މިދިޔަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކޮށްފައި އޮތް މ. ނާލާފުއްޓާއި އެ އަތޮޅު މުލީގެ ކޯޒްވޭ ހެދުމުގެ މަސައްކަތް ނުފެށި އޮއްވާ، ރިޔާސީ އިންތިހާބަށް 10 ދުވަހަށް ވުމުން އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މުލި އަދި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ހަވާލުކުރީ ސަރުކާރު ކުންފުނި އެމްޓީސީސީއާއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން މުއްޔާއި ނާލާފުށްޓާ ދެމެދު 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެކަމަށާއި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާނެ ކަމަށެވެ.
އަދި އެ މަޝްރޫއުގެ ދަށުން އަދި ކޯޒްވޭގެ މަގުތައް ހެދުމާއި ތާރުއެޅުމުގެ މަސައްކަތް ކުރާނެ ކަމަށާއި 112 މީޓަރުގައި ރިވެޓްމެންޓް އަދި 15 މީޓަރުގައި ގްރޮއިން ޖަހާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
600 ދުވަސް ތެރޭގައި ނިންމަން ޖެހޭ އެ މަޝްރޫއުގެ އަގަކީ 125،587،778.40 ރުފިޔާއެވެ.
އިންތިހާބަށް 10 ދުވަހަށް ވެފައި ވަނިކޮށް މުލި އަދި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަޝްރޫއު ނިންމޭނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ އަންދާޒާކޮށްފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 އަށެވެ. އެކަމަކު އަހަރު ނިމުނު އިރު އެ މަޝްރޫއުގެ މަސައްކަތް ނުފެށި އޮތް އިރު މި އަހަރުގެ ބަޖެޓުގައި އެކަމަށް 2,070,206ރ. ހިމަނާފައި އެބަ އޮތެވެ.
އަދި 2024 ވަނަ އަހަރަށް 2,059,208ރ. ހިމަނާފައިވެއެވެ. އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައި އޮތީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.
ނަމަވެސް އެ ޕްރޮޖެކްޓުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ މިއަދު ކަމަށްވާއިރު އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި ނުފަށާކަން މިވަނީ ހާމަވެފައެވެ.