މިސަރުކާރުން ބަޖެޓްކޮށްފައިވާ މަޝްރޫއެއް ކަމަށްވާ ތ. ވޭމަންޑޫ އާއި ކިނބިދޫ ކޯސްވޭއަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާލަދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޑރ. މުއިއްޒު ވިދާޅުވީ އެ ދެ ރަށް ގުޅައިލުމަކީ 2018 ވަނަ އަހަރު ރައީސް ޔާމީން ވެސް ވެވަޑައިގަތް ވައުދެއް ކަމަށެވެ.
އެކަމަކު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ނުލިބި، 2018 ގައި އެމްޑީޕީން ވެރިކަމާ ހަވާލުވެ އެ މަޝްރޫއު ހިންގުމަށް ވައުދުވެ ބަޖެޓުގައި ހިމެނި ނަމަވެސް މަޝްރޫއު ކުރިއަކަށްނުދެ އެެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެ ދެ ރަށަށް ގުޅާލަދޭނީ ދެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކާ ވެސް އެކީގައި ކަމަށެވެ. ދެ ރަށުގެ ބިން ހިއްކަނީ ދުރު ރާސްތާއަކަށް މަންފާ ލިބޭނެ ސިޔާސަތެއްގެ ދަށުންނެވެ.
"އެހެންވީމަ މި ދެ ރަށުގެ [ކިނބިދޫއާއި ވޭމަންޑޫ] ދޭތެރޭ މިދެންނެވި ގޮތަށް ބިން ހިއްކުމާ، ގުޅާލުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ގޮތުގަ، އަދި އެއީ ހަރަދަކަށްވުރެ ބޮޑަށް އޭގެ ނަފާ އަނބުރާ ލިބޭ އިންވެސްޓްމެންޓެއްގެ ގޮތުގަ ހަމަ އަޅުގަނޑުމެންނަށް ފެންނަނީ،" މުއިއްޒު ވިދާޅުވި އެވެ.
އެ ދެ ރަށުން ހިއްކާ ބިމުގައި ހައުސިން މަޝްރޫއުތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ވޭމަންޑޫ- ކިނބިދޫ ކޯޒްވޭ މަޝްރޫއަކީ މި ސަރުކާރުން ފަށައި އެކަމަކު ކުރިއަށް ނުދާ މަޝްރޫއެކެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އިތުރުން މި އަހަރުގެ ބަޖެޓުގައި ވެސް އެ މަޝްރޫއު ހިމަނާފައި އެބަ އޮތެވެ. އެކަމަކު މަޝްރޫއު ކުރިއަށްނުދާތީ ރައްޔިތުންގެ ކަންބޮޑުވުން ގިނަ އެވެ.