ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަންރަށް ޅ.ހިންނަވަރަށް ވަޑަައިގަތުމާ ދިމާކޮށް އެރަށުގައި ގިނަ އަދަދެއްގެ ބަނގުރާ ބަހައި, ބަނގުރަލުގެ ޕާޓީތައް ބާއްވައިފިއެވެ.
ހިންނަވަރުގައި ބަނގުރާ ބޯ މީހުން ވަރަށް ގިނަ ވެފައިވާއިރު, ރޭ އެރަށުގައި ބަނގުރާ ބަހާފައިވަނީ އެމްޑީޕީގެ ޖަގަހައެއް މެދުވެރިކޮށެވެ. ބަނގުރަލުގެ އިތުރަށް ގަންޖާވެސް އެ ޖަގަހައިން ހިލޭ ބަހާފައިވެއެވެ. ރައީސް އިބްރާހީމް ހިންނަވަރަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
"ދިޔަރެސް" އަށް ލިބިފައިވާ ފޮޓޯތަކުން އެމްޑީޕީ ޖަގަހަ ތެރޭގައި އެކިއެކި ބްރޭންޑުތަކުގެ ބަނގުރާ ފުޅިތައް ފެނެއެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ގިނަ ބަޔަކު ރޭ ތިބީ ބަނގުރާ ބޮއެގެން މަސްތުވެގެން ކަމަށެވެ. އަދި އޭގެ ތެރޭގައި ރަށުގައި އުޅޭ ބައެއް ފުލުހުންވެސް ހިމެނޭ ކަމަށާއި މަސްތުވެގެން ފުލުހަކު ރަށުގެ މަގު މައްޗަށް ވެއްޓިފައި އޮތްތަންވެސް ފެނުނު ކަމަށެވެ.
ހިންނަވަރުގައި ބަނގުރާ ބޭނުން ކުރާ މީހުން އިތުރުވެގެން އެ މައްސަލަ މީގެ ކުރިން ރަށު ކައުންސިލުން ފުލުހަށްވެސް ހުށަހެޅިއެވެ. ނަމަވެސް މިހާތަނަށް އެކަން ބެލިފައިނުވެއެވެ. ރަށުގެ ޒުވާނުންނާއި, އުމުރުން ދުވަސްވީ މީހުންގެ ތެރޭގައިވެސް ބަނގުރާ ބުއިން ވަނީ އާންމުވެފައިކަމަށް މައުލޫމާތު ލިބެއެވެ.
"އެކަހަލަ ކަންކަން ހަމަ މިހާރު ވަރަށް ބޮޑަށް އިތުރުކަން އެނގޭ، ފާހަގަކުރެވޭ. ބެލެވެނީ ދެން ކައިރި ރިސޯޓުތަކުންނާއި ތަންތަނުން ގެންނަ ކަމަށް. ހިންނަވަރަކީ ހަމަ އެކަހަލަ ހަބެއްހެން އިންނަ ތަނެއް،" މީގެ ކުރިން "ދިޔަރެސް" އަށް ދެއްވި ބަސްދީގަތުމެއްގައި ހިންނަވަރު ކައުންސިލްގެ ރައީސް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ބަނގުރާ އެތެރެ ކުރުމުގައި އިސްކޮށް އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާ ބައެއް ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް ފުލުހުންވެސް ރާފުޅިތައް ޑިސްޕޯސް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން ރައީސް ސޯލިހަށްވެސް ވަނީ ބަނގުރާ ވިއްކި ކަމުގެ ކުށް ސާބިތުވެ އަދަބު ލިބިފައެވެ. ރައީސް ސޯލިހުގެ މައްޗަށް އެކަން ސާބިތުވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. އެކަމާއި ގުޅިގެން އޭރުގެ ފުލުސް ކޯޓުން ހުކުމް ކުރީ 6 މަސް ދުވަހަށް އަރުވާލުމަށެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ ބޮޑު ބޭބެއިން ބަނގުރާ ވިއްކާފައިވަނީ ޅ.އަތޮޅުގެ ފަޅުރަށެއްގައެވެ. އެ މައްސަލައާއި ގުޅިގެން ރައީސް ސޯލިހް އަރުވާލެވުނީ ތ.ގުރައިދޫ އަށެވެ.