އަދާލަތު ޕާޓީގެ އިލްމުވެރިންގެ ރެޕިއުޓޭޝަން ހިމާޔަތްކުރެއްވުމަށް، ރޭ އެމްޑީޕީން މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައިފިއެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިއެއްކަމަށްވާ އަބްދުﷲ ރަޝީދުވަނީ ރޭ އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގެ ދައުވަތު އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ހިއްސާކުރައްވާފައެވެ. މި ޖަލްސާއަކީ އެމްޑީޕީން އަތޮޅު ތެރެއިންނާއެކު ސަޕޯޓަރުން ގެނެސްގެން ބާއްވާ ބޮޑު ހަރަކާތެކެވެ.
މި ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނައުމުގެ އިތުރަށް މާލޭގެ ގުރޫޕުތަކަށް އެތައް މިލިއަން ރުފިޔާއެއް ދީގެން މީހުން ނެރެފައިވެއެވެ. މި ޖަލްސާއަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެ ޕާޓީން މާލޭގައި ބާއްވަން ނިންމާފައިވާ އެންމެ ބޮޑު ޖަލްސާއެވެ.
އަބްދުﷲ ރަޝީދު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މި ޖަލްސާގެ ދައުވަތު ހިއްސާކުރެއްވުމުން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ ޖަލްސާގައި ލަވަ ޖަހައި ނަށާނަމަ އަދާލަތުގެ އެއްވެސް އިލްމުވެރިއަކަށް ބައިވެރިނުވެވޭނެ ވާހަކަ ދަންނަވާ ކަމަށެވެ.
"އިލްމުވެރިންގެ ރެޕިއުޓޭޝަން ހިމާޔަތްކުރުން ވަރަށް މުހިއްމު،" އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގައި މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތުގެ އިލްމުވެރިންނަށް ބައިވެރިވެވަޑައިނުގެންނެވޭނެ ސަބަބު ބަޔާންކުރައްވައި ޑރ.ޢިޔާޟް ވިދާޅުވިއެވެ.
މިފަދައިން ވިދާޅުވި ނަމަވެސް ޖަލްސާ އޮތް ސަަރަހައްދު ކައިރީ ހުރި އިމާރާތެއްގެ މަތީގައި ތިއްބަވައިގެން އިޔާޒުއާއި އަދާލަތު ޕާޓީގެ އިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު ޝިފާނުވަނީ ޖަލްސާ ބައްލަވާފައެވެ.
މި ޖަލްސާގައި އަދާލަތުގެ އިލްމުވެރިން ބައިވެރިވެވަޑައިނުގަތީ ސޯޝަލް ސެންޓަރުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ލަވަޖަހައި ނެށުމުގެ ހަރަކާތްތަކެއް ބޭއްވިއިރު އެ ޖަލްސާގައި އަދާލަތުގެ ބައެއް އިލްމުވެރިން ތިއްބެވި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.