މިއަހަރު ރާއްޖޭގައި ބާއްވަން ނިންމި މޯލްޑިވްސް ޗެލެންޖު ބީޗު ޕްރޯ، ދުނިޔޭގެ ވޮލީބޯޅަ މައި އިދާރާ(އެފްއައިވީބީ)ގެ ކަލަންޑަރުން ކުއްލިގޮތަކަށް އުނިކޮއްފިއެވެ.
ހުސްވި އަހަރު ރާއްޖޭގައި ބޭއްވުނު "މޯލްޑިވްސް ޗެލެންޖު ބީޗު ޕްރޯ" އަކީ އެފްއައިވީބީ އާއި ވީއޭއެމް ގުޅިގެން މިއަހަރުވެސް ބޭއްވުމަށް ކަލަންޑަރު ކުރެވިފައިވާ އިވެންޓެކެވެ. އޮގަސްޓް މަހުގެ 30 އާއި ހަމައަށް މިއަހަރުގެ އެފްއައިވީބީ ކަލަންޑަރުގައިވެސް އެއިވެންޓު ހިމަނާފައި އޮތެވެ. ކުއްލިގޮތަކަށް އެފްއައިވީބީގެ ކަލަންޑަރުން އެއިވެންޓު އުނިކޮއްފައިވާއިރު، ބެލެވޭގޮތުގައި އެފްއައިވީބީއިން އެއިވެންޓު ދެން ރާއްޖޭގައި ނުބާއްވާނެއެވެ.
މިކަމާއި ގުޅިގެން ވޮލީ ބޯޅަ ކޯޗް މުހައްމަދު ޝަރަފް އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް ލިބިފައިވާ މައުލޫމާތު ދޮގުނޫންނަމަ, މިފަދަ އިވެންޓުތަކަކީ އެބާއްވާ ޤައުމުތަކުން ހޭދައެއް ކުރާންޖެހޭ އިވެންޓުތަކެއް ކަމަށެވެ. 175,000 ޑޮލަރުގެ ފައިސާގެ އިނާމުދެވޭ ވޯލްޑް ޕްރޯ އިވެންޓުތަކުގެ ފައިސާގެ އިނާމަކީ އެފްއައިވީބީއަށް އެޤައުމަކުން ދައްކާންޖެހޭ އެއްޗެކެވެ.
"ހުސްވިއަހަރު ކުރީކޮޅު އެފްއައިވީބީގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމަށް ފަހު މިއިވެންޓު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިގެންދިއުން އެއީ މިއިވެންޓު ރާއްޖޭގައި ބޭއްވުމުގައި ދިވެހި ދައުލަތުގެ އެއްބާރުލެއްވުން ލިބިފައިވާ ކަމުގެ ހެއްކެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަވައްޓެރި އިންޑިޔާއިންވެސް އެފަދަ އެއްބަސްވުންތަކަކައްފަހު މިއަހަރާއި އަންނަ އަހަރަށް އެފަދަ އެފްއައިވީބީ އިވެންޓުތައް އެޤައުމުގައި ބޭއްވުމަށްވަނީ ކަލަންޑަރު ކުރެވިފައެވެ." ޝަރަފް ބުނެފައިވެއެވެ.
ޝަރަފް ބުނެފައިވަނީ މިދިޔަ މަސްތަކުގައި ކުރެވުނު މަސައްކަތުން ލިބިފައިވާ މަޢުލޫމާތު ބުނާގޮތުން, ސަންއައިލެންޑް ރިސޯޓުގައި ބޭއްވުނު ބީޗު ޕްރޯ އިވެންޓަށް ދިވެހި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފައިސާގެ ތަފްސީލަށް ބަލާއިރު އެފްއައިވީބީއަށް ދެއްކިފައިސާއެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ވީއޭއެމްއިން މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށް ވެސް ޝަރަފް ބުނެފައިވެއެވެ.
"އަޅުގަނޑުގެ "ހިތް ބުނާގޮތުން" ވީއޭއެމްއިން ހުސްވިއަހަރުގެ ފައިސާވެސް ނުދައްކަނީއެވެ. އަދި މިއަހަރުގެ ކަލަންޑަރު ގައި މިއިވެންޓު ހިމެނުމުގެ މާނައަކީ މަދުވެގެން 2 އަހަރުގެ އެއްބަސްވުމެއް އޮތުމެވެ. އެހެންކަމަށް ވަނީނަމަ ވީއޭއެމް އެވަނީ 350,000 ޑޮލަރުން ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާއަށް ދަރާފައެވެ. ވީއޭއެމްގެ އެއްވެސް މެންބަރަކަށް ނޭގި, މެންބަރުންގެ ރުހުމަކާއި ނުލައި މިފަދަ ބޮޑު ކަމެއް ހިގައިފައިވާނަމަ އެއީ ވީއޭއެމްގެ އަސާސީ ޤަވާއިދުގެ ބޭރުން ހިންގައިފައިވާ ކަންކަމެވެ. ކަނޑައެޅިގެން ބޮޑު އޮޅުވާލުމެކެވެ. ބޮޑު ގޯހެކެވެ." ޝަރަފް ބުންޏެވެ.
އެމުބާރާތް ކެންސަލް ކުރުމާއި ގުޅިގެން ޝަރަފް ބުނީ މިއަދު އެފްއައިވީބީއިން މޯލްޑިވްސް ބީޗް ޕްރޯ ޗެލެންޖު 2023 އެ ކެންސަލް ކުރީ ކަމަށެވެ. މާދަމާ އެފްއައިވީބީ އަށް ދަރާފައިވާ ފައިސާ ނުދައްކައިގެން ދިވެހިރާއްޖެ, ވޮލީބޯޅައިން ސަސްޕެންޑު ކޮއްފިނަމަ ޒިންމާވާނީ ކޮންފަރާތަކުންތޯ ޝަރަފް ވަނީ ސުވާލުއުފައްދައިފައެވެ. މިކަން މިހެން ވެއްޖެ ނަމަ ހުރިހާ ގެއްލުމަކާއި ހިތާމައެއް ލިބިގެންދާނީ ވޮލީބޯޅަ ކުޅެންތިބި ކުދިންނަށާއި ވޮލީގައި އަމަލީގޮތުން މަސައްކަތްކުރާ މީހުންގެ އިތުރުން ދިވެހި ވޮލީބޯޅައިގެ ސަޕޯޓަރުންނަށް ކަމަށް ވެސް ޝަރަފް ބުނެފައިވެއެވެ.
މީގެ އިތުރުން ޝަރަފް ބުނެފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި އެކިއެކި ކުޅިވަރުތަކުން ޤައުމަށް ރީތިނަން ހޯދައިދެމުން އަންނައިރު ދިވެހި ވޮލީބޯޅައަށް މިއޮތީ އަރައިގަންނަން އުދަގޫ, ހިތާމަވެރި ޙާލަތެއް ދިމާވެފައި ކަމަށެވެ. އެގޮތުން އިންޓަރ ސްކޫލުން ފެށިގެން ޤައުމީ ޓީމުތަކާ ހަމައަށް ރަގަޅު އެއްވެސް ކަމެއް ނެތް ކަމަށާއި ވޮލީ އާއިލާތެރެއިންނާއި އޭގެ ބޭރުންވެސް އޮތީ ގޯހުންގޯސް ހިގައިފައި ކަމަށެވެ.
"ހިތާމައިގެ ކޮޅެއްނެތެވެ. އިއްޔެއަކީ އެހިތާމައިގެ މައްޗަށް އައު ހިތާމައެއް ކުރިމަތިވުމުގެ ފެށުން އިއުލާނު ކުރެވުނު ދުވަހެވެ." ޝަރަފް ބުނެފައިވެއެވެ.