މުސްކުޅިވެފައިވާ މައިންބަފައިންނަށް ހިދުމަތްކުރާނެ ފުރުސަތު ލިބުމަކީ ބޮޑު ނިއުމަތެއްކަމަށާއި މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މައިންބަފައިންނަށް ހެޔިކޮށް ހިތުމުގެ މަތިވެރިކަމާއި މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުގެ ނުބައިކަން ކިޔައިދީފައެވެ.
އަދި ކީރިތި ޤުރުއަނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ވެސް އެކަމަށް ބާރު އަޅުއްވާފައިވާކަމަށާއި ޝަރުއީ ނައްސުތަކުގައި މައިންބަފައިންނަށް ކިޔަމަންގަތުމަށް އަމުރު ކުރައްވައި އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި އެކަމުން އެނގެނީ މައިންބަފައިންނަށް އަޅައިލުމާއި އެމީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިއްމުކަން ކަމަށާއި އެދެމީހުންނަށް އުރެދުމަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައި ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ ހުރިހާ ރަސޫލު ބޭކަލުންނަށާއި ނަބީބޭކަލުންނަށްވެސް އަމުރު ކުރެއްވި ކަމަށެވެ.
އެގޮތުން މުސްކުޅިވެފައިވާ މައިންބަފައިންނަށް ހިދުމަތްކުރާނެ ފުރުސަތު ލިބުނު މީހާ އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވުމަށް އިލްތިމާސްކޮށް ޚުތުބާގައި ބުނެފައިވަނީ އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުވައިދެއްވާފައިވާކަމަށެވެ. އަދި މައިންބަފައިންނަށް އުރެދުމަކީ ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއްކަމުގައިވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން މައިންބަފައިންނަށް އަޅައިލުމާއި ކަމޭހިތުމަކީ އެކަމުގައި ޖަދަލުކޮށްގެން ނުވާނެ ކަމެއްކަމަށާއި މައިންބަފައިން ހިތުގައި ޖެހުނަދީގެން ނުވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"ބައެއް މީހުން ހީކުރާ ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތަން ވާނީ އެމީހުން ކަމަކަށް އެދުނީމައެވެ. މައިންބަފައިން ކަމަކަށް އެދޭނަމަ އެކަމެއް އަވަހަށް ކޮށްދޭންވާނެއެވެ. ނަމަވެސް އެމީހުންނަށް ކަމެއް ބޭނުންވިޔަސް އަދި ނުވިއަށް ދަރިން މައިން ބަފައިންނަށް އަބަދުވެސް ހެޔޮކޮށް ހިތަން ވާނެއެވެ.: ޚުތުބާގައި ބުނެފައިވެއެވެ.
އަދި ބައްޕަ އާއި މަންމައަކީ ހިޔާވަހިކަމާއި ހިމާޔަތް ލިބޭ ދެގަސްކަމާއި އެއީ ދަރީންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ވަރުގަދަ ކިއްލާތަކެއްކަމާއި އަދި އެއީ ދަރީން ދިފާއުކޮށް ސަލާމަތްކޮށްދޭ އައްޑަނަތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އޭގެ އިތުރަށް އެއީ ދަރީންނަށް އެންމެ ހެޔޮ އެދޭ އިހްލާސްތެރި ނަސޭހަތްތެރިންކަމަށާއި މައިންބަފައިންގެ ނިއުމަތުގެ ފުރިހަމަ އަގު އެމީހަކަށް ވަޒަން ކުރެވޭނީ އާޚިރަތް ދުވަހުންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.