ފާއިތުވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 6 މަސް ދުވަހުން އަޅައިދެއްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންނެވި ރޭސިން ޓުރެކު އަޅަން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެ އަހަރުގެ ޖޫން މަހުގައި މޮޓޯ ރޭސިން އެސޯސިއޭޝަނުގެ ވެރިންނާއެކު އެމްޑީޕީ އޮފީހުގައި އެއިރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައި ރޭސްޖަހާ ޒުވާނުންނަށް ޚާއްޞަކޮށް ރޭސިން ޓުރެކެއް އަޅައިދެއްވަން ރައީސް ވައުދުވެވަޑައިގަތެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ކިޔައިދިން ގޮތުގައި ގޫގުލް މެޕު ހުޅުއްވައި ހުޅުމާލޭގައި ރޭސިން ޓުރެކު އަޅުއްވަން ވިސްނުންފުޅުގައި ހުރި ބިން ދައްކަވައި އެތަނުގައި ރޭސިން ޓުރެކު އަޅުއްވަން ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަމަށް ހޮވިވަޑައިގެންނެވި ފަހުން އެކަމުގެ އެއްވެސް ޚަބަރެއް ރައީސްގެ ފަރާތްޕުޅުން ލިބިފައިނުވެއެވެ.
ރޭސިން ޓުރެކު ވެރިކަމުގެ ފުރަތަމަ 6 މަސް ތެރޭގައި ނިންމަވާނެ ކަމަށް ރައީސް އިބްރާހީމް ވިދާޅުވުމާ ގުޅިގެން އެއިރު ބޭރުން އެކަމުގެ މާހިރުންތަކެއް ގެނެސް ރައީސް ދެއްކެވި ބިމުގެ ސާވޭއެއް ހަދައި އަމިއްލަ އަތުން ޚަރަދުކޮށްގެން ރޭސިން ޓުރެކުގެ ކުރެހުންވެސް އޮތީ ފުރިހަމަކޮށްފައެވެ.
ރޭސިން ޓުރެކުގެ މަސައްކަތް ނުހިނގައި އޮއްވައި މިއަދު ހެނދުނު އަލަށް އުފައްދާފައިވާ ރޭސިން އެސޯޝިއަނެއްގެ ވެރިން އާބަންކޯއަށް ގެންގޮސް ރޭސިން ޓުރެކު އެޅުމުގެ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފައިވެއެވެ.
ކުއްލި ގޮތަކަށް ރޭސިން ޓުރެކު އެޅުމަށް އެމްއޯޔޫއެއްގައި ސޮއިކުރި ސަބަބެއްކަމަށް އާބަންކޯގެ އޮފިޝަލެއް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް ރޭސިންގައި އުޅޭ ޒުވާނުން ބޮޑު ސައިކަލު ބުރެއް ބާއްވަން ނިންމުމެވެ. އެހެންކަމުން އެ ސައިކަލު ބުރުގެ ކުރިން ރޭސިންގައި އުޅޭ މީހުންގެ ތާއީދު ސަރުކާރަށް ހޯދޭތޯ އެމްއޯޔޫއެއްގައި ސޮއިކުރަން ނިންމީއެވެ.