މާލޭ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހޮވުމަށް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން ވެރިކަންކުރާ އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެއްކަމެއް ކުރުމަށް އަޒުމް ކަނޑައެޅިއެވެ. އެއީ 2018 ގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެފައިވާ ވައުދު ކޮންމެ އަގެއް ދައްކައިގެން ވިޔަސް ކޮންމެ ރޮނގެއް ހުރަސްކޮށްގެން ނަމަވެސް ފުއްދުމުގެ އަޒުމެވެ.
ދެވަނަ ދައުރަކަށް ކުރިމަތި ލައްވަން އޭރުވެސް ނިންމަވައިގެން ހުންނެވި ރައީސް އިބްރާހީމް މާލޭގެ ރައްޔިތުންގެ ވޯޓު ބޮޑު އަގުލަބިިއްޔަތަކުން ހޯދުމަށްޓަކައި، އޭގެ ދުވަސްކޮޅެއް ފަހުން މާލެއަށް އުފަން ރައްޔިތުންނަށް ގޯތި ބެހުމަށް ހާއްސަ އުސޫލެއް އެކުލަވާލައި، "ބިންވެރިޔާ ސްކީމް" ނަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިއުލާންކޮށް، އެ މަޝްރޫއު ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން ހައުސިންގ މިނިސްޓްރީއާ ހަވާލުކުރިއެވެ.
"ބިންވެރިޔާ އުސޫލު" އެކުލަވާލައި އާއްމު ކުރިއިރު، ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ވަކި ރަށަކަށް އުފަންވީތީ ކޮށްފައިވާ ތަފާތުކުރުމުގެ ވާހަކައާއި، ގާނޫނު އަސާސީގެ 41 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އެމީހަކު ވަޒަންވެރިވާ ރަށެއްގައި ދިިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި އިމްތިޔާޒްތަކާއި ހައްގުތައް ހަމަހަމަކަމާއެކު ލިބުމުުގެ ހައްގުން މަހުރޫމްކުރި ވާހަކައާއި، އަދި އެނޫންވެސް އެ އުސޫލުގައި ހުރި ދެކޮޅުނުޖެހޭ އިންތިހާ ބޭއިންސާފުގެ ވާހަކަ ބާއްވާށެވެ. ވީހާވެސް ގިނަ މާލޭ މީހުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލޭ މާސްޓަރޕްލޭން އެއްކޮށް ފުނޑާލައި، ޔޮޓް މެރީނާއާއި ކްރޫޒްލައިނަރ ޓާމިނަލް އެޅުމަށް ފްލޭންކުރެވިފައިވާ ފަޅު އެއްކޮށް ހިއްކައި، އަންނަންއޮތް ޖީލްތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރަން ފްލެޓް އަޅަން އޮތް، ކަނޑުގެ ދޮޅިއާ ހަމައަށް ހިއްކާފައިވާ ހުޅުމާލޭގެ ބިން އެއްކޮށް ނެގި ވާހަކަވެސް ބާއްވާށެވެ. ނޫނު އަތޮޅުގެ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުން ގޯއްޗަށް ކުރިމަތި ނުލެވުނު ނަމަވެސް، އެ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ބަހަން ގިރާވަރު ފަޅު ހިއްކާނެ ފައިސާ ހޯދުމަށް އެ އަތޮޅުގައި އޮތް އަގުބޮޑު ދިގުފަރުފަޅާއި އެފަޅުގެ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ވިއްކާލި ވާހަކަވެސް ބާއްވާށެވެ. ތާއަބަދަށް ކުލީގެ އަޅުވެތިކަމުގައި ދަތިހާލުގައި އުޅެންޖެހޭނެ އެތައް ހާސް އާއިލާތަކެއް އުފަންކުރުވާނެ ގެއްލުންބޮޑު ހިލޭ ގޯތި ބެހުމުގެ ސިޔާސަތުގެ ވާހަކަވެސް ބާއްވާށެވެ.
އެ ހުރިހާ ބޭއިންސާފާއި ގެއްލުންބޮޑު ސިޔާސަތުތަކުގެ ވާހަކަތައް އެއްފަރާތުގައި އިހަށް ބާއްވާފައި ދައްކަން މިއުޅެނީ ގޯތި ދިނުމުގެ މަރުހަލާތައް ކުރިއަށް ގެންގޮސް، ބައެއް ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީތައް މިހާރު ދޫކުރަން ފެށިއިރު ހަދާފައިވާ ރަނގަޅު ކުރެވެންނެތް ގާނޫނީ ބޮޑެތި ގޯސްތަކެއްގެ ވާހަކައެވެ. ދައުލަތަށް ލިބެން އުޅޭ އިޔާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއްގެ ވާހަކައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމަށް ނާކާމިޔާބުވާ ހާލަތުގައި، ދެން ވެރިކަމާ ހަވާލުވާ ގޯތި ބެހުމުގެ ސިޔާސަތަށް ތާއީދުކޮށް މި ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމް ކުރިއަށް ގެންދަން ބޭނުންވާ ވެރިއަކަށްވެސް ރަނގަޅު ނުކުރެވޭނެ ގޯސްތަކެއްގެ ވާހަކައެވެ.
ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައިވާ ބިމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި އަމިއްލަ ބިމެއްގެ ގޮތުގައި ސަރުކާރުން ރަޖިސްޓްރީ ކޮށްދީފައިވާ ބިމެކެވެ. އޭގެ އިތުރުން ގުޅީފަޅާއި ތިލަފުށީގައި ހިއްކާފައިވާ ބިމާއި އެތަންތަނުގެ ފަޅު ހިމެނޭގޮތަށް ސަރުކާރުންވަނީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދީފައެވެ. އެތަންތަނުގެ ގާނޫނީ މިލްކުވެރިކަން އޮތީ އެޗްޑީސީގެ ނަމުގައިކަމާއިމެދު އެއްވެސް ހިލާފެއްނެތެވެ.
މި ސަރުކާރުން ބިންވެރިޔާ ސްކީމްގެ ނަމުގައި މާލޭގެ މީހުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ބިމުންނާއި، ހުޅުމާލެ ފަޅުތެރެއިން ތިންވަނަ ފިޔަވަހީގެ ނަމުގައި ހިއްކަން ފްލޭންކުރެވިފައިވާ ސަރަހައްދުން މުސްތަގުބަލުގައި އުފެދޭނެ ބިމުންނާއި، ގުޅީފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން އުފެދޭނެ ބިމުންނެވެ. އޭގެ ތެރެއިން ގިރާވަރު ފަޅު ފިޔަވައި ދެން ހުރި ބިންތަކަކީ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އެކުންފުނީގެ އަމިއްލަ ބިމެވެ.
އެޗްޑީސީގެ ނަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ރަޖިސްޓްރީކޮށްދިން ލިޔުމުގައި "ބިމުގެ ސަރަހައްދުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ބިން ކަނޑައަޅައިދޭންވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ. އެ އުސޫލުން ކަނޑައަޅައި ބިންތައްވެސް މަޝްރޫއުތަކަށް ބޭނުންކުރެވޭނީ އެޗްޑީސީއިން ކަނޑައަޅައި އަގެއް ސަރުކާރުން ދައްކާ ހަލާސްކޮށް ކޯޓް މެދުވެރިކޮށް އެ ބިމެއްގެ މިލްކުވެރިކަން ބަދަލުކޮށްގެންނެވެ. ސަރުކާރުގެ އެކިއެކި މަޝްރޫއުތަކަށްވެސް މިހާތަނަށް ބިން ހޯދާފައިވަނީ އެ އުސޫލުންނެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފްލެޓް އެޅުމަށް 567,516.87 އަކަފޫޓްގެ 17 ލޮޓް މިއަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ 878،363،556.90 (އަށްސަތޭކަހަތްދިހައަށް މިލިއަން ތިންސަތޭކަ ފަސްދޮޅަސްތިންހާސް ފަސްސަތޭކަ ފަންސާސްހަ ރުފިޔާ ނުވަދިހަ ލާރި) ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެޗްޑީސީއަށް ދައްކާ ހަލާސްކޮށްގެން ޝަރުއީ މަރުހަލާއިން މިލްކުވެރިކަން ބަދަލުކޮށްފައެވެ. އެއީ އަކަފޫޓެއް 1,547.73 (ފަނަރަސަތޭކަ ސާޅީސްހަތް ރުފިޔާ ހަތްދިހަތިން ލާރި) ރޭޓުންނެވެ.
އަދި އޭގެ ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހުޅުމާލެއަށް ބަދަލުކޮށް އާ އިމާރާތެއް އެޅުމަށްޓަކައި ސަރުކާރުން ވަނީ 211 މިލިއަން ރުފިޔާގެ އަގަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 43،400 އަކަފޫޓްގެ ބިމެއް ގަނެ، އެ ބިމުގެ މިލްކުވެރިކަން ސިވިލް ކޯޓް މެދުވެރިކޮށް ބަދަލުކޮށްފައެވެ. އެ ބިން ސަރުކާރަށް އެޗްޑީސީއިން ވިއްކާފައިވަނީ އަކަފޫޓެއް 4،861 ރުފިޔާގެ ރޭޓުންނެވެ.
"ކިހިނެއްތޯ އެޗްޑީސީގެ އަމިއްލަ ބިމެއް ބަންޑާރަ ބިމަކަށް ބަދަލުވީ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. އެއީ ރާއްޖޭގެ ގާނޫނީ ނިޒާމް ދަންނަކަމެއް ނޫން" އެ ބޭފުޅާ ވިދާޅުވިއެވެ. ހުޅުމާލޭގެ ބިމަކީ އަމިއްލަ ބިމެއްކަމަށް ކަނޑައަޅައި ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީއެއް ހަދައިދީފައި ވަނިކޮށް ބިންވެރިޔާ ސްކީމްގެ ތެރެއިން ހުޅުމާލެއިން ދޭ ބިންތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދެވޭނެ ގާނޫނީ ހަމައެއް ނޯންނާނެކަން އެ ބޭފުޅާ އިތުރަށް ފާހަގަކުރެއްވިއެވެ.
އުފަންނުވާ އަދި ނުއުފެދޭ ބިމަކުން ގޯތި ދެވިދާނެ ހެއްޔެވެ؟ ފަޅަކުން ނުވަތަ ފުން ވިލަކުން ނުވަތަ ކަނޑުން ކުރިއަށް އޮތް މުސްތަގްބަލުގައި އުފެއްދިދާނެކަމަށް ނުވަތަ ހިއްކިދާނެކަމަށް ތަސައްވަރުކޮށްގެން، އެ ހިޔާލީ ބިމުން ހިޔާލީ ބަންޑާރަ ގޯއްޗެއް ކަނޑައި ހިޔާލީ އިންތަކެއް ކަރުދާސްގަނޑެއްގައި ކުރަހައިގެން ގޯއްޗެއްގެ ރަޖިސްޓްރީ ހެދުމަކީ ގާނޫނީ އެއްވެސް ނިޒާމެއް ދަންނަ ކަމެއް ހެއްޔެވެ؟ އެ ގޮތަށް ހަދާދީފައިވާ ރަޖިސްޓްރީއެއްގައި އުފެދޭނެކަމަށް ތަސައްވުރުކުރި ބިން ނުއުފެއްދިއްޖެނަމަ އޭގެ ގާނޫނީ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟
މިހިރީ ހައްތަހާވެސް އުފެދޭ ސީރިއަސް ގާނޫނީ ސުވާލުތަކެވެ. ނަމަވެސް ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި އިންތިހާބުގެ ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ބަހަން ވައުދުވި 9001 ގޯތި ދިނުމަށްޓަކައި އަވަސް އަރުވާލައިގެން "ބަންޑާރަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު" އަށް ގެނައި 2 ވަނަ އިސްލާހަށް ބަލައިލުމުން ފެންނަނީ ކުރިން ފާހަގަކުރި އެއްވެސް ކަންބޮޑުވުމަކަށް ނުވަތަ ނުކުމެދާނެ ނަތީޖާއަކަށް ސަރުކާރުން އެއްވެސް ވިސްނުމެއް ފަރުވާލެއް ބަހައްޓާފައި ނެތްކަމެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަށް ކަނޑައި ގޯތި ލިބުނުކަމުގެ ރަޖިސްޓްރީއާއި ލިޔުން ދޭން އެންމެ ފުރަތަމަ ސަރުކާރުން ނިންމީ ބިން ހިއްކި އުފެދޭ މިންވަރަކުންނެވެ. އެ އުސޫލުން ބަލައިނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިން ފިޔަވައި ސަރުކާރުން ހިއްކަން ފްލޭން ކޮށްފައިވާ ފުން ފަޅުތައް ހިއްކުމުގެ މަޝްރޫއުތަކުގެ ސްޕީޑް ހުރިގޮތުން މި ދައުރުގައި އެ ފަޅުތައް ހިއްކާ ގޯތި ދެވޭނެކަމުގެ އުއްމީދު ސަރުކާރަށް މިހާރު ވަނީ އެއްކޮށް ދޫކޮށްލާފައެވެ. ހާއްސަކޮށް ގުޅިފަޅުން ހިއްކަންއުޅޭ ސަރަހައްދުގެ އެވްރެޖް ފުންމިނުގައި 20 މީޓަރު (60 ފޫޓް) ހުންނައިރު، އެއީ ދުނިޔޭގައިވެސް މިހާތަނަށް ނުހިއްކާ ވަރުގެ ފުން ފަޅެއްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ގުޅި ފަޅުގެ ފުން ސަރަހައްދުތައް ކައިރި މުސްތަގުބަލެއްގައި ހިއްކުމަކީ ބޮޑު ގޮންޖެހުމެކެވެ. މިހާތަނަށް ސަރުކާރުން ހިއްކާފައިވާ ކަމަށްބުނެ ފަތުރާ ފޮޓޯތަކާއި ވީޑިއޯތަކުގައިވާ ސަރަހައްދަކީ އެ ފަޅުގެ ފަރު ކައިރީގައި ވަށައިގެން ހަނިކޮށް އޮތް އެންމެ ތިލަ ހިސާބުތަކެވެ.
ބިމާބެހޭ ގާނޫނަށް 22 މެއި 2003 ގައި އަމަލުކުރަން ފެށީއްސުރެ އެ ގާނޫނުގެ 10 ވަނަ މާއްދާ 2014 ގައި އިސްލާހުކުރުމާއި ހަމައަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގާނޫނީ ބާރު ދީފައިއޮތީ މާލޭގައި ނަމަ އޭރުގެ މާލޭ މުނިސިޕަލްޓީ އަށެވެ. އަދި ރާއްޖެ ތެރޭގައިނަމަ އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ލަފާގެ މަތިން، އެ އަތޮޅެއްގެ އަތޮޅު އޮފީހަށެވެ.
ދިރިއުޅުމަށް ދޫކުރެވޭ ކޮންމެ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކުރާ އޮފީހުގައި ރަޖިސްޓްރީކޮށް، އެ ގޯއްޗެއް ދޫކުރެވޭ ފަރާތަކަށް، އެ ގޯއްޗެއްގެ ރަޖިސްޓްރީ ހަދައިދީ، އެ ރަޖިސްޓްރީތައް ދޫކުރުން ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މަތިކޮށްފައި އޮތީ އެ ގޯތި ދޫކުރާ އޮފީހަކަށެވެ. މި މާއްދާގައި ބުނާ އެ އޮފީހަކީ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލް އިދާރާ ނުވަތަ ސިޓީ ކައުންސިލްގެ އިދާރާކަމާއިމެދު އެއްވެސް އޮޅުމެއް ހިލާފެއްނެތެވެ. ސަބަބަކީ ގާނޫނުގެ 13 ވަނަ މާއްދާގެ އިބާރާތަށް ގާނޫނު ވުޖޫދުވިފަހުން އެއްވެސް ބަދަލެއް އައިސްފައިނުވާތީއާއި، އޭރު ގާނޫނުގެ 10 ވަނަ މާއްދާގައި ގޯތި ދޫކުރުމުގެ ބާރު އޮތީ މާލޭގެ މުނިސިޕަލްޓީގެ އޮފީހަށާއި އަތޮޅު އޮފީސްތަކަށް ކަމުގައިވާތީ 13 ވަނަ މާއްދާގައި "އޮފީހެއްގެ" ވާހަކަ އޮތީއެވެ. އޭގެ އިތުރުން ގާނޫނުގެ 13 ވަނަ މާއްދާ މާނަކުރަންޖެހޭނީ 10 ވަނަ މާއްދާއާ އެއްރޮއްޖަކުން ގެތިފައިވާ އެތިގަނޑެއްގެ ގޮތުގައިކަން ސްޕްރީމް ކޯޓްގެ ޕީޖީ އޮފީސް ވ. މުހައްމަދު އަމީން ގަޒިއްޔާއިން ސާފުކޮށް އެނގެއެވެ. އެހެންކަމުން ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާއަކީ ވަކިން އޮތް މިނިވަން މާއްދާއެއް ކަމަށް ބަލައިގެން، ހައުސިންގ މިނިސްޓްރީއަކީ "އޮފީހެއް" ކަމަށް މާނަކޮށްގެން ބަންޑާރަ ގޯތި ދޫކޮށް ރަޖިސްޓްރީ ހައްދާދިނުމުގެ ބާރު ބިމާބެހޭ ގާނޫނުގެ މާއްދާތަކާ ކަނޑައެޅިގެން ފުށުއަރާގޮތަށް އެ މިނިސްޓްރީއަށް ލިބިގެންވާކަމަށް މާނަ ކުރެވޭނެ ކުޑަވެސް ގާނޫނީ ފުރުސަތެއް ނެތެވެ.
މާލޭގެ ސިޓީ ކައުންސިލްއަށް ނުބައްސައި މާލެ ސަރަހައްދުން ބަންޑާރަ ގޯތި ހައުސިން މިނިސްޓްރީ މެދުވެރިކޮށް ގާނޫނާއި އެއްގޮތަށް ދޭން ސަރުކާރުން ބޭނުންވާނަމަ އެކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ބިމާބެހޭ ގާނޫނުގައި ހުރި ފުށުއަރާ މާއްދާތައް އިސްލާހުކުރުމެވެ. ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތްނަމަވެސް މިއަދުގެ ހަގީގަތަކީ ރިޔާސަތުގައި އެޅިފައިއޮތް މަރުތަޅުގެ ސަބަބުން އެފަދަ އިސްލާހެއް ހުށަހަޅައިގެން ރިޔާސީ އިންތިހާބުގެ ކުރިން ފާސްކުރުމުގެ ފުރުސަތު ނެތުމެވެ. ސަރުކާރުން އެފަދަ އިސްލާހެއް ހުށަހަޅައިގެން ފާސްކުރުމުގެ ފުރުސަތު ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ނުދެއްވާނެކަން އެނގެނީ މާލެ ސަރަހައްދުން ގޯތި ދޫކުރަންޖެހޭނީ ސިޓީ ކައުންސިލުން ކަމަށް ތަކުރާރުކޮށް ބުނެ އެ މަނިކުފާނު ގެންގުޅުއްވާ ސްޓޭންޑްގެ ސަބަބުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުންގެ ވޯޓް ހޯދުމަށްޓަކައި ސަރުކާރުން ނިންމީ ބިމާބެހޭ ގާނޫނާއި ދިމާ އިދިކީއްޔަށް، ގާނޫނުން ޑެލިގޭޓްކޮށްފައިނުވާ ބާރެއް ގަވާއިދެއް އިސްލާހުކޮށްގެން ހައުސިން މިނިސްޓްރީގެ އަތަށް ނެގުމަށްފަހު މާލެ ސަރަހައްދުން ގޯތި ދޫކޮށް، ރަޖިސްޓްރީ ހައްދައިދޭށެވެ.
ރައީސް އިބްރާހީމްގެ ވައުދާއި އެއްގޮތަށް ސަރުކާރުގެ ބަހުންނަމަ "ރަނުން ރަނަށް" މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ކަނޑައި، ބަންޑާރަ ގޯތީގެ ނަމުގައި ރަޖިސްޓްރީ ހައްދައިދީ ދޫކުރަން މިހާރު ފަށާފައިވީނަމަވެސް، ގޯތި ދޫކުރުމުގެ މި މުއާމަލާތަކީ ގާނޫނީގޮތުން ފެށުމުގައިވެސް ގޯސް މުއާމަލާތެކެވެ. އަދި ދޫކުރާ ރަޖިސްޓްރީތަކަކީ ގާނޫނީ ބުރަދަނެއް ނެތް ބާތިލް ރަޖިސްޓްރީ ތަކެކެވެ. ގުޅިފަޅާއި ގިރާވަރުފަޅުގެ ލޮނުގަނޑުގައި ސަރުކާރުން ގޯތި ދިނުމަށް އިން ކަނޑަން ދަމާލައި ރޮނގަކާއި އެއްވެސް ތަފާތެއް ނެތެވެ.