Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ 421 ނަރުހުން މިއަދު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ 421 ނަރުހަކު ކަންބޮޑުވުންތަކާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަނުގައި ނަރުހުން ބުނެފައިވަނީ 1 މެއި 2023 ގައި ނަރުހުންގެ އައު ޖޮބް މެޓްރިކްސްއަށް އަމަލުކުރަން ފެށުމާއެކު ވަރަށް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށާއި އެންމެ ގިނަ މައްސަލަތައް ފާހަގަކުރެވިފައިވަނީ މަގާމުތަކަށް ހިޖުރަ ކުރުމުގައިކަމަށެވެ.

އެ މައްސަލަތަކުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން 2024 އާއި ހަމައަށް ގްރޭސް ޕީރިއަޑެއް ދީފައިވިނަމަވެސް އެ ގްރޭސް ޕީރިއަޑަށް ބެލުމެއްނެތި ނަރުހުން ޑީމޯޓުކުރުން ހިމެނޭކަމަށް ނަރުހުން ބުނެފައިވެއެވެ.

އެކަމުގެ މިސާލެއްގެ ގޮތުން ނަރުހުން ފާހަގަކޮށްފައިވަނީ 1 މެއި 2023 ގެ ކުރިން ކްލިނިކަލް ނަރުހަކަށް ތިއްބެވި ނަރުހުން އިތުރު ނޯޓިސްއަކާއި ނުލައި އައު އޮނިގަނޑުގައި އެންރޯލްޑް ނަރުހަކަށް، ރެޖިސްޓާޑް ނަރުހަކަށް ނުވަތަ ސީނިއާ ރެޖިސްޓާޑް ނަރުހަކަށް ބަދަލުކޮށްފައިވާކަމަށެވެ.
އެހެން ނަމަވެސް އެ ނަރުހުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ބަލިމީހުންނަށް ހިދުމަތްކުރުމުގެ އިތުރުން ހާއްސަ ހިދުމަތްދޭ ތަންތަން ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުމާއެކު އެތަންތަނުގެ މުވައްޒަފުން ބެލެހެއްޓުމާއި ސުޕަވައިޒްކުރުން ހިމެނޭކަމަށާއި އަދި މަސައްކަތް ކުރާ ނަރުހުން އަދި ޑޮކްޓަރުންނާއި ދަސްކުރާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމާއި ސުޕަވައިޒްކުރުން ވެސް ހިމެނޭކަމަށް ނަރުހުން ބުނެފައިވެއެވެ.
އޭގެ އިތުރަށް އެ މަގާމުތަކުން ނަރުހުން ޑީމޯޓު ކުރެވުނު ކަމުގައި ވިޔަސް އެމީހުންގެ ވަޒީފާ ބަޔާންތަކަށް އަދި އަދާކުރާ މަސްއޫލިއްޔަތާއި ނަންގަވަން ޖެހޭ ޒިންމާތަކަކަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި އައު އޮނިގަނޑަށް ނަރުހުން ހިޖުރަ ކުރުމުގައި މަސައްކަތުގެ ތަޖުރިބާއާއި ހުނަރަށް ބަލާފައި ނުވާކަން ފާހަގަކުރެވޭކަމަށްވެސް އެ ނަރުހުން ބުނެފައިވެއެވެ.

އެކަމުގެ މިސާލެއްގެ ގޮތުން ނަރުހުން ބުނެފައިވަނީ 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ނަރުހުންނާއި އަލަށް ވަޒީފާއާ ގުޅޭ ނަރުހުން ރޭންކުގެ ގޮތުގައި ތިބެނީ އެއް ހަމައެއްގައި ކަމަށެވެ.

އިތުރު މައްސަލައެއްގެ ގޮތުގައި ނަރުހުން ބުނެފައިވަނީ ސްޕެޝަލް ކެއާ އޮނިގަނޑުގައި ތިބި ނަރުހުންނަށް ސްޕެޝަލަޓީ ދާއިރާއިން އިތުރަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ މަގާމުގެ ކުރިއެރުން ލިބެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.
އަދި ނަތީޖާއެއްގެ ގޮތުން ސްޕެޝަލް ކެއާ ނަރުހެއްގެ ރޭންކުގައި ހުންނަ ނަރުހަކު ހާސިލްކޮށްފައިވާ ޖެނެރަލް މާސްޓާ ނާސިން ސެޓިފިކެޓްން ޕްރޮމޯޝަން ލިބޭނެ ގޮތެއް ނޯންނަކަމަށާއި އެފަދައިން އެ ފުރުސަތު ނެތީ ޖެނެރަލް ނާސިން ހޮރިޒޯންޓަލް ލެޑަރއަށް ބަދަލުވުމުގެ ފުރުސަތު އައު އޮނިގަނޑަށް ހިޖުރަކުރިއިރު ދީފައި ނުވުންކަމުގައިވެސް ނަރުހުން ބުނެފައިވެއެވެ.

އެ ޕެޓިޝަނުގައި ނަރުހުން ވަނީ ނަރުހުންގެ އެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ.

ނަރުހުން ކަންބޮޑުވުންތައް ހިއްސާކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު މާދަމާ އެ 421 ނަރުހުން އެއްފަހަރާ 9 މިނިސްޓަރަކަށް އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވަޓްސްއެޕް މެސެޖެއް ފޮނުވަންވެސް ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ