ވޮޝިންޓަން (އޮގަސްޓް 31) - އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އާންމުކޮށް ސިޔާދަތީ ދައުލަތްތަކަށް ބޭނުންކުރާ ފޮރިން މިލިޓަރީ ފައިނޭންސިން ނުވަތަ އެފްއެމްއެފް ޕްރޮގްރާމްގެ ދަށުން ޓައިވާނަށް އަސްކަރީ އެހީ ދޫކުރަން ހުއްދަ ދީފި އެވެ.
ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރޮއިޓާސްއަށް ފެނުނު އެ އިއުލާނުގައި ޓައިވާނަށް ތާއީދުކޮށް އެފްއެމްއެފްގެ 80 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދަން ސްޓޭޓް ޑިޕާޓްމަންޓުން ނިންމާފައިވާކަން ކޮންގްރެސްގެ ކޮމިޓީތަކަށް އަންގާފައިވެ އެވެ.
"އެފްއެމްއެފް ބޭނުންކޮށްގެން ޓައިވާނުގެ ސެލްފް ޑިފެންސް ގާބިލްކަން ހަރުދަނާ ކުރުމަށް ބޭނުންކުރާނީ ޖޮއިންޓް އެންޑް ކޮމްބައިންޑް ޑިފެންސް ކެޕޭސިޓީ އާއި މެރިޓައިމް ޑޮމެއިން ހޭލުންތެރިކަމާއި މެރިޓައިމް ސެކިއުރިޓީ ގާބިލްކަން އިތުރުކުރުން،" ކަމަށް އެ އިއުލާނުގައި ވެ އެވެ.
ޓައިވާނުގެ މި އިއުލާނު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އެސޯސިއޭޓެޑް ޕްރެސްއިންނެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ފޮރިން އެފެއާޒް ކޮމިޓީގެ ރިޕަބްލިކަން ޗެއާމަން އަދި ރެޕްރެޒެންޓޭޓިވް މައިކަލް މެކައުލް ވިދާޅުވީ ބައިޑެންގެ ސަރުކާރުން ޓައިވާނަށް އެފްއެމްއެފް ފޯރުކޮށްދޭތީ އުފާކުރައްވާ ކަމަށެވެ.
"މި ހަތިޔާރުތަކުގެ ސަބަބުން ޓައިވާނަށް އެހީވެ، ސަރަހައްދުގެ އެހެން ޑިމޮކްރަސީތައް ހިމާޔަތް ކުރުމުގެ އިތުރުން އެމެރިކާގެ ޑިޓާރެންސް ޕޮސްޗާ ވަރުގަދަވެ، ހަރުކަށި ސީސީޕީ (ޗައިނާގެ ކޮމިއުނިސްޓް ޕާޓީ) އިން އަޅުގަނޑުމެންގެ ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ،" މެކްކޯލް ވިދާޅުވެފައިވެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބަލަހައްޓާ އެންމެ ބޮޑު އަސްކަރީ އެހީގެ އެކައުންޓް ކަމަށްވާ އެފްއެމްއެފް އިން މައިގަނޑު ގޮތެއްގައި ހިލޭ އެހީ ފޯރުކޮށްދެނީ ފޮރިން މިލިޓަރީ ސޭލްސް ޕްރޮގްރާމްގެ ދަށުން އެމެރިކާގެ ދިފާއީ އާލާތްތަކާއި އަސްކަރީ ތަމްރީނުތައް ގަތުމަށް ބޭރުގެ ސަރުކާރުތަކަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ކޮންގްރެސްއަށް އެކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ޓައިވާނަށް އެފްއެމްއެފްގެ އެހީ ދޭން ނިންމުމުން އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ނަމަވެސް މިފިޔަވަޅުގެ ސަބަބުން ބެއިޖިންގެ ނުރުހުން ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ޑިމޮކްރެޓިކް އުސޫލުން އަމިއްލަ ވެރިކަމެއް ހިންގާ ޓައިވާނަކީ ޗައިނާގެ އަމިއްލަ ސަރަހައްދެއް ކަމަށް ބެއިޖިން އިން ބުނަމުންދާއިރު، ވޮޝިންޓަނާއި ޓައިޕޭއާ ދެމެދު "ރަސްމީ ގޮތުން އެއްވެސް ބާވަތެއްގެ މުއާމަލާތެއް" ނުހިންގުމަށް އިންޒާރު ދެ އެވެ. ޗައިނާގެ އިސްތިގުލާލުގެ ވާހަކަތައް ދޮގުކޮށް ޓައިވާނުން ބުނަނީ އެ މީހުންގެ މުސްތަގުބަލް ކަނޑައެޅޭނީ ޓައިވާނުގެ ރައްޔިތުންނަށް އެކަނި ކަމަށެވެ.
އެ ރަށަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ ޝަކުވާ ޗައިނާއިން މީގެ ކުރިން ވެސް ވަނީ އެމެރިކާއަށް ކޮށްފަ އެވެ. އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނީ އެމެރިކާގެ އަސްކަރިއްޔާއިން އެ ރަށާ އެކު ކުރާ ހުރިހާ ބާވަތެއްގެ "އަސްކަރީ ގުޅުން" ހުއްޓާލަން ޖެހޭ ކަމަށެވެ.
ޓައިވާނުގެ އެންމެ މުހިންމު ހަތިޔާރު ސަޕްލައިކުރާ އެމެރިކާ އިން މިދިޔަ މަހު ވަނީ ޓައިވާނުގެ ހަތިޔާރު އެހީގެ ޕެކޭޖުގެ އަގު 345 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އިއުލާނުކޮށްފަ އެވެ.