މިއަދު ފ. ފީއަލީގައި ހުކުރު ކުރާ ދެމިސްކިތުގައި ވެސް ހުކުރު ކުރާނެ އިމާމަކު ހަމަ ނުޖައްސާ، ކައުންސިލަރުން ކެމްޕޭނުގައި އަވަދި ނެތި އުޅޭކަމުގެ މައުލޫމާތު "ދިޔަރެސް"އަށް ވަނީ ލިބިފައެވެ.
އެރަށުން "ދިޔަރެސް" އާ ވާހަކަ ދެއްކި މީހަކު ބުނީ އެރަށު މިސްކިތް ތަކުގައި ހުކުރު ކުރާ އިމާމުން ހަމަޖައްސަނީ ކައުންސިލުން ކަމަށެވެ. ނަމަވެސް މިއަދު 12:40 ވީއިރު ވެސް ހުކުރު ކުރަން ޖެހެނީ ކާކު ކޮން މިސްކިތެއްގައި ކަމެއް އެ މުދިމުންނަށް އަންގާފައި ނުވާ ކަމަށް އެމީހާ ކިޔައިދިނެވެ. ހުކުރު ކުރުމުގެ ހުއްދަ 3 މުދިމަކަށް އޮންނަ ކަމަށް ވެއެވެ.
ނަމަވެސް މިއަދު ކައުންސިލުން އެއްވެސް މީހަކު ހަމަ ޖައްސާފައި ނުވާތީ މުދިމުން ހުކުރަށް ދިޔައީ އެކަމަށް ތައްޔާރު ނުވެ ޓީޝާޓް ލައިގެންނެވެ. ވަގުތު ޖެހި ކައުންސިލްގެ ޚަބަރެއް ނުވުމުން އެތަނުން އެކަކު ކުރީ ހަފްތާގެ ޚުތުބާ ހިފައިގެން އައިސް ހުކުރު ކުރި ކަމަށް އެމީހާ ބުންޏެވެ.
އެކަން އެހެން ދިމާވީ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ކެމްޕޭނުގައި ބުރަކޮށް އުޅެން ޖެހުމާއި ގުޅިގެން އެކަން މަތިން ހަނދާން ނެތިގެން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ކައުންސިލްގައި ތިބެނީ އެމްޑީޕީގެ 4 ކައުންސިލަރުންނާއި ޕީޕީއެމް މެމްބަރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލްގެ އެމްޑީޕީ ހަތަރު މެމްބަރުންނާއި އިދާރީ މުވައްޒަފުންވީ މިރޭ އޮންނަ އެމްޑީޕީގެ ބޮޑު ޖަލްސާއަށް މާލެ އައިސްފައެވެ. އެރަށުން 47 މީހަކު މިރޭގެ ޖަލްސާއަށް އައިސްފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
ފީއަލީގައި އެމްޑީޕީގެ މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރަށް އެރަށު ކައުންސިލުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.