އަންނަ އާދީއްތަދުވަހު ސަރުކާރަކީ ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައިވާކަން ރައީސް އޮފީހުން އިއުލާނުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރު ސޮއިކުރައްވައި އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ މި މަހުގެ 10 ވަނަ ދުވަހަށްވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވާފައިވާ ކަމަށެވެ.
އަލީ ޒާހިރު ސޮއިކުރައްވައި އާންމުކުރެއްވި ދެންނެވުމުގައި ބުނެފައިވަނީ އާދީއްތަ ދުވަސް ބަންދުކުރަން ނިންމާފައިވަނީ ހޮނިހިރު ދުވަހުގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނައިރު އެ ދުވަހުގައި ވޯޓުލުމުގެ ކަންކަމުގައި ގިނަ އަދަދަކަށް ސަރުކާރު މުވައްޒަފުންނާއި އާންމުންވެސް އުޅޭނެތީ ކަމަށެވެ.
އަދި ހޮނިހިރުދުވަހުގެ ވޯޓުލުމާ ގުޅިގެން އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވުމަކީވެސް އާދީއްތަ ދުވަސް ބަންދުކުރަން ނިންމި ސަބަބެއްކަމަށް އެ ދެންނެވުމުގައި ފާހަގަކުރިއެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު މަހުގެ 9 ވަނައަށްވާ ހޮނިހިރު ދުވަހުގައެވެ.