ވެރިކަން ލިބިއްޖެ ނަމަ، ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރު މުވައްޒަފުންނަށް އެއްކޮށް ޗުއްޓީވާ ގޮތަށް ކަނޑައަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދީނީ ކަންކަމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް އޮތުން ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
އެގޮތުން ފާއިތުވި އަޟްހާ އީދު ދުވަހު ސިޓީ ކައުންސިލުން އިސް ނަގައިގެން މާލޭގައި ތަކުބީރު ޖަހައި، ގިޑިގެތައް ހެދުމުން ރައްޔިތުންގެ ވަރަށްބޮޑަށް އެކަންތައް ބަލައިގެންކަން މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ފާހަގަކުރެއްވި އެވެ.
އެހެންކަމުން ދީނީ ކަންކަމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާގެ ވެރިކަމެއްގައި ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 ސަރުކާރު ބަންދުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަދި އެއާއެކު ސްކޫލުތަކުގެ އަށަކުން ދަށުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ވެސް ފަހު 10 ގައި ބަންދުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރުމުން އުމްރާއަށްދާ މީހުންނަށް އިތުރު ޗުއްޓީއެއް ނަގަން ނުޖެހުމާއެކު، ރޭ އަޅުކަމަށް ވެސް ފަސޭހަވެ ގިނަ ވަގުތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭ އޭދަފުށީގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާ--- ފޮޓޯ/ ޕީޕީއެމް
ރަމަޟާން މަހުގެ ފަހު 10 އެއްކޮށް ސަރުކާރު ބަންދުކުރަން ޑރ. މުއިއްޒު ވައުދުވީ އިރު، ފަހު 10 ދުވަހު ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ކަނޑައެޅުމަށް އެމްޑީޕީގެ ރިޔާސީ ކެންޑުޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވާ އެެމްޑީޕީގެ ކެންޑިޑޭޓުގެ މެނިފެސްޓީގައި ހިމަނާފައިވަނީ އަޅުކަމުގައި މަޝްއޫލުވެގެންއުޅޭ އެ ދުވަސްވަރު، މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުން "ވޯކް ފްރޮމް ހޯމް" ހަދާ ގޮތަށް ހިމަނާފަ އެވެ.