ދީނީ ޢިލްމުވެރިން މީހުންނާ ދިމާލަށް ހުތުރުކޮށް އެއްޗެހި ގޮވުމަކީ އެކަމުގެ ސަބަބުން ވަރަށް ނުބައި ނަތީޖާއެއް ނިކުމެދާނެކަމެއްކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅަށް އިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާނުވަނީ ޑރ.މުޢިއްޒަކީ މަޤާމުގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅެއްކަމަށް ސިފަކުރައްވައި، އޭނާއަށް ވަޒީރުކަން ހޯދައިދެއްވީ އޭނާ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އިމްރާނު ވިދާޅުވީ މުއިއްޒުއަށް ހައުސިން މިނިސްޓަރުކަން އޭނާ ހޯދައިދެއްވީ ލަނގޮޑިއަށް ކެތްނުކުރެއްވިގެންކަމަށް ވިދާޅުވެފައެވެ.
އަދި ކުރިމިނަލް ކޯޓުގައި ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ހުކުމްކުރި ދުވަހު ޑރ.މުޢިއްޒުގެ ހިތްޕުޅަށް އަރާފޭބި ޚިޔާލުތައް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ އެ ދުވަހު ހިތުގެ އަޑިން ޑރ.މުޢިއްޒު އެދިވަޑައިގަތީ ރައީސް ޔާމީނު ޖަލަށްލުމަށް ކަމުގައިވެސް އިމްރާނު ވިދާޅުވިއެވެ.
އިމްރާނުގެ މިވާހަކަފުޅުތަކާ ގުޅިގެން މިއަދު ޑރ.މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ މުސްލިމުންގެ ސިފަތަކާ ގުޅޭ ގޮތުން ސަލާމާއި ޞަލަވާތް ލެއްވުނު ކައުއިތުރު ނަބިއްޔާ ޙަދީސްކުރައްވާފައިވާ ބަސްފުޅެއްގެ ތަރުޖަމާ ހިއްސާކުރައްވާފައެވެ.
"މުސްލިމަކީ އެމީހާގެ ދުލާއި އަތުގެ ނުބައިކަމުން މުސްލިމުން ސަލާމަތްކުރާ މީހާއެވެ. އަދި މުހާޖިރަކީ މާތްﷲ ނަހީކުރެއްވި ކަންކަމާ ދުރުހެލިވާ މީހާއެވެ." މާތް ނަބިއްޔާ ޙަދީސްކުރައްވާފައިވެއެވެ.
"ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއްގައި ވަނީ 'މުސްލިމުންގެ ސިފަޔަކީ ތިމާގެ ދުލާއިއަތުން އަނެއް މުސްލިމާއަށް ރައްކާތެރިކަން ލިބިގަތުމެވެ.' ރާއްޖޭގައި އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނޭކަމީ ދީނާ ދުރަށް މީހުންހިނގައި ދާނެ ސަބަބަކަށް ވެދާނެ.،" އެ ޙަދީސް ބަސްފުޅަށް އިޝާރާތްކުރައްވައި ޑރ.ޖަމީލު ޓުވީޓުކުރެއްވިއެވެ.
އަދި މިފަދައިން މީހުންނަށް އެންމެ ހުތުރުކޮށް އެއްޗެހި ގޮވާ މީހުންގެ ތެރޭގައި ދީނުގެ އިލްމު އުނގެނިގެން ތިބޭ މީހުން ހިމެނުމަކީ ވަރަށް ނުބައި ނަތީޖާއެއް އެކަމުން ނިކުމެދާނެ ކަމެއްކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.