ގައުމަށް ޚިޔާނާތްތެރިވުން ފަދަ ޖަރީމާތަކެއް ނެތްނަމަ އިންޑިއާ އެކު މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަ ނުކުރަންޖެހޭ ސަބަބެއް އޮންނާނެތޯ އައްސަވައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުވާލެއް ރައީސް އޮފީހުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެން އައްސަވައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިންޑިއާ ސިފައިން ގާއިމުވެ ތިބޭ މައްސަލައިގައި ވިދާޅުވެފައިވަނީ "އަޅުގަނޑު މެންނަށް ތަނެއްގައި ފޮރުވިފައި ތިބި ބަޔަކަށް ނުވާނެ ދެއްތޯ އެއީކީއެއް. އެމީހުން ޔުނިފޯމު އަޅައިގެން، ބަޑި ހިފައިގެން ބޫޓުޖަހަމުން ހިނގާތަން ވެސް އަޅުގަނޑު މެންނަށް ރައްޔިތުންނަށް ފެންނާނެ ނޫންތޯ. ނުވަތަ އެމީހުންގެ ފަރާތުން އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ޒާތުގެ ކަންކަން ވެސް ފެންނާނެ ނޫންތޯ. ކީއްވެގެންތޯ އަޅުގަނޑުމެންނަށް އެވިދާޅުވާވަރަށް މިތަނުގަ ސިފައިން ފުރާ އޮތް އިރުގަ އެކަންކަން އަޅުގަނޑުމެން އާންމު ރައްޔިތުންނަށް ނުފެނިގެން މިއުޅެނީ" އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވާ ކުރު ވީޑިއޯ ކްލިޕެއް ހިއްސާ ކުރައްވައި އަދާލަތު ޕާޓީގެ އެކްޓިވިސްޓް ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވައި ވަނީ "ރާއްޖޭގައި ބޭރުގެ މިލިޓަރީއެއް އޮތްނަމަ އެކަން ފެންނާނެ. ފޮރުވިފައެއް ނޯންނާނެ." ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ރޭ ކުރެއްވި ޓްވީޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ "ތިބާވަތުގެ ވާހަކަތަކުން ދިވެހި ރައްޔިތުންނެއް ނޯޅޭނެ. ތިވިދާޅުވަނީ ބޭރުގެ މިލިޓަރީ އަކުން ދިވެހިރާއްޖެ ހިފައި އިސްތިޢުމާރު ކޮށްގެން ނޫޅޭ ވާހަކަ. ތިއީ މިވަގުތަކަށް ޚިލާފެއް އޮތް މައްސަލައެއް ނޫން؛ ޚިލާފު އުފެދިގެން އުޅޭ މައްސަލަޔަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް އަވަށްޓެރި ޤައުމަކާ އެކު ވެފައިވާ ޢަސްކަރީ ޠަބީޢަތުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން އެ ޤައުމުން ކޮންޓްރޯލް ކުރާ މަރްކަޒުތަކެއްގައި އެ ޤައުމުގެ ސިފައިން ޤާއިމުވެ ތިބޭ މައްސަލަ؛ ޤައުމަށް ޚިޔާނާތްތެރިވުން ފަދަ ޖާސޫސީ ޠަބީޢަތުގެ ޖަރީމާ ތަކެއް ބުނެވުނު އެއްބަސްވުންތަކުގައި ނުހިމެނޭނަމަ، ޤާނޫނުއަސާސީގައި ބުނާ އިޖްރާއާތުތައް ފުރިހަމަކޮށް އެ އެއްބަސްވުންތައް ދިވެހި ރައްޔިތުންނަށް ހާމަ ނުކުރަންޖެހޭ އެހެން ސަބަބެއް އޮންނާނެ ތޯ؟!" ކަމަށެވެ.
އިޔާޒް އާއި އަލީ ޒާހިރު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ އިންޑިއާ ސިފައިން މިގައުމުގައި ތިބި ކަމަށް އެއްބަސްވެފައެވެ. އެއާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް" އިން ވަނީ އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ އެކަމައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ކަމަށެވެ.
އެމައުލޫމާތު ދައުލަތުން ނުދިނުމާއި ގުޅިގެން މިހާރު އެމައްސަލައިގެ އަޑުއެހުންތައް ވަނީ ކޯޓުގައި ހިނގަން ފަށައިފައެވެ. މި މައްސަލައާގުޅިގެން ދައުލަތުން އެކިފަހަރު ދައްކާ ވާހަކަ ދިމާނުވާކަން ފާހަގަ ކުރެވެއެވެ.