Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕާކިސްތާން

އިމްރާން ޚާންގެ ޖަލުހުކުމް ސަސްޕެންޑް ކޮށްފި، އެކަމަކު ޖަލުން މިނިވަން ވާނެކަމަށް ނުބެލެވޭ

އިސްލާމްއާބާދު (އޮގަސްޓް 29) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިއްވާފައިވާ ކޮރަޕްޝަންގެ ހުކުމް އެޤައުމުގެ ކޯޓަކުން ސަސްޕެންޑްކޮށްފި ކަމަށާއި، އެކަމަކު ޖަލުން ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ދާދި ފަހުން އިއްވި ހުކުމް ޕާކިސްތާނުގެ ކޯޓަކުން ސަސްޕެންޑްކޮށްފައިވާ އިރު، އެކަމުގެ ސަބަބުން އިމްރާން ޖަލުން މިނިވަންވާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވީ އިމްރާންގެ ވަކީލުންގެ ޓީމުގެ ޕާކިސްތާނުގެ ގާނޫނީ ވަކީލް ނައީމް ޕަންޖޫތާ އެވެ.
އުމުރުން 70 އަހަރުގެ ކުރީގެ ކްރިކެޓް ހީރޯ އަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރި ފަހުން އެ ގައުމުގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ތާށިވެފައިވާ ބޭފުޅެކެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ބާރުގަދަ ޖެނެރަލުންނާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
އިމްރާން ޖަލަށް ލީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ވިއްކުމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުންނެވެ. އެ ހުކުމުގެ ނަތީޖާއެއްގެ ގޮތުންނާއި ކުރިއަށް އޮތް މަސްތަކުގައި ގައުމީ އިންތިހާބެއް ބޭއްވޭނެ ކަމަށް ބެލެވޭތީ ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ވެސް ވަނީ އިމްރާން ފަސް އަހަރަށް އިންތިހާބުގައި ވާދަކުރުން މަނާކޮށްފަ އެވެ.
އިމްރާންގެ ވަކީލު ޕަންޖޫތާ އެކްސްގައި ބުނެފައި ވަނީ "ހުކުމް ސަސްޕެންޑް ކޮށްފައި މިވަނީ،" އެކަމަށްޓަކައި "މާތް الله އަށް ތައުރީފުކޮށް 'ޝުކުރު ކުރަން" ކަމަށެވެ.
އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމުން އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރީ އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ނުދީ އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްފައިވާ ކަމަށް ބުނެ އެވެ.
އަދި އިމްރާން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ވެސް ކޯޓުން އަމުރުކޮށްފައިވާ ކަމަށް އިމްރާންގެ އެހެން ގާނޫނީ ވަކީލެއް ކަމަށްވާ ޝޯއިބް ޝާހީން ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ. އެހެން ނަމަވެސް އެހެން މައްސަލަތަކުގައި އޭނާ ހައްޔަރުކުރަން ކޯޓު އަމުރެއް އޮތުމުން އޭނާ މިނިވަން ކުރާނެ ކަމެއް އަދި ނޭނގެ އެވެ.
އިމްރާންގެ މައްޗަށް އުފުލާފައިވާ ގިނަ މައްސަލަތަކުގެ ތެރޭގައި ގަސްދުގައި މީހުން މެރުމަށް ހިތްވަރު ދިނުމުގެ ދައުވާއާއި ދައުލަތުގެ ސިއްރުތައް ލީކުކުރުމުގެ ދައުވާ އާއި ހަރުކަށި އިހުތިޖާޖުތައް ހިންގުމުގެ ދައުވާ ހިމެނެ އެވެ.
ދައުލަތުގެ ސިއްރުތައް ލީކުކޮށް، ގައުމީ ސަލާމަތަށް ބުރޫ އަރާކަމުގެ ތުހުމަތުގައި އޭނާ މިހާރު ވެސް ވަނީ އެހެން މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.
އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ސަސްޕެންޑް ކުރުމާ އެކު އިންތިހާބުގައި ވާދަކުރުން މަނާ ކުރުމަށް ބުރޫ އަރާނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.
މިއަހަރުގެ ފަހުކޮޅު ގައުމީ އިންތިހާބެއް ބާއްވަން ހަމަޖެހިފައިވީ ނަމަވެސް އެ އިންތިހާބު އެތައް މަހެއް ވަންދެން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ސަސްޕެންޝަނަކީ އިމްރާނަށް އިތުރު ކާމިޔާބީއެއް ކަމަށްވާއިރު، މި ހުކުމް ނެރެފައި މިވަނީ ބަލޫޗިސްތާން ހައި ކޯޓުން އިމްރާންގެ މައްޗަށް އުފުލާފައިވާ ގައުމިއްޔަތާ ހިލާފު ދައުވާތައް ނުހައްގުން ހުށަހަޅާފައިވާ ކަމަށް ބުނެ ބޭރުކޮށްލިތާ އެއް ދުވަސް ފަހުންނެވެ.
މި ލިއުމާއި ގުޅޭ