Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިނަމާލެ ބްރިޖު

"ނޭޅޭނެ" ކަމަށް އެމްޑީޕީން ބުނި ބްރިޖު ހުޅުވިތާ 5 އަހަރު!

ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނުގެ ދެކަނބަލުން، އޭރުގެ ނައިބު ރައީސް ޖިހާދު އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒުގެ ދެކަނބަލުން. ފޮޓޯ: ރައީސް އޮފީސް.

މިއަދަކީ މާލެ އާއި ހުޅުމާލެ ގުޅުވާލަދިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނޫނީ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވިތާ 5 އަހަރު ފުރޭ ދުވަހެވެ.

މި ބްރިޖު ހުޅުވުމުގެ ކުރިން މާލެ އާއި ހުޅުމާލެ ދޭތެރޭ ދަތުރުކުރަން ޖެހެނީ ކަނޑުމަގުން ފެރީ ނޫނީ ލޯންޗުގައެވެ. 20 މިނިޓުގެ އެ ދަތުރަކީ މިހާރު މާޒީއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އިސްނެންގެވުމަށް، ޗައިނާ ސަރުކާރުގެ އެހީއާއި އެކު ބިނާކުރި ސިނަމާލެ ބްރިޖާއި އެކު ކަނޑުމަގުން ކުރަން ޖެހުނު އެ އުނދަގޫ ދަތުރުތައް ވަނީ ނިމުމަކަށް އައިސްފައެވެ.

ބުނީ ނުވާނެއޭ

ހުޅުމާލެއާއި މާލެ ގުޅާލުމުގެ ވައުދަކީ ރައީސް ޔާމީންގެ 2013 ގެ ކެމްޕެއިން ވައުދެކެވެ. އޭރުއްސުރެ އެމްޑީޕީން ދިޔައީ އެކަމަށް ހަޖޫ ޖަހާ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ރައީސް ޔާމީން ފެއްޓެވީ ބްރިޖުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ މަސައްކަތެވެ. މިގޮތުން އެކަން ކުރެވޭނެ ޤައުމުތަކާއި އެކަމަށް ފައިސާ ހޯދޭން ގޮތްތައް ހޯއްދެވިއެވެ.

އަދި އެކަން ކުރެވޭނެ އެންމެ ފަހި ގޮތަކީ ޗައިނާ މެދުވެރިކޮށްކަން ދަނެ، ޗައިނާގެ ރައީސް އަރިހު ތަކުރާރުކޮށް އެކަމަށް އެދިލެއްވިއެވެ. ރައީސް ޔާމީނާއި އަދި އޭރު ސަރުކާރުގެ އިސްވެރިން ކުރެއްވި މަސައްކަތުން ޗައިނާ ސަރުކާރުން ބްރިޖު އަޅަން ހިލޭ އެހީދީ އެ ބްރިޖު ހަގީގަތަކަށް ހަދަން އެއްބަސްވިއެވެ.

އެހިސާބުންވެސް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ބުނަމުން ދިޔައީ އެކަން ނުވާނެކަމަށެވެ. ބްރިޖުގެ މަސައްކަތްކުރުމަށް ޗައިނާގެ ސީސީސީސީ އާއި ހަވާލުކުރުމުންވެސް ދެން ބެލީ އެ ކުންފުނީގެ އަގު ވެއްޓޭކަހަލަ ވާހަކަތައް ސޯޝަލް މީޑިއާގައި އަދި ޕޯޑިއަމްތަކުގައި ދެއްކޭތޯއެވެ. މިގޮތުން އެއީ ވޯލްޑްބޭންކުން ބްލެކްލިސްޓުކޮށްފައިވާ ކުންފުންޏެއް ކަމަށާއި އެފަދަ މަސައްކަތެއް ކުރެވޭނެ ކުންފުންޏެއް ނޫންކަމަށް ބުނަމުން ގެންދިޔައެވެ.

ބްރިޖުގެ މަސައްކަތްފެށި، ރާޅުގަނޑު ސަރަހައްދުގައި ބްރިޖުގެ މަސައްކަތް ކުރަމުންދާތަން ބަލާ ޕްލެޓްފޯމެއް ހެދުމުންވެސް އެމްޑީޕީގެ ވާހަކަތަކަށް ބަދަލެއް ނާދެއެވެ. ބްރިޖު މަސައްކަތް ކުރަން އެޅި ވަގުތީ ޕްލެޓްފޯމްގެ ފޮޓޯ އާންމުކޮށް އެއީ ބްރިޖުތޯ ބުނެ ސުވާލު އުފެއްދިއެވެ. އަދި އަވަށްޓެރި ޤައުމެއްގެ ޖެޓީއަށް ރާޅެއް އަރާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުކޮށް އެއީ އެ ބްރިޖުކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރިއެވެ.

ސަރުކާރުން ދިނީ ޔަގީންކަން

މި ހުރިހާ ވާހަކަތަކެއް އޭރުގެ އިދިކޮޅުން ދައްކަމުން ދިޔައިރުވެސް ސަރުކާރުން ދިނީ ބްރިޖު ހުޅުވޭނެ ކަމުގެ ޔަގީންކަމެވެ. ބްރިޖުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބައްލަވަމުން ގެންދެވީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒެވެ.

އެމްޑީޕީގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން 2018 ވަނަ އަހަރުގެ ޖުލައި މަސްތެރޭގައި ޑރ.މުއިއްޒު ވިދާޅުވީ މަޝްރޫއު ނިންމަންޖެހޭ މުއްދަތަށްވުރެ ކުރިން މަޝްރޫއު ނިންމާ ބްރިޖު ހުޅުވާނެ ކަމަށެވެ. ބްރިޖު އެއްބަސްވުމުގައި އޮތީ އެ އަހަރުގެ ސެޕްޓެމްބަރުގެ 25 ވަނަ ދުވަހަށް ބްރިޖު ނިންމާށެވެ.

އެހެން ނަމަވެސް ޑރ.މުއިއްޒު ވިދާޅުވި ގޮތަށް، ބްރިޖުގެ މަސައްކަތް އެއްބަސް ވެވުނު ތާރީޚަށްވުރެ 25 ދުވަސް ކުރިން ނިންމާ އޯގަސްޓު 30 ވަނަ ދުވަހު ބްރިޖު ރަސްމީކޮށް ހުޅުވިގެން ދިޔައެވެ.

ބްރިޖު އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ބަރާބަރު 1141 ދުވަސްތެރޭ ބްރިޖުގެ މަސައްކަތް ނިންމާ ބްރިޖު ބޭނުންކުރަން ފެށުނެވެ.

ދަރަނި ދަންތޫރައެއްތަ؟

ބްރިޖުގެ މަސައްކަތް ގާތްގަނޑަކަށް ނިމި އެކަން ކުރެވޭނެ ކަމަށް ޔަގީންވުމުން ދެން އެމްޑީޕީން ދައްކަން ފެށީ ދަރަނީ ދަންތޫރައެއްގެ ވާހަކައެވެ.
އެވަރުގެ ބޮޑު ދަރަންޏެއް ބޮލުގަ އަޅައިގެން ބްރިޖެއް އެޅުމުގެ ބޭނުމެއް ނެތްކަމަށް ބުނަންފެށިއެވެ. އަދި އެއީ ޒަމާންތަކަކަށް ދަރީންގެ ދަރީން ދަރަނިވެރި ކުރުވާނެ ފަދަ މަޝްރޫއުއެއް ކަމަށް ބުނަންފެށިއެވެ. އެހެން ނަމަވެސް ބްރިޖު އަޅަން ކުރަންޖެހުނު ހަރަދާއި ނެގި ލޯނުގެ އަދަދަށް ބަލާލުމުން އެއީ ހަގީގަތެއް ނޫންކަން ސާފުވެއެވެ.

ބްރިޖު މަޝްރޫއުގެ ޖުމްލަ އަގަކީ 3.053 ބިލިއަން ރުފިޔާއެވެ. އޭގެ 57 އިިންސައްތަ ކަމަށްވާ 1.742 އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. ދިވެހި ސަރުކާރުން ހަރަދު 9 އިންސައްތަ ކަމަށްވާ 277 މިލިއަން ރުފިޔާ ހަރަދުކުރިއެވެ. ޗައިނާއިން ލޯނުގެ ގޮތުގައި މަޝްރޫއަށް 1.033 ބިލިއަން ރުފިޔާ ދިނެވެ. އެ ލޯނު އަނބުރާ ދައްކަން ފެށީ މި އަހަރެވެ. އަދި 15 އަހަރު ލޯނު އަނބުރާ ދައްކަން ލިބެއެވެ. އެހެން ކަމުން ލޯނު ދައްކާ ނިންމަން ޖެހޭނީ 2038 ވަނަ އަހަރުގައެވެ.

މި މުއްދަތުގައި ލޯނު ދައްކާއިރު އިންޓަރެސްޓް ރޭޓަކި 2 އިންސައްތައެވެ. އެއީ ކޮމާޝަލް ލޯނުތަކާ އަޅާ ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. ލޯނު، 15 އަހަރުން ދެ އިންސައްތައިގެ ކޮމްޕައުންޑް އިންޓަރެސް އަރާގޮތަށް ހިސާބު ކުރާނަމަ ޖުމްލަ 1.39 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 92 މިލިއަން ދިވެހި ރުފިޔާ އެވެ. އަހަރެއްގެ ތެރޭގައި 92 މިލިއަން ރުފިޔާ ދެއްކޭނެހާ ގާބިލުކަން ރާއްޖޭގައި އެބަހުއްޓެވެ. ރައީސް ޔާމީންގެ ސަރުކާރުން އުފެއްދެވި ސޮވެރިން ވެލްތް ފަންޑަށްވެސް 2 މަސް ތެރޭގައި 92 މިލިއަން ރުފިޔާ ވަދެ އެވެ. އެއީ ސީދާ ލޯނު ދެއްކުމަށާއި އިގްތިސާދަށް އަރާ ކުއްލި ލޮޅުންތަކުގައި ބޭނުން ކުރުމަށް އުފެއްދި ފަންޑެކެވެ. އެހެންކަމުން، އެ ފަންޑަށް ލިބޭ ފައިސާ އެކަނި ބޭނުން ކޮށްގެންވެސް ބްރިޖު ލޯނު ދެއްކޭހާ ރާއްޖެ ގާބިލެވެ. އަދި 15 އަހަރަށްވުރެ ކުރު މުއްދަތަކުންވެސް އެ ލޯނު ދައްކަިއ ހަލާސް ކުރުމަކީވެސް ނާދިރު ކަމެއް ނޫނެވެ.

އެހެން ކަމުން ދަރަނި ދަންތޫރައެކޭ ކިޔައިގެން އެމްޑީޕީން ދެއްކީވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން އެނގެއެވެ.

ބްރިޖާއި އެކު އިޤްތިސާދަށް ދިރުން

ބްރިޖު ހުޅުވަން އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެ މުނާސަބަތު ސިފަކުރެއްވީ ދިވެހިންނަށް އާފަތިހަކަށް އަލިވިލިފައިވާ ގޮތުގެ ހެއްކެއްގެ ގޮތުގައެވެ. ބްރިޖާއި އެކު ދިވެހީންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ އުންމީދު އާލާވެ، ދިވެހިންގެ ކުރިމަގަށް އަލިމަގެއް ހުޅުވިގެން ގޮސްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކުގެ ތެދުކަން މިއަދު ފެންނަ މަންޒަރުތަކުން ސާފުވެއެވެ. ބްރިޖުގެ ސަބަބުން އިޤްތިސާދަށް ބޮޑެތި ކުރިއެރުންތައް ގެނެވިއްޖެއެވެ. ވިޔަފާރިތަކުން މާލެއަށް މުދާ ގެނައުމުގައި އުފުލަންޖެހޭ ތަކުލީފު އެތައް ގުނައަކަށް ކުޑަކުރެވިއްޖެއެވެ. ހުޅުމާލޭގައި އެތައް ހާސް ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމުގެ ފުރުސަތު ފަހިވެއްޖެއެވެ.

އަދި މިފަދަ ބިޔަ މަޝްރޫއުތަކަކީ ދިވެހިރާއްޖޭގައި ވެސް ހިންގޭނެ ފަދަ މަޝްރޫއުތަކެއްކަން މިހާރު ދިވެހިންނަށް ގަބޫލުކުރެވިއްޖެއެވެ.

މި ލިއުމާއި ގުޅޭ