ރިޔާސީ އިންތިޚާބަށް 5 ދުވަހަށް ވެފައި ވަނިކޮށް ދިވެހި ރާއްޖޭގެ ޤާނޫނު ތަކާއި ޤަވައިދުތަކާ ޚިލާފަށް ގައިދީން ގޭ ބަންދަށް ބަދަލު ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް ދިނުމަށް ނިންމައިފިއެވެ.
އިތުބާރު ހުރި މަސްދަރަކުން "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި މާފު ނުދެވޭ ޤައިދީންނަށް މާފު ދިނުމަށް ހޯމް މިނިސްޓަރު އިމްރާން އެންމެ ފުރަތަމަ ލަފައަކަށް އެދިފައިވަނީ މިނިސްޓްރީގެ އިންޓާނަލް ލީގަލް ޓީމުންނެވެ.
ނަމަވެސް އެ ޓީމުން އެކަމަށް އިންކާރު ކުރުމުން މިނިސްޓަރު އިމްރާން "އޯވާ ނައިޓަކުން" މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ ލަފާވެސް ހޯދައި ޤަވާއިދަށް އިސްލާހު ގެނެސްފައިވާކަމަށް "ދިޔަރެސް"އަސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
"މާފު ނުދެވޭ ޤައިދީން ދޫކުރުމަށް ގާނޫނީ ލަފައަކަށް އެހީމާ އިންޓާނަލުގެ ލީގަލް ޓީމުން ޖެހީ ނޯ، ނޯ ޖެހީމާ ގަވައިދަށް އިސްލާހު ގެނެސް އޯވާ ނައިޓަކުން ވީކެންޑު ތެރޭގައި އޭޖީންވެސް ލަފާ ހޯދައިގެން އެކަން އެކުރަނީ،" އެ ފަރާތުން ބުނެފައިވެއެވެ.
އެ ފަރާތުން ބުނީ "މިނިސްޓަރަށް ހުރިހާ ބާރެއް ކަހާލަނީ ގާނޫނާ ޚިލާފަށް" ކަމަށެވެ.
ގާނޫނުގައި ނެތް ބާރުތަކެއް ގަވައިދަށް ނަގައިގެން ގައިދީން ދޫކުރުމާ ބެހޭ ގަވައިދަށް އިސްލާހުތަކެއް ގެންނަން މިނިސްޓަރު ނިންމަވާފައިވާއިރު މިއަދުގެ ވަގުތެއްގައި އެ ގަވައިދު ގެޒެޓުކޮށް އަމަލު ކުރަން ފަށާނެކަމަށް "ދިޔަރެސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގަވައިދަށް ގެންނަ އެ އިސްލާހުގެ ކޮޕީއެއްވެސް "ދިޔަރެސް"އަށް ވަނީ ލިބިފައެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ ގިނަ އަދަދެއްގެ ކުށްވެރިން ދޫކުރަމުންނެވެ. ބައެއް މީހުން މުޅިން އެއްކޮށް މާފު ދީފައި ދޫކުރާއިރު އަނެއްބައި މީހުން ދުވަސްކޮޅަކަށް ގޭ ބަންދަށް ދަނީ ދޫކުރަމުންނެވެ. މިނިވަން ކުރަމުންދާ ކުށްވެރިންގެ ތެރޭގައި ކުޑަކުދިން ރޭޕް ކުރާ މީހުންނާއި, މަސްތުވާތަކެތި ވިއްކާ މީހުންނާ ޤާތިލުންހިމެނެއެވެ.