މި އަހަރުގެ އޭޕްރީލް މަހު ފަށާނެކަމަށް ސަރުކާރުން ބުނި އއ. ރަސްދޫ 50 ހައުސިން ޔުނިޓުގެ މަސައްކަތުގައި މިއަދު ސޮއި ކުރަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އެ މަޝްރޫއުގައި ސޮއި ކޮށްފައި މިވަނީ އިންތިޚާބަށް 5 ދުވަހަށް ވެފައި ވަނިކޮށެވެ.
މި އަހަރުގެ އޭޕްރިލް މަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އެ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެ މަޝްރޫއުއާ ގުޅިގެން ފިނޭންންސް މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލު ކުރެއްވުމުން ވިދާޅުވީ އެ މަސައްކަތުގެ އޭރު އޮތީ ބިޑު ހުޅުވައި އިވެލުއޭޓް ކުރެވި، ފަރާތްތަކާއި ހަވާލު ކުރުމުގެ ކުރިން ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި ކަމަށެވެ.
އަދި ނެގޯޝިއޭޓް ކުރުމުގެ މަސައްކަތްތައް ނިންމައި ފަރާތަކަށް އެވޯޑް ކުރުމުގެ މަސައްކަތް އެ މަހުގެ ތެރޭގައި ނިންމާނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އޭޕްރިލްގައި ފަށަން ބުނި ރަސްދޫ ހައުސިންގ ޔުނިޓުގެ މަސައްކަތް އަދި މިހާތަނަށް ފެށިފައި ނުވާއިރު ރިޔާސީ އިންތިހާބަށް 5 ދުވަހަށް ވެފައި ވަނިކޮށް މިއަދު އެ މަޝްރޫއުގައި ސަޮއި ކުރަން ވަނީ ނިންމާފައެވެ. ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއުގައި ސޮއި ކުރަން ނިންމާފައިވަނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.