Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މިއަންނަނީ މަޝްރޫއުތައް ހުއްޓިފަ އޮތީމަ ކުރިއަށް ގެންދަން: ޑރ. މުއިއްޒު

ވެރިކަމަށް އަންނަން މަސައްކަތް ކުރައްވަނީ މިހާރު ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތުމުން، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އެފަދައިން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ހިރިލަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ޕީޕީއެމް/ޕީއެންސީ ވެރިކަމާ ހަވާލުވެއްޖެ ނަމަ މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވަހަކަތަކަށް ރައްދުދެއްވައި މިއަދުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް އަންނަނީ މިހާރު ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތުމުން އެކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަކީ މަޝްރޫއުތައް ހުއްޓާލާނެ ބައެއް ނޫން. މަޝްރޫއުތައް ހުއްޓިފަ ހުރީމަ ކުރިއަށްގެންދަން އަންނަ ބައެއް،" ސަރުކާރަށް ރައްދުދެއްވައި ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ ޔަގީންކަންދޭ ކަމަކީ، ތަރައްގީއަކީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ދަސްކޮށްދެއްވާފަ އޮތް ކަމަކަށް ވާތީވެ ކޮށްދެއްވާފައިވާ ކަމަކަށް ވާތީ ތަރައްގީ ރައްޔިތުންނަށް ޔަގީންވެގެންދާނެ އަޅުގަނޑުމެންގެ ސަރުކާރެއްގައި."
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނޭހެން އެއްވެސް މަޝްރޫއެއް ނުހުއްޓާލައި، އޭނާގެ ވެރިކަމެއްގައި އެ މަޝްރޫއުތައް ރައްޔިތުންގެ ހިޔާލާއެކު މާ ރަނގަޅަށް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގެ ތަރައްގީއަށް ބޮޑު ޑިވޮލޮޕްމަންޓް ޕްލޭނެއް ހެދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިއްކެން ހުރި ފަޅުތައް ބަލައި ދިރާސާއެއް ކޮށް ކެބިނެޓަށް ގެންގޮސް ފާސްކުރިން. އެއީ ދުރުރާސްތާއަށް ވިސްނައިގެން، މިކިޔަނީ ވަރަށް ގިނަ އަހަރުތަކަށް ވިސްނައިގެން ބިން އިތުރުކުރަންޏާމު ކޮބައިތޯ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ސަރަހައްދުތަކަކީ،" މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން ބެލިއިރު ހިރިލަންދޫގެ ފަޅަކީ ވަރަށް ބޮޑު ފަޅެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިހާރު އެރަށު ފަޅުން ހިއްކަމުންދާ 25 ހެކްޓަރަކީ ވަރަށް ކުރު ރާސްތާގެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިވަގުތު 25 ހެކްޓަރު އޮތް ނަމަވެސް އެއީ ނިމުމެއް ކަމަށް ނުބައްލަވާތި. އިރާދަކުރެއްވިއްޔާމު މި އަތޮޅާއި މުޅި ރާއްޖެއަށް އޭގެ ފައިދާވާ ކަހަލަ ބިން އިތުރުކުރުމުގެ މަޝްރޫއެއް މި ސަރަހައްދުގައި ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުން،" މުއިއްޒު ވިދާޅުވި އެވެ.

ހިރިލަންދޫއަށް މުއިއްޒުގެ އިތުރު ވައުދުތައް:

  • * ބަނދަރު ބޮޑުކުރުން
  • * މަސްވެރިިކަމަށް ފަހިވާގޮތަށް ބަނދަރު ތަރައްގީކުރުން
  • * މަސް ކިރުމަށް ކޯލްޑް ސްޓޯރޭޖް ނިޒާމެއް
  • * ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް
  • * ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު
މި ލިއުމާއި ގުޅޭ