކުށްތައް ހާމަކުރުން އެދި "ދިޔަރެސް"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން އެ މައުލޫމާތު ހާމަކުރާނަމަ، ރައީސް އޮފީހުގެ ހިންގުން ހުއްޓުމަކަށް އަތުވެދާނެކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ސަރުކާރުންވަނީ އިންކާރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ