ދައުލަތުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މުވައްޒަފުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ ކާކަށްތޯ މިހާރު ހޯދައި ބަލައިފައިވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މުވައްޒަފުންނާ ވާހަކަ ދައްކަވަނިކޮށް ނަގާފައިވާ ވީޑިއ ކޮޅެއް "ދިޔަރެސް" އަށް ވަނީ ލިބިފައެވެ. މިވީޑިއޯގައި ޝަރީފް ވަނީ އިބްރާހިމް މުހައްމަދު ސޯލިހް އަށް ވޯޓުދެއްވުމަށް އަންގައި މުވައްޒަފުންނަށް ބިރުދައްކައިފައެވެ.
މިބައްދަލު ވުމުގައި ޝަރީފް ވިދާޅުވީ "ކެތްތެރި ކަމާއި ހިކުމަތްތެރިކަމާ އަދި ކަންކަން ޓޮލަރޭޓް ކުރުމުގެ ގާބިލްކަން ހުރިކަން އޭގެއިން ދައްކައި ދެނީ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ އެއްވެސް ހާލެއްގައި ތިބޭފުޅުންނަށް ވަކި ކަމަކަށް މަހުބޫރު ކުރުވާކަށެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުގެ ވަރަށް ބޮޑު އާދޭސް އެއް، ވަރަށް ބޮޑު އެދުމެއް ތިހުރިހާ ބޭފުޅުން. ތިބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން އަޅުގަނޑުމެންގެ ސްޓާފުން އަޅުގަނޑޫމެން މިހާރުވާނީ ސްކްރީން ކޮށްފަ. އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ ސްޓާފުންގެ ތެރެއިން ކޮން ބޭފުޅުނުންނެއް ކަމެއް ތިމަންނަ ވޯޓުލަނީ މިވެނި މީހަކަށޭ، ތިމަންނަ ވޯޓްލަނީ މިވެނި މީހަކަށޭ، ތިމަންނަ ވޯޓްލާން ވަކި ގޮތެއް ނުނިންމަމޭ ބުނެފަ ހުރި ސްޓާފުން އަޅުގަނޑަށް އެނގޭ." ކަމަށެވެ.
އެކަން އެނގުނު ކަމުގައި ވިޔަސް އެއްވެސް މީހެއް ކައިރީ އެއްޗެއް ވިދާޅުނުވާނެ ކަމަށާއި ނަމަވެސް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ވޯޓް ކަރުދާސް ލިބުމުން ވިސްނާ ފިކުރު ކޮށްލުމަށް އެދިވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކީ، ތިބޭފުޅާއަށް ތިބޭފުޅާގެ އާއިލާއަށް ތިބޭފުޅާގެ ދިރިއުޅޭ މާހައުލަށް ރަށަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން. އެވިސްނުމަށް ގަހުގައި ރަނގަޅު ވިސްނުމެއްގައި ވިސްނައިފި ކަމަށް ވަންޏާ އަޅުގަނޑަށް ޔަގީން ތިބޭފުޅުންގެ އަތް ދާނީ ކެންޑިޑޭޓް ނަންބަރު ތިނަކާ ދިމާލަށްކަން. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގަ ވޯޓް ކަރުދާސް ހިތްޕަވައިގެން ވަޑައިގެން ވޯޓިން ބޫތުގައި ހުންނަވާއިރު ކެންޑިޑޭޓް ނަންބަރު 3 އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމދު ސޯލިހްގެ ނަންފުޅުގެ ދިމާލުގައި ފާހަގަ ޖައްސަވާ. މީއަޅުގަނޑުގެ އެދުމެއް. މީއެންމެ ބޭނުންވާ ގޮތް." ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ޝަރީފް ސްޓެލްކޯ މުވައްޒަފުންނަށް ރައީސް އިބްރާހިމަށް ކެމްޕެއިން ކުރުމަށް މިޝަން އެއް ސްޓެލްކޯގައި ގާއިމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ދާދި ފަހުން ނިމުނު ބައެއް ބައި-އިލެކްޝަން ތަކުގައި ވެސް ސްޓެލްކޯގެ މުދަލާއި މުވައްޒަފުން ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވަން ޝަރީފް މަސައްކަތް ކުރައްވާފައިވާކަން އިދިކޮޅުން ވަނީ ތުހުމަތަކެއް ކޮށްފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ ވަކި ވަކި މުވައްޒަފުންނާ ބައްދަލުކޮށް ޚާއްސަ އެލަވަންސް އެއް ދެއްވާނެ ކަމަށް ވެސް ޝަރީފް ވަނީ އެމުވައްޒަފުންގެ ގާތުގައި ވިދާޅުވެފައެވެ. ދިޔަރެސްއަށް އެގޭތެރެއިން މުވައްޒަފަކު ވަނީ އެކަމުގެ މައުލޫމާތު ވެސް ދީފައެވެ.
ޝަރީފަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަން ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުރެ އެ އިންތިޚާބުގެ ވޯޓް އޮޅުވާލުމުގެ ތުހުމަތު ކުރައްވާފައިވާ ބޭފުޅެކެވެ. އިދިކޮޅުން ބުނެފައިވަނީ މިސަރުކާރުން އެބޭފުޅާއަށް މަތީ މަގާމު ދިނުމުން އެކަން އިތުރަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ.