ހިންދޫ ދީނުގެ ގުރޫއެއް ބައިވެރިވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައި އެ ހަރަކާތުގެ އިޝްތިހާރުތައް މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުކުރަން ފަށައިފިއެވެ.
މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުލާސްތަކެއްގެ ސިފައިގައި ބާއްވާ މި އިވެންޓުގައި އޮންލައިންކޮށް ހިންދޫ ދީނުގެ ތެރެއިން ކަންކަން ކިޔަވައިދެނީ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެކެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފުގެ ހިއްސާ އޮންނަ އުނިމާ ގުރޭންޑުގައި އޮންނަ މި ކުލާސްތަކުގައި "ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް" ހައްލުތައް ލިބިގެންދާނެ ކަމުގައި އެ ކުލާސްތައް އިޝްތިހާރުކޮށް ދައުރުކުރަމުން އަންނަ ޕޯސްޓަރުގައި ބުނެފައިވެއެވެ.
ވަކި ވަރަކަށް ޖާގަ ހުރުމާއެކު އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން މިހާރުއްސުރެއް އެ ކުލާހުން ޖާގަތައް ކަށަވަރުކުރުމަށްވެސް އެ ޕޯސްޓަރުގައި އިލްތިމާސްކޮށްފައިވެއެވެ.
މިއީ ރާއްޖޭގައި ހިންދޫ ދީން އުނގަންނައިދޭ ކުލާސްތަކެއް މިފަދައިން އާންމުކޮށް އިޝްތިހާރުކޮށްގެން ބާއްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިންޑިއާއާއެކު އުފެދިފައިވާ ގޮތް ނޭނގޭ ގުޅުމުގެ ސަބަބުން މިފަދަ ވަރަށް ގިނަ ނޭނގާނީ ކަންކަން ހިންގުމުގެ ފުރުސަތު އިންޑިއާ މީހުންނަށް ކުރިއަށްވުރެ ބޮޑަށް ފަހިވެފައިވެއެވެ.
ރައީސް އިބްރާހީމާއި އެމްޑީޕީއާ ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަކީ ހަރުކަށި ހިންދޫ ފިކުރުގެ ޕާޓީއެއްކަމަށްވާއިރު، ހިންދޫ ދީނާއި އެ ދީނުގެ ސަގާފަތު ބައިނަލްއަޤުވާމީ ފެންވަރެއްގައި ފެތުރުމަކީ އެ ޕާޓީގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު އެއް ބަހާއެވެ.