Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

މޭ 6 ހަމަލާގެ ތުހުމަތުވާ އަލިމަނިކަށް މައާފުދިން ސަބަބު އަދިވެސް ރައީސްއަށް ބުނެނުދެވޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް 6 މޭ 2021 ގައި ދިން ބޮމުގެ ހަމަލާގެ މޭސްތެރިއެއްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޢަބްދުﷲ އަލީމަނިކަށް މައާފުދީ އަދަބު ލުއިކޮށްދިން ސަބަބު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަދިވެސް ބުނެ ނުދެވޭކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިމަނިކަށް މައާފު ދިން ސަބަބާއި ގުޅިގެން ތަކުރާރުކޮށް އެދުމުންވެސް އެ މައުލޫމާތު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ލިބިފައި ނުވާކަމަށެވެ.

އީވާ މިފަދައިން ވިދާޅުވެފައިވާއިރު އަލީމަނިކަށް މައާފުދީ އަދަބު ލުއިކޮށްދިން ގޮތް މަޖިލީހުން ތަކުރާރުކޮށް އެދުމުންވެސް ސަރުކާރުން ބުނެނުދިން މައްސަލައެއް މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ. ޙަސަން ހުށަހެޅުއްވި މައްސަލާގައި އޭނާ ވިދާޅުވީ ޢަބްދުﷲ އަލިމަނިކަކީ ޓެރަރިޒަމްގެ ކުށެއް ސާބިތުވެ 10 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރަމުން އައި މީހެއް ކަމަށެވެ.

އަދި 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 20 ވަނަ ދުވަހުގައި އޭނާގެ އަދަބު ލުއިކޮށް މައާފުކޮށްދީ ޖަލުން މިނިވަންކޮށްފައިވާކަން ޙަސަން ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅިގެން ފާހަގަވެފައިވާ ބައެއްކަންކަމުގެ ގޮތުގައި މަޖިލީހުގެ ރައީސަށް ޙަސަން ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ އަދަބު ލުއިކޮށްދިނުމުގެ އުސޫލުތަކުގައި ގައިދީއެއްގެ އަދަބު މައާފުކޮށްދޭއިރު އޭނާގެ އަޚުލާޤީ ރިޕޯޓާއި ޑިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމެވެ.
ނަމަވެސް ޢަބްދުﷲ ޢަލިމަނިކުގެ އަޚުލާޤީ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އޭނާގެ އަދަބު ލުއިކޮށްދީ މިނިވަންކުރި ތާރީޚުކަމަށްވާ 20 އޯގަސްޓު 2019ގެ ފަހުން 1 ސެޕްޓެންބަރު 2021 ގައި ކަމަށް ޙަސަން ފާހަގަކުރެއްވިއެވެ. އެއީ އޭނާ ދޫކޮށްލިތާ 2 އަހަރު ފަހުންނެވެ. އަދި ޑިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓު ތައްޔާރުކޮށްފައިވަނީވެސް އަޚުލާޤީ ރިޕޯޓަށް ބަލައިގެން ނޫންކަމަށް ޙަސަން ވިދާޅުވިއެވެ.
މިކަންކަން ފާހަގަކުރެވުމުން ޢަބްދުﷲ އަލިމަނިކުގެ އަދަބު ލުއިކޮށްދިނުމުގައި އަމަލުކޮށްފައިވާ ގޮތް އޮޅުންފިލުވަން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އެދުމުގެ މަތިން ދެ ފަހަރެއްގެ މަތިން 17 އޮކްޓޯބަރު 2021 ގައާއި 23 މޭ 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަޖިލީހުގެ އިދާރާއިން އެދުނުކަމަށް ޙަސަން ވިދާޅުވިއެވެ.
އެ ދެ ފަހަރު އެދިގެންވެސް ޢަބްދުﷲ އަލިމަނިކުގެ އަދަބުލުއިކޮށްދިނީ ކިހިނެއްކަން އަދި އެކަމުގައި އަމަލުކުރި ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހާ ހިއްސާނުކުރެއެވެ. އެކަމުގައި އެ އޮފީހުގެ ބަލެއް ލިބިފައިނުވާކަމަށް ޙަސަނުގެ ސިޓީގައި ވިދާޅުވިއެވެ.
އޭނާ ސިޓީގައި ނަޝީދުގެ އަރިހުން އެދިވަޑައިގެންފައިވަނީ ޢަބްދުﷲ ޢަލިމަނިކަށް މައާފުދިން ގޮތާމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަހެއް ހޯއްދަވައިދެއްވުމަށެވެ.
މި ލިއުމާއި ގުޅޭ